އެމްޑީޕީ އަކީ ދިރެމުން އަންނަ ޘަޤާފަތެއް – އަލްހާން

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ލީޑަރޝިޕަށް ރޭ ތޮއްޑޫ އިން މަރުހަބާ ދަންނަވަނީ: އެމްޑީޕީގެ ވެރިންނަށް ތޮއްޑޫ އިން ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައިވޭ
އެމްޑީޕީގެ ލީޑަރޝިޕަށް ރޭ ތޮއްޑޫ އިން މަރުހަބާ ދަންނަވަނީ: އެމްޑީޕީގެ ވެރިންނަށް ތޮއްޑޫ އިން ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައިވޭ

އެމްޑީޕީ އަކީ ހަމަ އެކަނި ސިޔާސީ ފިކުރެއް ނޫން ކަމަށާއި، އެއީ ދިރެމުން އާލާވަމުން އަންނަ ޘަޤާފަތެއް ކަމަށް އެޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ތޮއްޑޫ ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާ ގައި އަލްހާން ވިދާޅުވީ މުސްތަޤްބަލުގައި ދިވެހި ގައުމިއްޔަތުގެ ފޭރާން އެމްޑީޕީގެ ކުލަޔާނުލާ ކުރިޔަށް ނުދާނޭ ކަމަށާއި، ޒަމާނުއްސުރެ ވެރިކަން ކުރަމުން އަންނަ ބޯދާ ނިޒާމާއި، މުޅި މިގައުމު ބަދަލުކޮށްލި އެމްޑީޕީއަކީ މާދަމާގެ ޖީލު ކޮޕީކުރާނެ ނިޒާމް ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވީ އެމްޑީޕީން މި ގެނައި ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ” ޒިންމާދާރު އިދކޮޅު ޕާޓީއެއް ނެތުން” ކަމަށާއި، ” އިދިކޮޅު ޕާޓީ އަކީ ހުންގާނެއް، މިސްރާބެއް ނެތި ދުއްވާ ޕާޓީ އަކަށް ވުން” ކަމަށެވެ. އަދި އަދިކޮޅު ޑީއާރުޕީއަކީ ” ބޮލު ރޮނދިކެނޑިފައިވާ ގުޑިއެއްގެ” ގޮތުގައި ސިފަކުރައްވަމުން އެމްޑީޕީގެ ނައިބު ރައީސް އަލްހާން އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ކުރުމަކީ އެމްޑީޕީގެ މެންބަރުންނެކޭ އެއް ފަދައިން އިދިކޮޅު ފަރާތްތަކުގެ ވެސް ވާޖިބެއް ކަމަށާއި، އެހެން ކަމުން ” ޖާހިލީ ޒަމާނުގެ ވިސްނުމާއި، އާއިލީ ފިކުރު ދޫކޮށް” ގައުމާއި މެދު ވިސްނުމަށް އިދިކޮޅު ޑީއާރުޕީ އަށް އަލްހާން ގޮވާލެއްވިއެވެ.
އިދިކޮޅު “ޙަޤީޤީ ޑީއާރުޕީ” ގެ އެއް ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި އަލްހާން ވިދާޅުވީ، “މި ޤައުމުގެ މުސްތަޤްބަލު އޮތީ ޒުވާނުންގެ އަތް މަތީގަ. އަލީ ވަހީދަކީ ވެސް ސިޔާސީ ކުރިއެރުން ބޭނުންފުޅުވާނެ ޒުވާނެއް. އެބޭފުޅާ އަށް ސިޔާސީ ކުރިއެރުމެއް އޮތީ އެމްޑީޕީއާއި ގުޅިގެން” ކަމަށާއި، އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާއަށް ބައްލަވާއިރު، މާދަމާ އުޖާލާކުރަން ބޭނުން ނަމަ އެމްޑީޕީ ފަދަ ޒުވާނުންނަށް ފުރުސަތު ދޭ ޕާޓީއަކާއި ގުޅިގެން ކުރިޔަށް ވަޑައިގެންނެވުމަށް އަލީ ވަހީދަށް ގޮވާލެއްވިއެވެ.
މި ގައުމުގެ މުސްތަގުބަލަށް ޓަކައި، އެމްޑީޕީން މި ގައުމަށް ގެނައި ފިކުރު ދިރުވަން އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރެވޭނީ ” މި ބަދަލު އައި އިރު، ރާއްޖެއަށް އިސްލާމްދީން ތައާރަފް ވުމުން، ކާބަފައިން ހެން ބުދުދީނަށް އަޅުކަންކުރާ، މާޒީ ދޫކޮށްލަން ބޭނުންނުވާ، އަދި އެފަރާތްތަކަށް ވާގިވެރިވާ ފޭލިވެފައިވާ ސިޔާސީ ޖަމާއަތުން” އެއްކިބާނެ އެމްޑީޕީ އާއި ގުޅިގެން ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި 2013 ވަނަ އަހަރު އަންނަން ވާއިރަށް އެމްޑީޕީގައި އެއްލައްކަ މެންބަރުން ހަމަކުރުމަށް މަސައްކަތްކުރުމުގެ ގޮތުން އިތުރު ދެ ބޭފުޅުން ޕާޓީއަށް ވެއްދުމަށް އެމްޑީޕީގެ މެންބަރުންނަށް އަލްހާން ގޮވާލެއްވިއެވެ.