އެމްޑީޕީ ނަލަ ގޮފީގެ ފަރާތުން ނާލާފުށީ ކައުންސިލްއާއި ބަައްދަލު ކޮށްފި

ނާލާފުށީ ގެ އެމްޑީޕީގެ ގޮފީ (ނަލަގޮފި) ގެ ފަރާތުން މ. ނާލާފުށީ ކައުންސިލްއާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވީ ގޮފީގެ ރައީސް އާދަމް މުޙައްމަދު މަނިކު އާއި ނާއިބު ރައީސް އިބްރާހީމް ޙަމީދުގެ އިތުރުން ހިންގާ ކޮމެޓީގެ މެންބަރު ޢަބުދުﷲ ޙަމީދުއެވެ. ނާލާފުށީ ކައުންސިލުގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވީ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުއް ރަޙްމާން އާއި ކައުންސިލްގެ ރަށުގައި ތިއްބެވި އިތުރު ދެމެންބަރުންނާއި ޒިންމާދާރު ވެރިޔާއެވެ.
12 މެއި 2011 މ ދުވަހުގެ 15.00 އިން 15.30 އަށް މ. ނާލާފުށީ ކައުންސިލުގެ އިދާރާގައި ބޭއްވި މިބައްދަލުވުމަކީ މ. ނާލާފުށީގެ ކަރަންޓުގެ އަގަށް މިމެއި މަހުން ފެށިގެން -/6ރ ނެގުމަށް ކައުންސިލުން ނިންމާފައި ވުމާއެކު މިވަގުތަކީ ރާއްޖޭގައި ތަކެތީގެ އަގުބޮޑުވަމުންދާ ވަގުތަކަށް ވެފައި ކަރަންޓަށް މިގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރުން ސަލާމަތް ކުރުމުގެ ގޮތުން ކައުންސިލްއާއި ވާހަކަ ދެއްކުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެކުވެރި މާހައުލެއްގައި ހިނގައިދިޔަ ވާހަކަތައް ނިންމާލީ ކައުންސިލުގެ އެދުމުގެ މަތީން ޔުޓިލިޓީސްއާއި ވާހަކަ ދައްކައިގެން ވީއެންމެ އަވަހަކަށް ޔުޓިލިޓީސްއާއި އިންޖީނުގެ ޙަވާލުކުރުމުގެ ކަންކަން އެމްޑީޕީގެ ގޮފީގެ ފަރާތުން ކޮށްދިނުމަށް އެއްބަސްވެ އަދި ކުރިއަށް އޮތްތަނުގައިވެސް ރަށުގެ މިފަދަ ކަންކަމުގައި ކައުންސިލްއާއި އެމްޑީޕީ ގޮފި ގުޅިގެން ސަރުކާރުގެ ދާއިރާއިން އެއްބާރުލުން ހޯދުމުގައި މަސައްކަތް ކުރުމަށް އެއްބަސް ވުމާއި އެކުގައެވެ. މުލަކަތޮޅު ނާލާފުއްޓަކީ ޑީއާރުޕީގެ 5 ކައުންސިލަރުން ހިމެނޭ ކައުންސިލްއެކެވެ.