އެމްޑީޕީގެ ރައީސް ޗައިނާގެ އެމްބަސަޑަރާއި ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

china

އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ޗައިނާގެ އެމްބެސަޑަރ ޔަންގ ޒިއުޕިންގ އާ ބައްދަލުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޓްރޭޑާރސް ހޮޓަލުގައި ބޭއްވި މި ބައްދަލުވުމުގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އޮންނަ ގުޅުމާއި، އަދި އެމްޑީޕީ އާއި ޗައިނާގެ ވެރިކަން ކުރާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މި ގޮތުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އެމްޑީޕީއަށް ފަންނީ އެހީތެރިކަން ވެދެއްވާނޭ ކަމަށާއި، ދެ ޕާޓީ ގުޅިގެން ކުރިޔަށް އޮތްތަނުގައި މަސައްކަތްކުރައްވަން ބޭނުނުންފުޅުވާ ކަމަށް އެމްބެސެޑަރ ޔަންގ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ މައުލޫމާތު ވެސް ޗައިނާ އެމްބެސަޑަރު ޑރ.ޑީޑީގެ އަރިހުން އޮޅުން ފިލުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ރިޔާސަތުގައި އެމްޑީޕީ އިތުރަށް ކުރިއަރުވަން ޗައިނާގެ ވެރިކަންކުރާ ޕާޓީގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމަކީ އެމަނިކުފާނު ވެސް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކަށްޓކައި ޗައިނާ ސަރުކާރަށާއި، ސަރުކާރު ހިންގާ ކޮމިއުނިސްޓް ޕާޓީ އަށް އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ޝުކުރުއަދާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން އެޕާޓީގެ ޕޮލިޓިކަލް ސެކްޝަންގެ ޗީފް ޒަންގ ޒުއެހާއި، އާއި ގޮންގ ހުއި ބައިވެރިވެވަޑައިގެންނެވިއެވެ.