ފުނަމާ
ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ބޮޑުކޮށް އެހެންގޮތަކަށް އަނބުރާލުމުގެ އާދަހިފިފައިވާ ބަޔަކު އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ އެބައެއްގެ މަގްސަދާ އެއްގޮތްވާ ގޮތުގެ މަތީން ކަންކަން އޮޅުވައި އެއްފުށް އަނެއްފުށަށް ޖަހައިގެން ރައްޔިތުން އޮޅިމާރު ކުރުވޭތޯކަން މިދަނީ އެނގި ހާމަވަމުންނެވެ.
ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ކޮންމެ ދުވަހަކު އާކަމެއް ރާވައި ކޮންމެވެސް ފަރާތެއްގެ އެހީތެރި ކަމަކަށް ސަލާންޖަހައިގެން ނަމަވެސް މިކަން ކުރެވޭތޯ މަސައްކަތް ކުރަމުން މިއަދާހަމަޔަށް އައިއިރު މިކަމުގައި އިސްވެތިބި އެންމެހާ ފަރާތްތައް އެވަނީ ފެއިލްވެފައި ކަން މިއަދު އެތެރެއާއި ބޭރަށްވެސް މިވަނީ އެނގިފައެވެ. މިކަން އެންމެ ރަނގަޅަށް އެނގެމުން ދަނީ މިފަދަ މީހުންގެ އަމިއްލަ ވިއުގަވެސް ރޫޅި ، އަދި މިހާރު އިތުރަށް ބައިވެރުވަމުން ގެންދާ މީހުންވެސް މިމީހުންގެ ދަހިވެތި ނުބައި އަމަލުތަކާއި ޕުރޮޕެގެންޑާތައް ފަޅާއެރުމުން މިމީހުން ދޫކޮށް ދަމުންދާކަމެވެ. ނަމަވެސް އަދިވެސް ތަފާތު އެކިއެކި ބަހަނާތަކާއި ، ބުހުތާން ދޮގުތައް ހަދައިގެން މިމީހުންގެ އަސްލު މަގްސަދު ކަމުގައިވާ “ވެރިކަން ވައްޓާލުން” ގެންދަނީ ރާވައި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ރައްޔިތުން ވެރިކަމުން ދުރުކުރި މީހަކު އަޑީގައި ހުރެގެން މާޒީގައިވެސް ކަންހިނގާފައިވާ ގޮޮތަށް މިއަދު ވެރިކަމުގައި ތިބި ބަޔަކަށް ޖެއްސުމާއި އުނދަގޫ ކުރަމުން ގެންދާއިރު ވިސްނާލަން ޖެހެނީ އެކަން ކުރަން އެގޮތުގައި އެހުރެވެނީ މިސަރުކާރުން ، ދުނިޔޭގެ އެހެނިހެން ތަންތަނުގައިވެސް ކަންކުރާގޮތަށް މައުމޫނާމެދު ކަންކަން ނުކުރުމުންނެވެ. ރައްޔިތުން އޭނާގެ މައްޗަށް އަރައިގަނެ އިންސާފު ހޯދުމުގެ ނަމުގައި ނަމަވެސް އެފަދަ މީހުންނާއިމެދު ކަންކުރާން ދުނިޔެ އަންގައި ދެމުންދާ ގޮތަށް ކަންކުރުމަށް މިސަރުކާރުން ހުރަސް އަޅައި ހިމާޔަތާއި ރައްކާތެރިކަން ދީގެން އަޅާނުލައި ކުރިއަށް ދާތީއެވެ. ދިވެހި ރައްޔިތުންގެ ތެރެއިން އެތަކެއްހާސް ބަޔަކު ކުރީގެ ވެރިކަމުގައި ހިންގާފައިވާ އަނިޔާވެރި ކަންކަމުގެ ބަދަލު ހިފުމުގެ ޖޯޝުގައި ނުކުމެ އެވެރީންގެ ކިބައިން ބަދަލު ހިފާން ބޭނުންވެފައި ވީނަމަވެސް މިސަރުކާރު ހިންގެވުމާއި ޙަވާލުވެ ހުންނެވި ފަރާތުން އަބަދުވެސް އެގެންދަވަނީ އެކަންކަމަށް ހުރަސް އަޅުއްވައި ރައްޔިތުން މިފަދަ މަގަކަށް ނުނިކުތުމަށާ ރާއްޖޭގެ މީގެ ކުރީގެ ތާރީޚު އަނބުރާ އިއާދަކޮށް މާޒީވެ ދިޔަތަނުގައި ދިވެހި ރައްޔިތުން އިންސާފު ހޯދުމުގެ ނަމުގައިވިޔަސް ކަންކޮއްފައިވާ ގޮތައް ކަން ނުކުރުމަށާ ، ހަމަޔާ އިންސާފުގެ މަތީން ކުރެވޭ ޝަރީއަތެއްގެ އިންސާފުގެ ތެރެއިން މެނުވީ ހަމައެކަކާމެދުވެސް ކަންކުރުމަށް ދޫކޮށް ނުލައްވާނެ ކަމުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިއަކީ ދުނިޔޭގެ މަދުލީޑަރުންގެ ކިބައިންމެނުވީ ފެނިގެން ގޮސްފައިވާ ކެއްތެރިކަމާއި ހިކުމަތް ތެރިކަމެއް ނޫންކަން މިއަދު އިދިކޮޅު ފަރާތްތަކުންވެސް ހެތޮހިތުން ގަބޫލުކުރެއެވެ.
ދާދިފަހަކުން މިޕާޓީގެ އިސްފަރާތަކުން ކުރީގައި ވެރިކަންކުރި ފަރާތް ހިފައި ހައްޔަރު ކޮށްގެން މެނުވީ ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ހިންގަމުން މިގެންދާ ޣައިރު ޤާނޫނީ އަމަލުތައް ނުހުއްޓުވޭނެ ކަމުގައި ވިދާޅުވެ ސީދާ ގޮތުގައި ދައުލަތުގެ ޙާކިމާގެ ކުރިފުޅު މަތީގައި ވާހަކަފުޅު ދެއްކެވުމުންވެސް ފިސާރި ސާބިތުކަމާއި އެކު އިންސާފާ ހަމައިގެ މަތީން ކަންކަން ކުރެއްވުމަށާ އަދި ޖަޒުބާތުގެ އަޖަލުގައި ކަންކަން ކުރުމަށް ބާރުނޭޅުމަށް އެފަދަ ފަރާތްތަކަށް ރައީސް ނަޝީދު އެވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ ކުރީން އިސްވެދިޔަ ސަރުކާރުން ކަންކޮއްފައިވާ ގޮތަށް ، ކަމަކާމެދު ޝައްކުވެގެން އެވާހަކައެއް ފެތުރުމުގެ ކުރީން މީހާ ހައްޔަރުކޮށް ކުޑަގޮޅީގެ އެތެރޭގައި ،ކީސްބިޑިޔާއި އޭންގަލުގެ އަޒާބު ދެއްކުމަކީ މިސަރުކާރުގެ ވިސްނުމާއި ފަލްސަފާ ނޫންކަމުގައި އަބަދުވެސް ވިދާޅުވަމުން ގެންދަވާ ބަސްފުޅު އެވަނީ ތަކުރާރު ކުރައްވާފައެވެ. ނަމަވެސް މިކަމަކީ ޑޮލަރުގެ ނަގުލުގައި އެލިގެން ނަމަވެސް ހަމަނުޖެހުން ހިންގައިގެން ސަރުކާރު ވައްޓާލުމަށް ނުކުމެ އުޅުނު ބަޔަކު އަނެއްކާވެސް ބަހަނާއެއް ފެންމަތި ކުރުމަށް ފުރުސަތެއް ކަމުގައި ހަދާ އިތުރު ގަޑުބަޑެއް އުފެއްދުމަށް އެގެންދަނީ ބޭކާރު މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށް ބާރުދިނުމުގެ ގޮތުން ” މައުމޫނު ހިފައި ހައްޔަރު ނުކުރުމަށް އަވައްޓެރި އިންޑިޔާގެ ސަރުކާރުން މިސަރުކާރަށް އިންޒާރު ދީފިކަމުގައި” އަޑުފަތުރަމުން ކަންކަން އޮޅުވާލަމުން ގެންދަނީ ދިވެހި ރައްޔިތުން ނިދާފައި ތިބިކަމުގައި ހީކޮށް ކަމުގައި އެބަހީވެއެވެ. އިންޑިޔާ ސަރުކާރުން ނުވަތަ އެހެންވެސް ސަރުކާރަކުން މިފަދަ އިންޒާރެއް ދޭނީ ހަމަޔާއި އިންސާފުން ކަމުގައި ގަބޫލު ކުރާން ޖެހެއެވެ. އަދި އަބަދުވެސް އެކުވެރި ދައުލަތްތަކުން މުހިންމުކަން ދޭނީ އެގައުމެއްގެ އެތެރޭގެ ކަންކަން ހަމަމަގުގައި ކުރިއަށް ދިއުމުގައި އެންމެ ފައިދާބޮޑު ގޮތަކަށް ސަރުކާރާއެކު ވާހަކަދައްކައިގެންކަން މިއީ އޮޅޭނެ ހަގީގަތެއްވެސް ނޫނެވެ. ރާއްޖޭގައި ހިންގަމުން ގެންދިޔަ ހަމަ ނުޖެހުން ތަކާމެދު އިންޑިޔާ ނޫނަސް ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމުގައިވާ އެމެރިކާއާއި ޗައިނާފަދަ ގައުމުތަކުންވެސް އެގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގައުމާއި އެގައުމު ތަކާއި ދެމެދު މިއަދުއޮތް ބަދަހި ގުޅުމުގެ ސަބަބުން ރާއްޖޭގައި ހަމަނުޖެހުންތައް ހިނގައި ސަރުކާރަށް ގޮންޖެހުން ތަކެއް ކުރިމަތިވުމަކީ އެކުވެރި އެއްވެސް ގައުމަކުން ރުހޭނެ ކަމެއް ނޫނެވެ. އެހެން ކަމުން ” މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މަސްރަހު އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު ފަހިވެގެން ހިނގައިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އެގައުމުތަކުން އެގެންދަނީ މަޝްވަރާދެެމުންނެވެ. ޚާއްސަކޮށް ސަރުކާރަށް މިއަދު މިގައުމުގައި މިއޮތް އިންފަންޓު ޑިމޮކްރަސީ އެރެހައްޓައި ކުރިއަށް ގެންދިއުމަށާއި ، ރާއްޖޭގެ އިޤްތިސާދު ހަމަޔަކަށް އަޅުވައި ކަންކަމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމުގައި ފާޅުކަން ބޮޑުގޮތެއްގައި އެދަނީ އިރުޝާދު ދެމުން އެއްބާރު ލަމުންނެވެ. ނަމަވެސް މިކަންކަންވެސް މާނަބަދަލުކޮށް އިތުރު އޮޅުވާލުންތަކެއް ކުރިމަތިކޮށް ހަމަނުޖެހުންތަކެއް އުފެއްދުމަށް ރައްޔިތުންނަށް ރޯބުހުތާން ދޮގުތައް ހަދައިގެން ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މިގެންދަނީ މިފުރުސަތުގައިވެސް ބޭކާރު މަސައްކަތްތަކެއް ކުރަމުންނެވެ. މިކަންކަމަކީ ދިވެހި އެންމެހާ ރައްޔިތުން ފިސާރި ލޯހުޅުވައި ވިސްނާން ޖެހޭނެ ކަންކަމެވެ. އަދި އަމިއްލަ އެދުމުން ފޯވެފައިވާ އިދިކޮޅު ފަރާތްތަކުގެ މި ” ގުނބޯ ނެއްޓުމުގެ” މަޅީގައި ޖެހި ރައީސް ނަޝީދު އެވިދާޅުވާ ފަދައިން ” ޖަޒުބާތުގެ އަޖަލުގައި ޖެހި ” އެއްވެސް ކަމެއް ކުރުމަކީ މިސަރުކާރުދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ކޮއްގެން ވާނެ ކަމެއް ނޫނެވެ. ކީރިތި ﷲ މިގައުމު އެއަނިޔާވެރީންގެ ކިބައިން ސަލާމަތް ކުރައްވައި އަޅުގަނޑުމެންގެ ވެރީންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން!