މެންބަރުންގެ ޚިޔާލު: މައުމޫނިޒަމްގެ ވައިރަހުން މިޤައުމު ސަލާމަތް ކޮށްދޭށެވެ!

ފުނަމާ

ރާއްޖޭގައި މިނިވަން ދިމިކްރާތީ ވެރިކަމެއް އެބައޮތްތޯ ސުވާލު ކޮއްލައިފިނަމަ ދެއްވާނީ ކޮންޖަވާބެއްތޯއެވެ؟ ތިންބާރު ވަކިކުރެވި މިނިވަން ވެފައިވާ ރިޔާސީ ނިޒާމެއްގެ ދަށުން ހިންގަމުންގެންދާ ، މަލްޓިޕާޓީ ނިޒާމެއް ރާއްޖޭގައި އެބައޮތްކަމުގައި ވިދާޅުވާނީ ކިތައް ބޭފުޅުންތޯއެވެ؟ ސިޔާސީ ޕާޓީ ހެދުމުގެ މިނިވަންކަން ދިވެހީން ހޯދީ ކޮންފަދަ ހާލެއްގައިކަން ވިސްނަވާށެވެ. ބަހުގެމާނަ އަރާރުންކޮށްގެން އެކިއިރު އެކިގޮތަށް ދެއްކުނު އެތަކެއް ބަހަނާތަކަށްފަހު ދިވެހީން ސިޔާސީ ޕާޓީ އުފެއްދީ “މޮހޮނަށް އޮޑިދިންގޮތަށް” ސިޔާސީ ޕާޓީ ހިންގާން ހެއްޔެވެ؟ ވިސްނާ ވަޑައި ގަންނަވާށެވެ. މިއަދު ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގަމުން ގެންދަނީ ކިހިނެއްތޯއެވެ؟ ޕާޓީގެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި އެޕާޓީއެއްގެ ނަމުގެ ކުރިއަށް އަކުރެއްލައިގެން ޕާޓީގެ ހިންގާ ގަވާއިދުގެ ގޮތުގައި އޭގެ ބެލެނިވެރި ފަރާތް ކަމުގައި ބުނެއުޅޭ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ގޮތާ މުޅީން ޚިލާފަށް ކަންކަންކުރުމުން އެކަމަކީވެސް މިއަދު ހަމައެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ހަދައި އެކޮމިޝަނުން އެއޮންނަނީ ބަލަހައްޓައިގެން ޗުއްޕުވެސް ބުނާން ނުކެރިފައެވެ. މިއަދު ރާއްޖޭގައި އޮތީ ކިތައް ސިޔާސީޕާޓީކަމެއްވެސް ނޭނގެއެވެ. މާދަމާ އެމްޑީޕީ 1 2 3 ގެ ނަމުގައިވެސް ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަކާ ނުލައި ހިންގާންވީއެވެ. ދާދިފަހުން ރިފޯމް މޫވްމެންޓުގެ ނަމުގައި ރަޖިސްޓްރީ ކުރާން އުޅުނު ޕާޓީއެއްގެ ފުރަތަމަ ޖަލްސާ ބާއްވާން އުޅުނުއިރު އިލެކްޝަންސް ކޮމިޝަނުން ކުޅިމިރުހެއް ކެވިގެން އުޅުނުހެން އެޖަލްސާއަށް އެކޮމިޝަނުގެ މީހުން ފޮނުވައިގެން މީހުންގެ އަދަދު ހަމަވޭތޯ ބަލާންއުޅުނު އިރު ހީވަނީ އެހެން ކަމެއްހެން ނެވެ. މިއަދު ގާނޫނީ ގޮތުން އުފެދިފައިވާ ސިޔާސީ ޕާޓީއެއް، އަދި އަމުދުން މަޖުލީހުގެ އަޣްލަބިއްޔަތު އޮތް ، ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ޕާޓީގެ ނަން ދެފައިންއަރައި ދެއަތުން ދަމައި އިރާލައިގެން ބަޔަކު ތިބެ ހެއްދެވި ނުހެއްދެވިއަށް ގޮވާއިރު އެބުނާ ޒިންމާދާރު ކޮމިޝަން ވުޖޫދުގައި ދެމިއޮތްކަމާމެދުވެސް ޝައްކެވެ. މިއީ ރާއްޖޭގައި ސިޔާސީޕާޓީ ހިންގުމުގެ ހާލަތު އޮތްގޮތެވެ. ގަބޫލު ކުރެއްވޭތޯއެވެ؟
ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވަނީ މިއީ ރިޔާސީ ނިޒާމެއްއޮތް ގައުމެއް ކަމުގައެވެ. އެކަމަކު އެގާނޫނު އަސާސީގައި ރިޔާސީ ނިޒާމާ ޚިލާފު ކިތައް މާއްދާ އެބައޮތްތޯއެވެ؟ އަދި ރިޔާސީ ނިޒާމާ ތަޢާރަޟްވާ ކިތައް ގާނޫނު ހެދި އަމަލު ކުރެވެމުން އެބަދޭތޯއެވެ؟ ގާނޫނުއަސާސީ ގައި މިއީ ޔުނިޓަރީ ދައުލަތެއް ކަމުގައި ބުނެފައިވާއިރު ލޯކަލް ކައުންސިލްގެ ގާނޫނުގައި މިއާފުށުއަރާ ކިތައް މާއްދާ އެބައޮތްތޯއެވެ؟ ގާނޫނު މާނަކުރުމުގެ ޒިންމާއުފުލާ ސްޕްރީމްކޯޓުގައި އަދިވެސްހުރީ ތަޅުއަޅުވާފަތޯއެވެ؟
މީޑިޔާގެ މިނިވަންކަމަކީ މިފަދަ ގައުމެއްގެ ހަތަރުވަނަ ބާރުކަމުގައި ބުނެ އުޅޭއިރު އެބައެއްގެ ޖީބުގެ ތެރޭގައި ސަރުކާރު އޮތުމަށް ކެތްމަދު ވެފައިވާ ދެތިން މަހުޖަނުން ޓީވީޗެނަލް ހަދައިގެން 24 ގަޑިއިރު ސަރުކާރު ވައްޓާލުމަށް ރައްޔިތުންނަށް ގޮވަމުން ގެންދިއުމަކީ މީޑިޔާގެ މިނިވަންކަމުގެ ފައިދާ ހަމައެކަނި ހިފާންއޮތްގޮތް ކަމުގައި ދެކިގެން މެނުވީ ހަތަރުވަނަ ބާރަކަށް މީޑިޔާ ހެދޭން ނެތީތޯއެވެ؟ އެއް ، ޚަބަރާ އަނެއް ޚަބަރަކާ މަސްހުނިކޮށް ރައްޔިތުންނަށް އޮޅުންބޮޅުން އަރާނެ ބީދަޔަކުން ކަނޑައެޅިގެން ދޮގު ޚަބަރުތައް ފަތުރަމުންދާއިރު އަދި، އިންތިހާއަށް އެއްފަރާތަކަށް ފިކުރުތައް ސޮއްސާލައިފައި ވާއިރު މީޑިއާގެ ރެގިއުލޭޓަރީ ބޮޑީއެއް މިގައުމުގައި މީޑިޔާގެ ކަންކަން ބަލާން އެބައޮތްކަމާ މެދު ޝައްކު ނޫފެދޭތޯއެވެ؟
ޝަރުޢީ ދާއިރާއަށް ހުށައެޅޭ ކަންކަމުގައި އެއްބާވަތެއްގެ ކަންކަމުގައި ތަފާތު ޙުކުމްތައް ކުރަމުން ގެންދާއިރު މިއީ އިންސާފުވެރި ޝަރުޢީ ނިޒާމެކޭ ބުނުމުގެ ފުރުސަތު ކިހާވަރަކަށް އެބައޮތްހެއްޔެވެ؟ ﷲ ތަޢާލާގެ މިންވަރުފުޅުން ދިވެހީންނަށް މިދެއްވާފައިވާ މަތިވެރި އިސްލާމީ ޝަރީއަތުގެ އިންސާފުވެރިކަން ކިހާވަރަކަށް އެބަ ދައްކުވައި ދެވޭހެއްޔެވެ؟ މީސްތަކުން އެޝަރީއަތުގެ އިންސާފުވެރިކަން ދެކި ތެދުމަގު ޚިޔާރުކުރާ މަތިވެރި ޝަރީއަތް އޮރިޔާންކޮށް އެއްކަނުގައި ހިފައި ބިންމައްޗަށް ޖަހާކަމުގައި ތުހުމަތު ކުރެވޭ ބަޔަކަށް ކިހާވަރެއްގެ އިންސާފެއް މިގައުމުގައި ގާއިމު ކުރެވިދާނެ ހެއްޔެވެ؟
ތިރީސް އަހަރުގެ ޚުދުމުޚުތާރު ވެރިކަމުގެ ވައިރަހުން ލޮކުވެފައިވާ ޝަރުއީ ނިޒާމަކާއި ، އެވެރިކަމުގެ ވާރުތައިން މުއްސަނދި ވެފައިވާ އަމިއްލަ އެދުމުން ފުރިފައިވާ މަހުޖަނުންނާއި ، މަޖުލިސް މެންބަރުންނާއި ، މުޅިގައުމުގައި އިންދާދީފައިވާ މަސްތުވާ އެއްޗެތީގެ ވަބާއާއި މިލިފައިވާ ބޮޑެތި ގޭންގުތަކުގެ އަތްދަށުން މިގައުމު ސަލާމަތް ކުރުމަށް ، ސަރުކާރާއި ފުލުހުންނާއި ، ސިފައިން ކުރަމުން ގެންދާ މަސައްކަތަށް ފާޅުގައި ހުރަސްއަޅައި ، ޑޮލަރޭ ،އިގްތިސާދޭ ގޮވަމުން ނުކުމެ ގައުމުގެ ޒުވާނުންގެ ނަން ޚަރާބު ކުރަމުން ގެންދާ ސިޔާސީ “އަރުގޯލައިންގެ” ނާޗަރަންގީގައި ގައުމުގެ ހިމާޔަތުގައި ތިއްބެވި ފުލުހުންނާއި ސަލާމަތީ ބާރުތައް ކޮށާ ކުދިކުދިކޮށް އަލިފާން ޖަހާތަން ބަލާން ތިބުމަކީ މިބުނާ ހެޔޮވެރިކަން މާނަކުރާ ގޮތްހެއްޔެވެ؟ ދުނިޔޭގެ މީޑިޔާތަކަށް ކަމުގެ ހަޤީގަތް އޮޅުވާލައި ދެމުން ގެންދާ މައުލޫމާތު ތަކުގެ ސަބަބުން ދިވެހި ރާއްޖޭގައި މަގުމައްޗަށް ނުކުމެ ހައި ސެކިއުރިޓީ ޒޯނެއް ، އާންމުންގެ މިނިވަންކަމެއް ނެތްގޮތެއްގައި މަގުތަކުގައި ހުޅުޖަހާ ފުލުހުންނާއި ދިމާލަށް ގާއުކައި އަލިފާން އުކާމީހުން ހަންމަތަކޮށް ފުލުހުންގެ ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަކީ މައުމޫނުގެ ސަރުކާރުގައި ޖަލުގައި ތިބި ބައެއްގެ ގަޔަށް އޭނާގެ އޯޑަރަށް ބަޑިޖަހައި މަރައިލުމަށްވުރެ ބޮޑު ޖަރީމާއަކަށް ހަދާން އުޅުމަކީ މިގައުމުގެ ހާލަތު ކިހާމިންވަރަކަށް ވައްޓާލެވޭތޯ ކުރާ މަސައްކަތެއް ބާވައެވެ؟
ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް މިގައުމުގެ ޑިމޮކޮރަސީ ހަރުދަނާކޮށް މިނިވަން ޑިމޮކްރެޓިކު ވެއްޓެއް ގާއިމު ކުރެވޭނެ ދުވަހެއް މިގައުމުގައި ވަކި ހިއްޕައިގެން މިއޮތް މައުމޫނުގެ ތިރީސް އަހަރުގެ ޚުދުމުޚުތާރު ކަމުން ވާރުތަވެފައިވާ މައުމޫނިޒަމްގެ ނުރައްކާތެރި ވައިރަސް ނައްތާ ލެވިގެން މެނުވީ އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި ހަސަދައިން ފުރިފައިވާ ބައެއްނުކުމެ ޖަހާހާ ކުޅިއެއް ބަލާން ތިބުމަކީ ޑިމޮކްރަސީ ކަމުގައި މާނަކުރާން ވަރަށް ދައްޗެވެ. މިގޮތުގައި އަޅާނުލައި ތިބެން ވެއްޖެނަމަ މިވައިރަސް ދާދި އަވަހަށް އިތުރުވެ ޒާތްބަދަލުކޮށް މުޅިގައުމު ކައި ހުސްކޮށްފާނެ ކަން ކަށަވަރެވެ. ސަރުކާރުން މިކަމުގައި ވިސްނައި ވަޑައިގަތުމަށް ގޮވާލަމެވެ.