އިބްރާހީމް ރާމިޒް
މަގުމަތިން ވެރިކަމެއް ވެސް، ޑޮލަރުގެ އަގެއް ވެސް އަދި ތަކެތީގެ އަގެއް ވެސް ބަދަލު ނުކުރެވޭނޭ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުން ފާހަގަ ކުރުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެޕާޓީގެ ޚާއްސަ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ އެތައް ރެއެއް ވަންދެން މާލޭގެ މަގުމަތީގައި ހަމަނުޖެހުން ހިންގި ފަރާތްތަކުގެ ޙަގީގީ މަޤްޞަދަކީ ތަކެތީގެ އަގުހެޔޮކުރުން ނޫންކަން އެފަރާތްތަކުން ސަރުކާރާއެކީ ބޭއްވި ބައްދަލުވުމަށްފަހު މީޑިއާ ގައި ދެއްކި ވާހަކަތަކުން ޔަޤީންވެވަޑައިގެންފި ކަމަށެވެ.
” އެމީހުން (ޒުވާނުންގެ ނަމުގައި ހަރަކާތްތެރިވާ ސިޔާސީ މީހުން) ސަރުކާރާ ވާހަކަ ދެއްކުން ބޭއްވުމަށްފަހު މީޑިއާގައި ދައްކާފައިހުރި ވާހަކަތަކުން އެބައެނގޭ (އެއީ) ސިޔާސީ އެޖެންޑާއެއް ހިފައިގެން މަސައްކަތްކުރާ ބައެއްކަން. އެމީހުންގެ ތެރޭގައި ސިޔާސީ މީހުންކަން ތިބީ. ތަކެއްޗަށް އައި ބަދަލަކާ ގުޅިގެން ނޫންކަން.” އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވިދާޅުވިއެވެ.
ޑޮލަރުގެ އަގަށް މި އައި ބަދަލާ ގުޅިގެން ބަޔަކު މިނަށްވުރެ ބޮޑަށް ތަކެތީގެ އަގުބޮޑު ކޮށްގެން ނާޖާއިޒް ފައިދާ ނަގަމުން ދާއިރު އިދިކޮޅު ފަރާތްތަކުން ދަނީ އެކަމުން ސިޔާސީ ފައިދާ ހޯދައި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވަމުން ޑރ.ޑީޑީ ވިދާޅުވީ ކިތަންމެ ވަރަކަށް މަގުމައްޗަށް ނިކުމެ ބިރުދައްކަން އުޅުނަސް އެންމެ އިންޗެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނޭ ކަމަށެވެ.
އެމްޑީޕީން އަބަދުވެސް އިސްކަންދެނީ ސުލްހަވެރި މަޝްވަރާގެ އުސޫލުން ކަންތައް ނިންމުމަށް ކަމަށާއި، އެގޮތުން އިދިކޮޅު ފަރާތްތަކުން ވެސް މަގުމައްޗަށް ނިކުމެ ހަމަނުޖެހުން ހިންގުމުގެ ބަދަލުގައި މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ގޮވާލައްވަމުން ” (މުޒާހަރާކޮށް ހަމަނުޖެހުން ހިންގަމުން ދިޔަޔަސް) މަގުމަތިން ވެރިކަން ބަދަލެއް ނުކުރެވޭނެ. މަގުމަތިން ޑޮލަރުގެ އަގެއް ބަދަލެއް ނުކުރެވޭނެ. މަގުމަތިން ތަކެތީގެ އަގެއް ވެސް ބަދަލެއް ނުކުރެވޭނެ.” ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ އިތުރުން އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.