އެމްޑީޕީން އެސްޓީއޯއާ އެކު ބައްދަލުވުމެއް ބާއްވައިފި

އިބްރާހީމް ރާމިޒް

img_4932-225-x-169img_4933-225-x-169

ދިވެހި ރައްޔިތުގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އެސްޓީއޯގެ އިސް ބޭ ފުޅުންނާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި އެސްޓީއޯގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ޗެއަރމާން ފާރޫޤް އުމަރު އާއި، މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ އެވެ. އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި، އަމީން އާންމު ޙަސަން ޝާހް އެވެ.
މިއީ ސަރުކާރާއި ސަރުކާރާއި ގުޅުންހުރި މުވައްސަސާތަކާއި އަދި އެޏުން ވެސް ފަރާތްތަކާ އެކު އެމްޑީޕީގެ އާ ރިޔާސަތުން ބާއްވަން ފަށާފައިވާ ސިލްސިލާ ބައްދަލުވުމުގެ ތެރއިން ހިމެނިގެން ކުރިޔަށް ދިޔަ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި މަިއގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޑޮލަރުގެ ހަމަ އަގު އެނގުމުން ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ކަމަށް އެމްޑީޕީން ބުނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ 2013 އަށް ތައްޔާރުވުން ކަމަށާއި، ހުރިހާ ކުންފުނިތައް އޮތީ ވެރިކަންކުރާ ޕާޓީގެ ބެލެނިވެރިކަމުގެ ދަށުގައި ކަމަށެވެ. މީގެ އިތުރުން
ތަކެތީގެ އަގު ތިރިކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެތެރެއިން ޕާޓީގެ އެއްބާރުލުން ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި މި ސަރުކާރުގެ މައިގަނޑު އެއް ވައުދަކީ ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުން ކަމަށާއި، އެހެން ކަމުން މި ހިނދުން މިހިނދަށް ތަކެތީގެ އަގުތިރިކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

އެސްޓީއޯގެފަރާތުން ވާހަކަ ދެއްކެވި އެ ކުންފުނީގެ އިސް ދެ ވެރިން ވެސް ވިދާޅުވީ އެ ކުންފުނީގެ ފިކުރަކީ ވީހާވެސް ބޮޑަށް އާންމު ވިޔަފާރިއާ ދުރުވުން ކަމަށާއި، އެހެން ނަމަވެސް މިފަދަ ޚާއްސަ ޙާލަތްތަކުގައި ސަރުކާރާއި ގުޅިގެން އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް އެ މަސައްކަތް ފަށައި، ބައެއް ބާވަތުގެ މުދާ އަގުހެޔޮކޮށް ވިއްކަމުންދާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އެމްޑީޕީގެ އާ ލީޑަރޝިޕުން ވަނީ ދާދި ފަހުން އިސްލާމިކް މިނިސްޓްރީ އާއި އެކު ވެސް މިފަދަ ބައްދަލުވުމެއް ބާއްވާފައެވެ.