އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާ ގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ދެއްކެވި ވާހަކަފުޅު (1)

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ އައްޑޫ ސިޓީގައި ދެއްކެވި ވާހަކަފުޅު

11 މެއި 2011

بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ރައީސް ޑރ.އިބްރާހިމް ދީދީ، ޕާޓީގެ ނާއިބު ރައީސް އަލްޙާން ފަޙުމީ، އައްޑޫ ސިޓީގެ މޭޔަރ، ސިޓީ ކައުންސިލްގެ މެންބަރުން، މި ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުން، އަދި ވަކިން ޙާއްސަކޮށް މި އައްޑޫ ސިޓީއާ މިރާއްޖޭގެ އެންމެހާ ރައްޔިތުން. السّـلام عليـكم
ދިވެހިރާއްޖޭގެ ޤައުމީ ވިންދު، އަދި ދިވެހި ރައްޔިތުން އެދި ތިބި ގޮތް، އަޅުގަނޑުމެންނަށް ސާފުވެ އެނގެނީ މިނިވަން އިންސާފުވެރި އިންތިޚާބުތައް މެދުވެރިވުމުން. އަދި ހަމަ އެފަދައިން، ރައްޔިތުން ތިބި ގޮތް ސާފުވަނީ، ސުލްޙަވެރި ސިޔާސީ އެއްވުންތަކުން. ދައުރުގެ މެދުތެރެއިން ހިނގާދިޔަ އިންތިޚާބުގެ ނަތީޖާ އޮޅުމެއްނެތް. މުޅި ރާއްޖެއާއި، އަދި މި އައްޑޫ ސިޓީ، ސިޓީއަކަށް ވެ ދިޔައީ، ރައްޔިތުންގެ އިތުބާރާއި، ޔަޤީންކަމާއި، ތާއީދު މި ސަރުކާރަށް އޮތީ ތީ. މިސަރުކާރަށާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އޮތީ ތީ. އަޅުގަނޑުމެންނާ ކުރިމަތިވި، އަދި ވާނެ ހުރަސްތަކާއި ގޮންޖެހުންތަކުގެ ފުންކަމާއި، ބަނަކަން، ދިވެހި ރައްޔިތުންނަށް އޮޅިފައިނުވާކަމާއި، އޮޅުވާނުލެވޭނެކަން އެއީ މިއަދު ދިވެހިރާއްޖޭގެ ސިޔާސީ ހަޤީގަތް.
އެގާރަ ނޮވެމްބަރު 2008 ގައި ރާއްޖެއަށް ގެނެވުނު ސިޔާސީ ބޮޑު ބަދަލަށްފަހު، އޭގެ ފަހުން އިންތިޒާމްވެގެން ރާއްޖެ ދެކެމުން މިދަނީ އަދި ރާއްޖެއަށް އަންނަމުން މިދަނީ، ވަރަށް މުޙިންމު ބަދަލުތަކެއް. އެ ބަދަލުތަކުގެ އެންމެ މުޙިންމު ބިންގަލަކީ، އަސާސަކީ ރައްޔިތުން. ރައްޔިތުންގެ ހައްޤުތައް ރައްޔިތުންނަށް ހޯދައިދިނުން. ޒުވާން ދިވެހި ޖީލަށްޓަކައި އެ ހައްޤުތައް ރައްކާތެރިކޮށްދިނުން. ކުރާ ކޮންމެ ކަމެއް ދެމެހެއްޓެނިވި ގޮތުގަ ނޫނީ ނުކުރުމުގެ ބަދަލް.
ރާއްޖެއަކީ ދުނިޔެއަށް މިސާލެއް ފަދަ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޤައުމަކަށް ހެދުމަށް ސަރުކާރުން ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން. މިއަދު ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ޑިމޮކްރަސީ، ދޮންވެ ފައްކާވަމުން އަންނަ ތަން.ޑިމޮކްރަސީގެ ފުރިހަމަ ރަހަ އަޅުގަނޑުމެންގެ އަރު ތެރޭގައި ލަމުންދާތަން. ރާއްޖޭގެ ސިޔާސީ ނިޒާމް މިވަނީ މީގެ ކުރިން ހިތަށްވެސް ނާރާނެ މިންވަރަށް ފައްކާވާން ފަށާފަ.
އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައީ، މިސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ، ޑިމޮކްރަސީއޭ އަޅުގަނޑުމެންގެ ސަރުކާރުގެ ފާއިތުވި ތިރީސް މަސް ދުވަހުގެ ތެރޭގައި، އެކަން ވާނީ ވަރަށް ރަނގަޅަށް ދައްކާދީފާ. އަދުގެ ރާއްޖެއަކީ، ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ހިނގަމުންދާ ރާއްޖެއެއް. އެކެއްގެ އަތްމައްޗަށް ބާރުތައް ޖަމާވެފައިވާ ޚުދުމުޚުތާރު ޘަޤާފަތް ދިވެހިން މިވަނީ، މާޒީގެ ތެރެއަށް ދޫކޮށްލާފަ. ރައްޔިތުންގެ މަޖްލީހަކީ، މިއަދު ވެރިމީހާ، ބުނާ ކޮންމެ ކަމަކަށް އާނ ބަސް ބުނާ ތަނެއް ނޫން. މިއަދު މަޖްލީހުން ފެންނަމުންދަނީ، ދުނިޔޭގެ އެހެންވެސް ކުރިއަރައި ތަޙްޒީބްވެފައިވާ ޤައުމުތަކުގައި އޮންނަ ފަދަ ވާދަވެރި ސިޔާސީ މާހައުލެއް އޮތް ތަން. މަޖްލީހުން މިއަދު ނިންމާ ނިންމުންތަކަކީ، ވާދަވެރި ފަރާތްތަކުގެ މެދުގައި ހޫނު ބަހުސްތަކެއް ކުރުމަށް ފަހު، އަޤްލަބިއްޔަތުން ނިންމާ ނިންމުންތަކެއް. މިއަދު އެއީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މަޖްލީހެއް. ހަމަ އެހެންމެ، ފަނޑިޔާރުގެއަކީ، މިދެންނެވި ތިން ބާރުގެ ތެރެއިން ވަކިކުރެވިފައިވާ މިނިވަން މުސްތަޤިއްލު ބާރެއް. ފަނޑިޔާރު މަނިކުފާނު އިއްވާ ހުކުމްތައް، އެހެން ގޮތަކަށް ފުރޮޅާލުމުގެ ބާރެއް، މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ މީހަކަށް ނޯވޭ. އެއީ އަޅުގަނޑުމެން ވަކާލާތުކުރަމުން އައި ގޮތް. ފަނޑިޔާރު ގެއަކީ، ވެރިމީހާގެ ނުފޫޒުން އެއްކިބާކުރެވިފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ތަކުރާރުކޮށް އަޅުގަނޑުމެން އަޑުއުފުލީމު.
ޑިމޮކްރަސީއެއް ފައްކާވަމުން ދާއިރު، އެންމެ މުހިންމު އެއް ކަމަކީ، އެ ޑިމޮކްރަސީގެ ބިންގަލުގެ މަތީގައި ބިނާވެފައިވާ ތަނބުތައް ވަރުގަދަކުރުން. އެހެން އިބާރާތަކުން ދަންނަވަނީނަމަ، މުސްތަޤިއްލު މުޢައްސަސާތައް ވަރުގަދަކުރުން. ރާއްޖޭގައި މިއަދު ވަރަށް ބައިވަރު މިނިވަން މުޢައްސަސާތަކެއް ވަނީ އުފެދިފަ. ޑިމޮކްރަސީގެ ޅަފަތުގައި މިމުޢައްސަސާތައް މަރާނުލައި، ދިރުވުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ ސަރުކާރުން، މި މުއައްސަސާތައް އެގޮތުގައި ދިރުވުމަށް، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.
ޑިމޮކްރަސީގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަބަދުވެސް، ތިން ބާރުގެ ވާހަކަ އަޅުގަނޑުމެން ދައްކަން. ނަމަވެސް، ހަޤީގަތަކީ، ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެއް އޮންނަ ކަން. އާދެ، އެއީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރުން. ހަޤީގަތުގައި ވެރިކަން ހިންމުގެ ތިން ބާރުން ކުރާ ކަންކަމަށް ފާރަލައި، އެކަކަން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ފަރާތަކީ، މީޑިޔާ. މީޑިޔާގެ ބޭފުޅުން. އަޅުގަނޑުމެންނަށް މިއަދު މި ލިބިފައިވާ ނޫސްވެރިކަމުގެ ނުވަތަ އަލަށް އަޅުގަނޑުމެންނަށް ފަށައިގަނެވިފައިމިވާ، ލިޔުންތެރިކަމުގެ ގޮތްގަނޑާއި، ފާޑާއި، އަދި އެލިޔުންތެރިކަމުގެ މިނިވަންކަން ލިބިފައި މިވަނީ، ޤާނޫނުއަސާސީގައި އެބަސްތައް މިހާރު ލިޔެވިފައި އޮތުމުން. ހަމަ އޮތުމުން އެކަންޏެއް ނޫން. އެހަމަ ތަކާއި އުސޫލްތައް ދަމަހައްޓާނެ ސަރުކާރެއް އޮތީތީވެ. އެ ޤާނޫނުއަސާސީ ހަދައިދިން ބަޔަކީ، ރާއްޖޭގެ ރައްޔިތުން. އަޅުގަނޑު ދަންނަވާނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިއަށްވުރެ ފުޅާކޮށް އޮތް އެއްވެސް ޤައުމެއް ދުނިޔޭގައެއް ނުވާނެއޭ. ނޫސްވެރިޔާ ލިޔާ ލިޔުމަކުން، ފާޅުކުރާ ޚިޔާލަކުން، މިހާރު އޭނާ ކުޑަގޮޅިއަކަށް ނުލާނެ. ފުރަގަހަކަށް ބިޑިއެއް ނާޅުވާނެ. އަނދަގޮނޑިއެއް ނުޖަހާނެ، އޭންގަލަކަށް ނުނަގާނެ، ޗޭނެއް ނުޖަހާނެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަކީ. މިސަރުކާރުން ދުވަހަކުވެސް، ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ނޫސްވެރިޔަކު ލިޔާ ލިޔުމަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، އޭނާއަށް އަނިޔާއެއް ނުކުރާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ މި ދައުރު ދެބައިވެފައިވާއިރު، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓިފައިވާތީ އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
ރައްޔިތަކު އޮބަހައްޓައި، ފިއްތައި، ބިރުގަންނަވައިގެން ޤައުމެއް ތަރައްޤީނުވާނެކަމީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް. ރައްޔިތުންނަށް އެމީހުން ބޭނުންވާ އެއްޗެއް ބުނުމުގެ މިނިވަންކަން ދޫކޮށްލައިގެން މެނުވީ، ރާއްޖެ މިއެދޭ ބަދަލު ނުވަތަ އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލު، އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް.
ރައްޔިތަކު ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ފުރިހަމަ ޙައްޤު އެ ރައްޔިތަކަށް މި ސަރުކާރުން ދީފައި އޮންނާނެ. ރައްޔިތުން ހިފާ ހައްޔަރުކޮށް ހަދަމުން ގެންދާނަމަ، އެ ޤައުމަކަށް ދެންވާނޭ ގޮތް މީގެ ކުރިން މިޤައުމަށް ވެނިމިއްޖެ. މިއަދު އަޅުގަނޑުމެން މި ތަޙައްމަލު ކުރާ ހުރިހާ ހިތި ރަހައެއް އެއީ އޭގެ ނޭދެވޭ އަސަރު.
ރާއްޖޭގެ ތާރީޚަށް ބަލާއިރު، ވަރަށް ކުރިއްސުރެ ވެރިކަމުގެ ބާރުތައް ޖަމާވެފައި މި ހުންނަނީ މާލޭގައި. އެ ބާރުތައް ރައްޔިތުންނަށް ދިނުމަކީ ނުވަތަ އެ ބާރުތައް ރައްޔިތުންނަށް ބަހާލުމަކީ، ރާއްޖޭގެ ވެރިން ދުވަހަކުވެސް ކުރައްވަން ބޭނުންފުޅުވި ކަމެއް ނޫން. އެހެންނަމަވެސް، ބާރުތައް ޖަމާކުރުމަކީ، މި ސަރުކާރަކުން އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫން. އެތައް ސަތޭކަ އަހަރެއް ވަންދެން، ވެރިކަމުގެ ފަރާތަށް ޖަމާކޮށްފައި އޮތް ބާރު ހިފަހައްޓައިގެނެއް އަޅުގަނޑުމެން ތަރައްޤީއެއް ނުވާނެ. ލާ މަރުކަޒީ އުސޫލުން ކަންކަން ނުހިންގޭނަމަ، ފުރިހަމަ ޑިމޮކްރަސީއެއްގެ ޙިމާޔަތް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެން ސަރުކާރުގެ މި ދައުރު ދެއަހަރާ ބައިވެފައިވާއިރު، ލާމަރުކަޒީ އުސޫލުން، ރައްޔިތުންގެ ގާތުން، ވެރިކަން ހިންގުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިފައިވާތީ. ދެހާސް އަހަރުން ވެފައި ނެތް ކަމެއް ދެއަހަރާ ބައިން ވުމަށްވުރެ ވަކި ބޮޑު ކާމިޔާބީއެއް އަޅުގަނޑު ހިތުން ނެތް. މިއަދު މިވަނީ، ރައްޔިތުން އުފެއްދި ކައުންސިލްތަކެއް އިންތިޚާބުކުރެވިފަ. އެ ކައުންސިލްތަކުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތަކާއި، އަދި ރަށާ އަތޮޅާ ސިޓީތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރަމުން ގެންދާނެ. މިއަދު އަޅުގަނޑު އުފާވާ އަދި އެހެން ކަމެއް އެބައޮތް. އެއީ މިކައުންސިލްތަކަށް އިންތިޚާބުވެވަޑައިގެންނެވި، ގިނަ ބައިވަރު ބޭފުޅުންނަކީ، ޒުވާން އުމުރުގެ ބޭފުޅުންނަށް ވާކަން. މިއީ، ހެޔޮ ފާލެއް. މިކަމުން އަޅުގަނޑަށް ދޭހަވަނީ، ޒުވާން ޖީލު ވެރިކަމާ ހަވާލުވުމަށް ފައްކާވަމުން ދާތަން. އެ މީހުން ޤައުމުގެ ކަންކަމަށް ލޯހުޅުވި ވިސްނުން ހިންގަމުން ގެންދާކަން. މިއީ މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާކަމެއް. މި ސަރުކާރަކީ، ޒުވާނުންގެ ކުރި އެރުމާ ތަރައްޤީއަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއް. އެކަމުގައި، އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ އެންމެހާ ބޭފުޅުންނަށް އަރުވަން.
ފާއިތުވި 30 މަސް ދުވަހު އަޅުގަނޑުމެން ދަމާލެވޭތޯ ބެލި ބިންގަލަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ ބިންގާ. އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ، އެކަނިވެރި މައިންނާ ބަފައިންނާ، ބެލެނިވެރިންނާ، ނިކަމެތިންގެ ހާލު އިންތިޒާމްވެފައިވާ އޮނިގަނޑެއްގެ ތެރޭން ހިންގަމުން ގެންދިއުން.
އެމީހަކު ކުރާ ހަލާލު މަސައްކަތުން، ބަނޑުފުރާނަ މުއްތިކޮށް، އުނު އޮރިޔާން ނިވާކުރެވޭނެ ފަދަ ތާޙިރު ދިރިއުޅުމަކާ، މުޅިން އެހެން ގޮތެއް ހޯދައިދޭނެކަމަށް، އަޅުގަނޑު އަބަދުވެސް މިގެންދަނީ ދަންނަވަމުން. މިކަން އެމަގަށް ކުރުމުގައި، ނިކަމެތި މީހާއަށްވެސް، ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު އަޅުގަނޑުމެން ތަނަވަސްކޮށްދޭން އެބަޖެހޭ. މިސަރުކާރު ވެރިކަމާ ހަވާލުވި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، އެ މަސައްކަތް އަޅުގަނޑުމެން ވާނީ ފަށާފަ. ފާއިތުވި ދެއަހަރާ ބައިގާ ޤާއިމްކުރެވުނު އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ އެއީ. އަޅުގަނޑުމެން މިދަނީ އެ ނިޒާމް ކާމިޔާބުކަމާ އެކު ހިންގަމުން. މިނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއެއް މިވަނީ ނެރެވިފަ. މަދަނައިގެ ވިޔުގައާއި، ދޮށީ އުމުރުގެ މީހުންނަށް ލިބޭ ޕެންޝަންގެ އިނާޔަތާ އަދި އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށް ލިބިދެވޭ އިނާޔަތްތަކާއި، އަދި މިނޫންވެސް، އިނާޔަތްތަކުގެ ސަބަބުން، އާދައިގެ މީހުންގެ ދިރިއުޅުމުގެ ހާސްކަން ދުވަހަކު ނުފިލާ ވަރަށް ފިލުވައިދިނީ މި ދެއަހަރާ 6 މަސް ދުވަހުގެ ތެރޭގަ. އެންމެ އަސާސީ ކަންކަމަށް، ފޯރާ މީހުން ގާތަށް ސަލާންޖަހަން ނުގޮސް، އޭނާއަށް ގަދަރުވެރި ތާހިރު ދިރިއުޅުމެއް ހޯދުމުގެ މަގު މިވަނީ ފަހިވެގެން ގޮސްފަ. އަޅުގަނޑަށް ފާހަގަވަނީ، މިއީ ރާއްޖެއަށް އައި ޑިމޮކްރަސީގެ އިންގިލާބަށް ފަހު، މި ރާއްޖެ ދުށް އިޖްތިމާޢީ ގޮތުން އައި އެންމެ ބޮޑު އިންގިލާބުކަމަށް. މި އާރޯކަމާ އުންމީދުތައް ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާކަމެއް އަޅުގަނޑުމެން ކުރާނަން.