ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުން އައްޑޫ ސިޓީގައި ފެށިއްޖެ

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުން މިއަދު މެންދުރުފަހު ފެށިއްޖެއެވެ. މުޙިއްބުއްދީން ސްކޫލްގައި ހިނގަމުންމިދާ ކޮމިޔުނިޓީ ކެބިނެޓްގެ ބައްދަލުވުން ފެށްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ކޮމިއުނިޓީ ކެބިނެޓްގައި މަޝްވަރާ ކުރައްވާ މައިގަނޑު 4 ދާއިރާއިން ވަޒީރުން ޕްރެޒެންޓޭޝަން ދެއްވާނެއެވެ. އެއީ، އިޖްތިމާޢީ ދާއިރާއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި، ހެޔޮވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއެވެ. އަދި މިއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރްޞަތު، ރައްޔިތުންނަށް ހުޅުއްވައިލައްވާނެއެވެ.

އިޖްތިމާޢީ ދާއިރާއާ ބެހޭގޮތުން ހުށަހަޅުއްވާ ޕްރެޒެންޓޭޝަންގައި، ތަޢްލީމާއި، ޞިއްޙީ ޚިދްމަތާއި، އިޖްތިމާޢީ ރައްކާތެރި ކަމަށް ޒުވާނުންނާއި ކުޅިވަރު އަދި އިންސާނީ ވަސީލަތްތަކުގެ ބައި ވަނީ ހިމަނުއްވާފައެވެ. ޢުމްރާނީ ތަރައްޤީއާބެހޭ ޕްރެޒެންޓޭޝަންގައި، ބޯހިޔާވަހިކަމާއި، ބަނދަރާއި މަގު ހެދުމާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ފެނާއި ނަރުދަމާއާއި، ހަކަތައާއި އަދި ސާކް ސަމިޓާ ބެހޭގޮތުން މަޢްލޫމާތު ދެއްވާނެއެވެ. ހެޔޮވެރިކަމާބެހޭ ޕްރެޒެންޓޭޝަންގައި، މަޢްލޫމާތު ދެއްވާނީ، ލާމަރްކަޒު ކުރުމާއި، މަސްތުވާ ތަކެއްޗާއި، ކުށްކުރުން ހުއްޓުވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. އިޤްތިޞާދީ ދާއިރާއިން ދެއްވާ ޕްރެޒެންޓޭޝަންގައި ހިމެނެނީ، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި، ބާޒާރު ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމާބެހޭ މަޢްލޫމާތު ދެއްވުމެވެ.