އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާ ގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ދެއްކެވި ވާހަކަފުޅު (2)

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ އައްޑޫ ސިޓީގައި ދެއްކެވި ވާހަކަފުޅު

އއ.އުކުޅަހު ޝައުކަތު އިބްރާހިމްގެ އަލަތު ކައިވެންޏާއެކު، ރައްކާކޮށް ޖަމާކޮށްގެން ހޯދި ފައިސާއިން އޭނާ ބިނާކުރި ގެއަށް ވަދެވުނީ 16 އަހަރު ފަހުން. މިކަމުގައި އޭނާއަށްވީ ވަރު، ކުރެވުނު އެހެން އެކަކުވެސް ގާތްގަނޑަކަށް އުކުޅަހަކު ނެތް. މިދެއަހަރާ ބައިގާ ހިންގަން ފަށާފައި މިވާ ބޯހިޔާވަހިކަމުގެ އާ ވިސްނުމާ، ކަމަޅިމަތީ މަޝްރޫޢުތަކުގެ ސަބަބުން އިރާދަކުރެއްވިއްޔާ 16 އަހަރުން ބޯހިޔާވަހިކަން ލިބޭ އަލަތު ކައިވެނިތަކުގެ އިޙްސާސް މާޒީކުރާނެ. އަލަތު ކައިވެންޏާ، މާމުއިހަނދާ، އާ ގޭގެ ތަޅުދަނޑި އެއްފަހަރާ އެކުއެކީ އަތަށް ނުލިބޭ ކައިވެންޏެއްގައި އޮތީ ކޮން މީރުކަމެއްތޯ؟
ބޯހިޔާވަހިކަމުގެ ދަތިކަމަކީ، ރާއްޖޭގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ތަޙައްމަލް ކުރަމުން އަންނަ އުނދަގުލެއް، ދައްޗެއް، މާލޭގައި ޚާއްޞަކޮށް، މިކަން ބޮޑުވެފައި އޮތް މިންވަރު، އަޅުގަނޑަށް ފެންނަ ފެނުމުގައި، އިތުރަށް އަޅުގަނޑު ފާހަގަކޮށްދޭކަށް ނުޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް ވަޢުދުގެ ތެރެއިން، އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދަކީ އެންމެ ބޮޑު އަދި އެންމެ މުޙިންމު އެއް ވައުދު. މިވައުދު ފުއްދުމަށްޓަކައި، މިވޭތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ސަރުކާރަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފަ. އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް މިހާރު އެވަނީ ފެށިފަ. ބާކީ އޮތް ދެއަހަރާއި ބައިދުވަހުގެ ތެރޭގައި މި މަސައްކަތް އަޅުގަނޑުމެންނަށް ބާރަށް ކުރިއަށް ގެންދެވި، އަޅުގަނޑުމެން ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް.
މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ، މި ސަރުކާރުގެ ވައުދެއް. މަސްތުވަތަކެތީގެ އަވާގައި ޖެހިފައިވާ އަޅުގަނޑުމެންގެ ދަރިން އެ ވަބާއިން ސަލާމަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ފާއިތުވި ދެއަހަރާ ބައިގައި، މިކަމުގައި ސަރުކާރަށް ވަނީ ކުރިއެރުންތަކެއް ހޯދިފަ. މިކަމުގެ ނަތީޖާ ދަނީ ފެންނަމުން. ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2009 ވަނަ އަހަރަށް ވުރެ، 2010 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ 31 އިންސައްތަ ދަށްކުރެވިފަ. އެހެންނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނަށް، ފަރުވާދީގެން އެމީހުން އަލުން އަނބުރާ މުޖްތަމައުއަށް ނެރުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް އަޅުގަނޑުމެން ހަރުދަނާ ކުރަން އެބަޖެހޭ. ސަރުކާރުން މިދަނީ އެމަސައްކަތް ކުރަމުން އަޅުގަނޑު މިއަދުވެސް ތަކުރާރުކޮށް ދަންނަވާނީ، އެއީ ސަރުކާރަށް އެކަނި ކުރެވޭނެކަމެއް ނޫނޭ. އެކަމުގައި މުޖްތަމައުގެ އެހެންވެސް ފަރާތްތަކާއި، ވިޔަފާރި ކުންފުނިތަކާއި، ދައުލަތުގެ އެހެންވެސް މުއައްސަސާތަކުގެ އެއްބާރުލުން މިކަމުގައި ސަރުކާރަށް އެބަ ބޭނުންވެއޭ. މިކަންކަމުގައި ސަރުކާރުން ދެމިތިބޭނަން.
ރައްޔިތަކު ރަށު ބަންދުގައި ތިބެގެން، ރަށެއް، އަތޮޅެއް، ޤައުމެއް ތަރައްޤީއެއް ނުވާނެ. އަޅުގަނޑުމެންގެ ވިސްނުމާ ފިކުރު، ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިވެސް ބޭރަށް އެބަ ގެންދާންޖެހޭކަމުގަ، ތަކުރާރުކޮށް އަޅުގަނޑު މިދަނީ ދަންނަވަމުން. ރަށު ބަންދުން ވީއްލިގެން މެނުވީ، އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީ، އަނެއް ގޮތް އަޅުގަނޑުމެންނަކަށް ޙާޞިލެއް ނުކުރެވޭނެ. ރަށުގައި ތާށިވެ، ހާސްވެ، ގޮތެއް ނެތިފައި ހުރި މީހާ ރަށު ބަންދުން ވީއްލުމަށް، އެއް ރަށް އަނެއް ރަށާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅުވާލުމަކީ، މީގެ ކުރިން ދުވަހަކުވެސް، ހިންގިފައިނުވާ ފަދަ، މިބާވަތުގެ ބޮޑު މާސިންގާ މަޝްރޫޢެއް. ފާއިތުވި ދެއަހަރާ ބައިދުވަހުގެ ތެރޭގައި، މިނިޒާމުގެ އަސާސީ އޮނިގަނޑެއް އަޅުގަނޑުމެންނަށް މިވަނީ އެކުލަވާލެވިފަ. ބާކީ މި އޮތް ދެއަހަރާ ބައިގެ ތެރޭގައި، މިނިޒާމުގެ ބޮޑު ބައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ.
އަޅުގަނޑުމެންނަށް އިޖްތިމާޢީ ގޮތުން މި ބަދަލުތައް މި ގެނެވުނީ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު އެމަގަށް ފުރޮޅި، އޭގެ ހަމަ ބައްޓަމަށް ފެތެމުންދާތީ. ދެން ކުރާން އޮތް ކަމަކީ، އެ ނިޒާމު މެދުވެރިކޮށްގެން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މާލީ އަދި އިޤްތިޞާދީ ބަދަލުތައް ގެނައުން.
ދިވެހިރާއްޖެ މިވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ފަޤީރު ޤައުމުތަކުގެ ލިސްޓުން އުނިކުރެވިފައި. މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ރާއްޖެއަކީ، މެދު އާމްދަނީއެއް ލިބޭ ޤައުމެއް. ދުނިޔޭގެ ދަފްތަރުގައި ރާއްޖޭގެ ރަޖިސްޓްރީ ބަދަލުވެއްޖެ. އެފޮތުގައި މިރާއްޖެ މިހާރު އޮތީ މެދު އާމްދަނީގެ ލިސްޓްގައި. އަދުގެ ރާއްޖެއަކީ، ފުރިހަމަ ތަރައްޤީގެ ފޮނިމޭވާއާއި، ތަރައްޤީވެފައިވާ ޤައުމެއްގެ ސިފަތައް ލިބިގަންނާން ޖެހިފައިވާ ރާއްޖެއެއް. އެސިފަތައް ލިބިގަތުމަށްޓަކައި، އަޅުގަނޑުމެން މިއަދު އަވަސްވެގަންނާންޖެހޭ އެންމެ މުހިންމުކަމަކީ، މާލީ އަދި އިޤްތިޞާދީ ސިޔާސަތުގެ މައި މުގޫ އެދިމާއަށް މިސްރާބުކުރުވުން. އެކަމުގެ ބިންގާ މިހާރު މިވަނީ އެޅިފަ. މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ ބަދަލުވެފައިވާއިރު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު މިވަނީ ބަދަލުވެފަ. މިބަދަލުގެ އެންމެ ބޮޑު ބޭނުމަކީ، މިރާއްޖެ ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، މެދު އާމްދަނީގެ ޤައުމެއްގެ ގޮތުގައި ދުނިޔެއާ ފައިހަމަކޮށް، ފުދުންތެރި އިޤްތިޞާދެއްގެ ވެރި، އުފާ ފާގަތި ރައްޔިތަކު ދިރިއުޅޭ ރާއްޖެއަކަށް މިރާއްޖެ ބަދަލުކުރުން. މިކަމަށްޓަކާ ކުރާން އޮތީ، އަދި ކުރެވެން އޮތީ ވެސް، ހަމަ އެހެންމެ ކުރަމުން މިދަނީ މައިގަނޑު ދެކަމެއް. ފުރަތަމަ ކަމަކީ، ޚަރަދު ކުޑަކުރުން. އެގޮތުން، ދައުލަތުގެ ދަރަނި ނުވަތަ ޑެފިސިޓް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރެވި، ބައެއް މަސައްކަތްތައް މިވަނީ ކޯޕްރަޓައިޒް ކުރެވިފަ. ދިވެހި ރުފިޔާ ޗާޕުކުރުން މިވަނީ މުޅިން ހުއްޓާލެވިފަ. ކުޑަވާ ކޮންމެ ޚަރަދަކީ ޤައުމުގެ ފުދުންތެރިކަމަށްވާ އިތުރެއް. ޤައުމުގެ ފުދުންތެރިކަން އިތުރުވުމަކީ ރައްޔިތުން ފުދުންތެރިވުން. ރައްޔިތުން ފުދުންތެރިކުރުމަކީ މިސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިންވެސް އަޅުގަނޑުމެން އެކަށައަޅާފައިވާ ސިޔާސަތެއް. ކުރާން އޮތް ދެވަނަކަމަކީ، ދައުލަތަށް ލިބޭ އާމްދަނީއަކީ، ދެމެހެއްޓެނިވި އާމްދަނީއެއްކަމުގައި ހެދުން. އެ އާމްދަނީ އިތުރުކުރުން. އެކަމަށްޓަކައި، ޓެކްސް ނެގުމުގެ އިދާރީ ބިލް ފާސްކުރެވި، ޓެކްސް ނަގާނެ އިދާރާއެއް މިވަނީ ޤާއިމްކުރެވިފަ. ފަތުރުވެރިކަމުގެ ދާއިރާއިން ވިއްކާ މުދަލާއި ދޭ ޙިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ ޤާނޫނު ފާސްކޮށް، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއިން ދައުލަތަށް އާމްދަނީ ލިބެން މިވަނީ ފަށާފަ. ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ޤާނޫނު ފާސްވެ، ފަސް ލައްކައަށްވުރެ ގިނައިން ފައިދާވާ ކުންފުނިތަކުން، މިއަހަރުގެ ޖުލައި މަހުން ފެށިގެން އެ ޓެކްސް ނަގަން ފެށޭނެ.
އަޅުގަނޑުމެންގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނަމުން މިގެންދާ ބަދަލުތަކުގެ އެންމެފަހުގެ މަސައްކަތް، މި މެއި މަހުގެ ނިޔަލަށް ނިންމުމަކީ، ސަރުކާރުގެ އަމާޒު. އިތުރަށް ކުރާން ހުރި ކަންކަން ވެގެންދާނީ، ބާޒާރުގައި ހުރި މުދަލަށްވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަންކަމަށް. 2012 ވަނަ އަހަރު ފެށޭއިރު، ބާޒާރުގައި ހުރި މުދަލުގެ ވަރަށް ގިނަ ބާވަތްތަކަކީ، ޑިއުޓީ ނުނެގޭ ތަކެތި ކަމުގައި ހަމަޖެއްސުމަށް، ޑިއުޓީއަށް ބަދަލު ގެނައުމަށް އިރާދަކުރެއްވިއްޔާ މި ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ. ސަރުކާރުން ދެކެނީ ޑިއުޓީ ކަނޑާލުމުން، އެތަކެތީގެ އަގު ވިހި ފަނަރަ އިންސައްތައިން ދަށްވެގެން ދާނެކަމަށް.
އަޅުގަނޑުމެންގެ މާލީ ނިޒާމަށް މިހާރު މިގެނެވޭ ބަދަލަކީ، ނުސީދާ ގޮތުގައި، ރައްޔިތު މީހާގެ އަތުން މިނެގޭ އިމްޕޯޓް ޑިއުޓީ ފަދަ ނުސީދާ ޓެކްސްތައް އުވާލާ، ދުނިޔޭގެ އެހެންވެސް ކުރިއަރައި ތަޙްޒީބްވެފައިވާ ޤައުމުތަކުގައި އޮންނަ ފަދަ ޓެކްސްގެ ނިޒާމެއް ރާއްޖޭގައިވެސް ހިންގުން. އެކަން އިރާދަކުރެއްވިއްޔާ އެދަނީ އެމަގަށް ބައްޓަންކުރެވެމުން.
ހަމަ މިއާއެކު، މިހާރު ފަތުރުވެރިކަމުން މި ނެގޭ ޖީއެސްޓީ 3.5 ޕަސެންޓުން 5 ޕަސަންޓަށް އިތުރުކުރުމާއެކު، އަދި އެހެން ވިޔަފާރިތަކުންވެސް ތިން ހަތަރު ޕަސެންޓުގެ ޖީއެސްޓީއެއް ނެގުމަށްވަނީ ސަރުކާރުން ނިންމާފައި. މިކަންކުރުމަށް ބޭނުންވާ ބިލް، އިމްޕޯޓް ޑިއުޓީގެ ބިލާއެކު މިއަންނަ ޖޫން މަހު މަޖިލީހަށް ހުށަހެޅޭނެ.
އަދި މީގެ އިތުރުން ސަރުކާރުން މިވަނީ އިންކަމް ޓެކްސްއެއް ތަޢާރުފުކުރުމަށް ނިންމާފައި. އެއީ، ވަކި ވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނެގޭ ޓެކްސްއެއް. ސަރުކާރުން ގަސްތުކުރަނީ، އެ މިންގަނޑަކީ މަހަކު ތިރީސް، ސާޅީސް ހާސް ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭފަރާތްތައް ކަމުގައި ހަމަޖެއްސުން. މިގެނެވޭ ބަދަލުގެ ސަބަބުން، ދައުލަތަށް އާމްދަނީ ލިބޭ މަގުތައް އެއީ، ދެމެހެއްޓެނިވި އާމްދަނީއެއް ފޯރުކޮށްދޭ މަގުތަކަކަށް ބަދަލުވެގެން ދާނެކަމީ އަޅުގަނޑު ޝައްކުކުރާނެ ކަމެއް ނޫން. ޚަރަދުކުޑަކުރުމާ އެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމުން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދުވެލި ބާރުވެ، އިޤްތިޞާދީ ޙަރަކާތް އިތުރުވެ، އިޖުތިމާޢީ ރައްކާތެރިކަން އެތައް ތަނަކުން ފުޅާވެ، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޙިދުމަތްތައް މާ ފުރިހަމަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް އަޅުގަނޑުމެނަށް ވަރަށް ސާފު. މިއީ މިއަދު އަޅުގަނޑުމެން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް. އަލަށް ދަތެއްފަޅާއިރު، އެކަމުގައި ފުރަތަމަ ތަދު އަޅުގަނޑުމެން އިޙްސާސްކުރަންޖެހޭ. ނަމަވެސް، ފަހުން އެދަތުގެ ފައިދާ މާ ބޮޑު. އާ ދިރުމެއް މިލިބެނީ މިލުމަކަށްފަހު. މި ބަދަލުތަށް އަޅުގަނޑުމެން ގެންނާންޖެހެނީ، ހަމައެކަނި އަޅުގަނޑުމެންނަށްޓަކައެއް ނޫން. އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި. މިއަދެއް އަޅުގަނޑުމެންނަކަށް ދެނެއް ނުހޯދޭނެ. އިރު އެވަނީ އޮއްސިފަ. އަޅުގަނޑުމެނަށް ދެން ހޯދެން އޮތީ މާދަމާ. ބާކީ މިއޮތް ދެއަހަރާއި ބައި ދުވަހުގެ ތެރޭގައި، މިމަސައްކަތް އަޅުގަނޑުމެންނަށް ބާރަށް ކުރިއަށް ގެންދެވި، ނަތީޖާއަކާ ހަމައަށް ފޯރާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން. ތާހިރު ދިރިއުޅުމެއް ހޯދުމަށްޓަކައި، ދެމެހެއްޓެނިވި ތަރައްޤީއެއް އަޅުގަނޑުމެންނަށް ޙާސިލްކުރެވެން އޮތީ މިމަގު އިޚްތިޔާރުކޮށްގެން.
އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި އެއްވާހަކައަކީ، ތަރައްޤީއަކީ، ރީތި އުސް އިމާރާތްތަކަކުން، ނުވަތަ ހެދިފައި އޮތް ބަނދަރަކުން އަދި ޖަހާފައިވާ ބޮޑު ހިލަ ފުންޏަކުން މިނާ އެއްޗެއް ނޫނޭ. ތަރައްޤީއަކީ، އިންސާނާ، މީހާ ތަރައްޤީވުމޭ. އެ މީހާ އެދޭ ފެންވަރުގެ، ހާސްކަމެއް ނެތް ދިރިއުޅުން ހޯދެން އޮތީ އުފެއްދުންތެރިކަން އިތުރުކޮށްގެން. މިކަން ކުރުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގު ބޮޑު ރައުސްމާލަކީ، އިންސާނީ ވަޞީލަތް ތަރައްޤީކުރުން. މިވަޞީލަތް ތަރައްޤީކޮށްގެން، އަޅުގަނޑުމެނަށް، ބޮލަކަށް ޖެހޭ އާމްދަނީ ނުވަތަ ޖީޑީޕީގެ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުކުރެވޭނެ. އަދި އަޅުގަނޑުމެންގެ މުއްސަނދިކަން އިތުރުކުރެވެން އޮތީވެސް، މިމަގަށް އެކަން ކޮށްގެން. ކޮންމެ ރައްޔިތަކަށްވެސް، އޭނާ ބޭނުންވާ ފެންވަރުގެ ތާހިރު ދިރިއުޅުމެއް މިރާއްޖޭގައި އުޅުމުގެ ފުރުޞަތު އޮންނާން އެބަޖެހޭ. އެކަން ކުރެވެން އޮތީ، ކުޑަދަރިފުޅު އޭނާގެ މަންމަގެ ބަނޑުގައި ގަރުބަގަތީއްސުރެ، އެމަގަށް އޭނާ ހާނުވައި ބައްޓަންކޮށްގެން. އެގޮތުން، އެންމެ ފުރަތަމަ ކުރާންޖެހޭ އެއް ކަމަކީ، އެދަރިފުޅު މައިމީހާގެ ބަނޑުގައި އޮއްވައި ފުރިހަމަ ސިއްހަތެއްގައި އުފަންވެ ހެދި ބޮޑުވާނެ ރަނގަޅު ކާނާ ލިބޭތޯ ބެލުމާއި، ޤަވާއިދުން ސިއްޙީ އެހީތެރިއެއްގެ އިރުޝާދާ ލަފާ ހޯދައިގެން އެމަގަށް ކަންތައް ގެންދިއުން. އޭގެ ފަހުން، ރަނގަޅު ފެންވަރުގެ ތަޢުލީމެއް އޭނާއަށް ލިބޭނެފަދަ އެއް ދަންފަޅީގެ މަދަރުސާއަކުން އޭނާއަށް ޖާގަ ލިބިދިނުން. ދުޅަ ހެޔޮ ސިއްހަތެއްގައި އޭނާ ހެދިބޮޑުވުމަށް ބޭނުންވާ ކަސްރަތާއި ކުޅިވަރުތަކުގައި އޭނާ ބައިވެރިކުރުވުން. އަދި ޘާނަވީ ތައުލީމު ނިމުމުން، ރަނގަޅު ފެންވަރުގެ ތަމްރީނުގެ ފުރުޞަތުތަކާއި އަދި މަތީ ތައުލީމުގެ ފުރުޞަތުތައް އޭނާއަށް ހޯދައިދޭންޖެހޭ. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުން މަސްތުވާތަކެތީގެ ވަބާއާއި މާރާމާރި ހިންގުމާއި ގޭންގް ކުށްތަކުން ދުރުކުރެވޭނެ ހަމަ އެކަނި ގޮތަކީ މިއީ. ކަންކަން ތޮއްޑު ދަށުން ގޮސް ބޮއްސުންލާ އަތްނުފޯރާ ހިސާބަށް ގޮސްފައި މިވަނީ އެކަންކަން ކުރާންޖެހޭ ގޮތަށް މީގެ ކުރިން ކޮށްފައި ނެތުމުން.
ނަމަވެސް، މިއަދު އަޅުގަނޑުމެން އެކަނި މިކަން ކުރެވޭކަށް ނެތް. މިކަމުގައި މުޅި މުޖްތަމަޢުގެ ބައިވެރިވުން އަޅުގަނޑުމެން އެބަ ބޭނުންވޭ. އެކަމުގައި އަޅުގަނޑުމެންނާ ބައިވެރިވެވޭނެ އެންމެ މުޙިންމު ފަރާތްތަކެއްކަމަށް އަޅުގަނޑަށް ފެންނަނީ، ބެލެނިވެރިންނާ، ޓީޗަރުންނާ ވިޔަފާރިވެރިންނާ، ދައުލަތުގެ އެހެން މުޢައްސަސާތަކުންނާއި މަދަނީ ޖަމްޢިއްޔާތައް. އަނެއް ދިވެހިރާއްޖެއަށް ދިއުމަށް އަޅުގަނޑުމެން ފަށާފައި މިވާ ދަތުރު ކާމިޔާބުކުރެވެން އޮތީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރީމާ.
އަޅުގަނޑުމެންގެ ސަރުކާރުގެ މި ދައުރުގެ ބާކީ ދެއަހަރާ ބައި ދުވަހުގެ ތެރޭގައި، ތައުލީމާއި ތަމްރީނާ އަދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން، ތިބޭފުޅުންނަށް އަޅުގަނޑު މިއަދު އަރުވަން. ސަރުކާރުގެ ވަޢުދަކީ؛ ކުދިންނަށް ބޭނުންވާ ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުން. އާންމު ސިއްޙަތުގެ ކަންތައް ހަމަކޮށްދިނުން. ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުން. ޅަފަތުގައި މިވާ އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީއަކީ، ދުނިޔޭގައި ނަން ހިނގާފަދަ ޔުނިވަރސިޓީއަކަށް ހެދުން. ތަމްރީނުދިނުމުގެ ފުރުޞަތުތަކާއި، އިތުރު ކޯސްތަކަށް ހުޅުވާލުން. އުފެއްދުންތެރިކަމަށް ހުރި ހުރަސްތައް ނައްތާލުން. ވިޔަފާރިކުރުމަށް ބޭނުންވާފަދަ، އެކަށޭނަ ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި ބޭނުންވާ، ހަރުދަނާ ޤާނޫނީ ތަރަހައެއް ބިނާކުރުން. ސަރުކާރުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކުރުން. ގެދޮރު އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުން، އަދި ދަތުރުފަތުރުގެ ނިޒާމް އިތުރަށް ފައްކާކުރުން.
ދައުރު ދެބައިވާ މިރޭ، އަތަރާއި ހުވަނދަށް ކޮޅަށްތެދުވެ، ނަށާސެންޓުލާއިރު، ދަންނަވާލަން ބޭނުންވަނީ، ދައުރުގެ ބާކީ އޮތްތަނުގައި ސަރުކާރުގެ ވަރަށް ބޮޑު އަމާޒަކަށްވަނީ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން. މި އައްޑޫ ސިޓީގައި، މިސަރުކާރުގެ ޕްރޮގްރާމްތަކުން އުފެދިފައިވާ އިތުރު ވަޒީފާތައް މަދެއް ނޫން. ދަތުރުފަތުރުގެ ނިޒާމާއި، ސަރަހައްދީ ބަނދަރާއި، އަދިވެސް އެހެން ކިތަންމެ ކަމެއްގައި އިތުރު ވަޒީފާ މިވަނީ އުފެއްދިފައި. އެހެންނަމަވެސް، މިއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އެދޭ މިންވަރެއް ނޫން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޒީފާގެ ރަނގަޅު ފުރުޞަތުތަކެއް އުފެދޭނެ ބާވަތުގެ މަސައްކަތްތައް އެބަ ފެއްޓޭން ޖެހޭ. ފެއްޓޭން ޖެހޭ މަސައްކަތްތަކުގެ ބިންގާތައް މިވަނީ އެޅިފައި. އަޅުގަނޑުމެންނަށް މިވޭތުވެ ދިޔަ ތިން ހަތަރު މަހެއްގައި ފެނިގެން މިދަނީ މިދެންނެވި ބިންގާތަކުގައި ބިނާވެގެން އަންނަތަން. އަޅުގަނޑުމެން މިތިބީ ރަނގަޅު މިސްރާބުގައި. އަޅުގަނޑުމެން މިތިބީ ކާމިޔާބުގެ މަގުގައި.
މި އައްޑޫ ގައި މީގެ ދެއަހަރެއް ކުރީގައި އަޅުގަނޑު ދަންނަވާފައިވާނެ، ދައުރު މެދުން މިރާއްޖޭގެ ސިޔާސީ މަސްރަޙު އިނގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް. އެކަމަށް އިންތިޚާބެއް ބޭނުންވާނެ ކަމަށް. މިއަދު މިވަނީ އެއިންތިޚާބު ބޭއްވިފައި. އޭގެ ނަތީޖާ އަދި ވަކިން ޚާއްޞަކޮށް، އައްޑޫ ސިޓީގެ ނަތީޖާ ހަޖަމު ނުކުރެވިގެން، ވާދަވެރިން ތިރިވެފައި މިތިބަ ހިސާބަކީ، ރެއާ ދުވާލު ހަތަރުދަމު، ފަނޑިޔާރުގެކައިރިން ކުސްތަޅަމުން ހިނގުމުގެ ހާލަތަށް ވެއްޓުން.
ރާއްޖޭގެ ސިޔާސީ ސިފަތަކާއި، މަންޒަރު ލޯހުޅުވާ ބަލައިފި ކޮންމެ މީހަކަށް މިއޮތީ ފެންނާން. ވާދަވެރިން އެއުޅުއްވަނީ އެއްބޭފުޅެއް އަނެއްބޭފުޅެއްގެ ފުރާނައަށްޓަކައި. އެބޭފުޅުން އެއްބޭފުޅެއް އަނެއްބޭފުޅެއް ވީދާ ކަމުންދާއިރު،… އެމްޑީޕީ ތޯ. މިޕާޓީން ކުރިކަމަކީ އެންމެން ނުކުމެ ވޯޓް ދީ ކާމިޔާބު އިންތިޚާބެއް ބާއްވާލީ. 22 ހާސް މީހުން ބައިވެރިވި ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބާއްވާލީ.
އަޅުގަނޑު މިއަދު ތިޔަ އެންމެ ބޭފުޅުންނަށް އިލްތިމާސް މިކުރަނީ، ޤައުމުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން، މި ރާއްޖެ ތަރައްޤީކުރުމަށް އެންމެ ބޭފުޅުން ނުކުމެވަޑައިގެން ދެއްވާށޭ. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާށޭ. އަޅުގަނޑުމެންގެ އަމާޒެއް އެބަ އޮތް. އަޅުގަނޑުމެންގެ ހަރުދަނާ ސިޔާސަތުތަކެއް އެބަހުރި. މިސަރުކާރު އައީ އުންމީދުތަކަކާއެކު. މިކަން ޙާޞިލްކުރުމަށް، ޑިމޮކްރެޓިކް މިނިޒާމުގެ ތެރެއިން، އަޅުގަނޑުމެން އެންމެން ގުޅިގެން މުޅިން އާ ޤައުމިއްޔަތެއް ބިނާކުރުމަށް، އަޅުގަނޑު އިލްތިމާސްކުރަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحَمْـدُ لِلّـهِ. والســّلام عليــكم.

____________________