ސިޔާސީ މަޤާމްތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ޕާޓީގެ އޮފީހަށް ހާޒިރުކޮށް ޒިންމާދާރު ކުރުވާނަން – ޑރ.ޑީޑީ
އއ.ތޮއްޑޫން އިބްރާހީމް ރާމިޒް
އއ.ތޮއްޑޫ އިން ފެންނަ މަންޒަރުތަކަށް ބަލާއިރު ކުރިޔަށް އޮތް ކޮންމެ އިމްތިޙާނަކުން އެރަށުން އެމްޑީޕީއަށް އޭ ރިޕޯޓް ލިބޭނޭ ކަމަށް އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ރޭ ތޮއްޑޫ ސްކޫލްގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ ތޮއްޑޫ އިން އެމްޑީޕީ އަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެއް ކަމަށާއި، ކޮންމެ ފަދަ އިމްތިހާނެއް ކުރިމަތިވި ކަމުގައި ވިޔަސް ތޮއްޑޫ އިން އެމްޑީޕީއަށާއި މި ސަރުކާރަށް އޭ ރިޕޯޓް ލިބޭނޭ ކަން ޔަޤީންފުޅުވާ ކަމަށާއި، އެމަނިކުފާނު ހުންނެވީ އެކަމަށް މަސައްކަތް ކޮށް ދެއްވުމަށް ތައްޔާރަށް ކަމަށެވެ.
އެމްޑީޕީގެ ރައީސް އިތުރަށް ވިދާޅުވީ 2013 އަންނަން ވާ އިރަށް އެޕާޓީގެ މެންބަރުންގެ ޢަދަދު 2 ގުނަ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރައްވާނޭ ކަމުގައެވެ. އަދި އެކަމަށްޓަކައި ޕާޓީގެ އިދާރީ އޮނިގަނޑު ހަރުދަނާކޮށް، އަސާސީ ގަވައިދުގައި ލާޒިމްކުރާ ކޮމިޓީތައް އުފައްދެމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދަވާ ކަމަށާއި، ޕާޓީގެ އޮފީހުގައި މިހާރު ވެސް މެންބަރުންނާ ބައްދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
ޑރ.ޑީޑީ އިތުރަށް ވިދާޅުވީ 2013 ވަނަ އަހަރުގެ ބޮޑު މަންޒަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ކާމިޔާބުކޮށް ދެއްވުމުގެ މަސައްކަތުގެ ފެށުން އައްޑޫ ސިޓީގެ ފޭދޫ ސްޓޭޑިއަމް ގައި ދާދި ފަހުން ބޭއްވި އެމްޑީޕީގެ ޖަލްސާގައި އިޢުލާންކުރައްވާފައިވާނޭ ކަމަށާއި، އެކަމަށް ހުރި ހުރިހާ ގޮންޖެހުމަކާއި، ހުރަސްތަކެއް ގިރާކޮށް ރައީސް ނަޝީދަށް 2013 ކާމިޔާބު ކޮށްދެއްވާނޭ ކަމަށެވެ.
ތޮއްޑޫއަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ވުޒާރާތަކުގެ އިސްވެރިންނާ ބައްދަލުކުރއްވައި އެ ބައްދަލުވުންތަަކުގެ މައުލޫމާތު އެމްޑީޕީ ތޮއްޑޫ ދާއިރާ އާއި ހިއްސާ ކުރައްވާނޭ ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ. އެގޮތުން އެގޮތުން ތޮއްޑޫގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް އޮތީ ކޮން މަރުހަލާ އެއްގައިތޯ ބެއްލެވުމަށް ވޯކްސް ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނޭ ކަމަށާއި، އޭގެ އިތުރުން ތައުލީމީ ދާއިރާ އާއި ސިއްޚީ ދާއިރާ އިން ވެސް ތޮއްޑޫ އަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެ ވުޒާރާތަކާ އެކު މަޝްވަރާ ކުރައްވާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
ތޮއްޑޫގެ ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާ ގައި ޑރ.ޑީޑީ ވިދާޅުވީ ސިޔާސީ މަޤާމެއް ގައި ހުންނެވި ކޮންމެ ބޭފުޅަކު ވެސް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހާޒިރުކޮށް އެމީހަކު ޒިންމާދާރުކުރުވުމުގެ މަސައްކަތްކުރައްވާނޭ ކަމަށާއި، އެފަދަ ފަރާތްތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދޭތޯ ބެލުމަކީ އެމްޑީޕީގެ އިސްވެރިންގެ ޤާނޫނީ ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. “ސިޔާސީ މަޤާމްތަކުގަ ތިއްބަވާ ބޭފުޅުން އެ އަދާކުރައްވަނީ ޕާޓީގެ ފަރާތުން ލިބިގފައިވާ މަޤާމެއް. އެފަރާތްތައް ޕާޓީ އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމުގެ ޤާނޫނީ ޒިންމާ ވެސް މަސްއޫލިއްޔަތުވެސް އަޅުގަނޑުގެ މައްޗަށް އެބައޮތް. އެކަން ކުރެވޭނެ. ކުރާނަން.ކޮށްފަ ދައްކާނަން.” ސިޔާސީ މަޤާމްތަކުގައި ތިއްބާވާ ބޭފުޅުން ޕާޓީ އޮފީހަށް ހާޒިރުނުކުރެވޭނޭ ކަމަށް ބުނަމުންދާ ފަރާތްތަކަށް ގޮންޖައްސަވައި ޑރ.ޑީޑީ ވިދާޅުވީއެވެ.
ޑރ.ޑީޑީގެ ވާހަކަފުޅުގައި މިސަރުކާރު ދައުރު ދެބައިވީއިރު ރައްޔިތުން ހުވަފެނުން ވެސް ނުދެކޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ކާމިޔާބީތަކަށް ބައްލަވާލެއްވިއެވެ.
ރޭގެ ޖަލްސާ ގައި އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި، މެދު ދެކުނު ސަރަހައްދުގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އާއި، އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ޙަސަން ޝިޔާންގެ އިތުރުން ތޮއްޑޫ ދާއިރާގެ ކައުންސިލް މެންބަރު އަލީ ނަސީރު ވެސް ވާހަކަފުޅު ދެއްކެވިއެވެ.