ކުރީގެ ރައީސްގެ ތަރުޖަމާނު މިހާރުގެ ރައީސްގެ ތަރުޖަމާނުގެ ނަމުގައި ބޭރު މީޑިއާތަކަށް ދޮގު މައުލޫމާތު ދީފައިވޭ – މޫސަ

ރޭ ޖަލްސާ ދޫކޮށް ދިޔައީ ޗައިނާ އަށް ފުރަން އެއަރޕޯޓަށް ދާން – މޫސަ

އިބްރާހީމް ރާމިޒް

41

ކުރީގެ ރައީސްގެ ތަރުޖަމާނު މިހާރުގެ ރައީސްގެ ތަރުޖަމާނުގެ ނަމުގައި ބޭރުގެ މީޑިއާތަކަށް ދޮގު މައުލޫމާތުދީ ރާއްޖޭގެ ޓުއަރިޒަމް އިނދަޖެއްސުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޗައިނާ ގައި ހުންނަވައިގެން މިއަދު އެމްޑީޕި ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، ” މައުމޫނުގެ ތަރުޖަމާނު، މޮންދު ރައީސް ނަޝީދުގެ ތަރުޖަމާނަކީ ތިމަންނައޭ ބުނެ ޗައިނާގެ ނޫސްތަކަށް ދޮގު މައުލޫމާތު ދީފަ ހުރި ކަމަށް އަޅުގަނޑު މިކޮޅުން (ޗައިނާއިން) ބައްދަލުކުރި ފަރާތްތަކުން އެބަބުނޭ. މިކަން މިވާގޮތަކީ ބޭރުގެގިނަ މީޑިއާތަކުގައި ރައީސްގެ ތަރުޖަމާނުގެ ނަންބަރަކަށް މިއޮންނަނީ މޮންދުގެ ނަންބަރު. ދެން އެ ފަރާތްތަކުން މިނައަށް ގުޅީމަ ބުނާ ކަމަށް މިވަނީ ތިމަންނަ އަކީ ރައީސް ނަޝީދުގެ ވެސް ތަރުޖަމާނޭ. އެހެން ބުނެ ބޭރުގެ މީޑިއާ ތަކަށް މީނަ ދޮގު މައުލޫމާތު މިދެނީ ރާއްޖޭގަ ވަރަށް ހަމަނުޖެހުން ބޮޑޭ. އެއް ގޮތަކަށް ވެސް މި ދުވަސްވަރު ޓުއަރިސްޓުން ރާއްޖެ ފޮނުވުން ރައްކާތެރިއެއް ނޫނޭ ކިޔާފަ.”
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށްލުމަށް ބޭރު ގައުމުތަކަށް ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން ދާދި ފަހުން ހޮންގކޮންގ އިން ވަނީ ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާ ގައި ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބަލައި ރައްޔިތުންނަށް އިންސާފު ހޯދައިދެވިފައިނުވާ ކަމަށް ބުނެ މޫސަ ވަނީ މުޥައްސަސާތަކަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކުން އެކަން މާ ބޮޑުކޮށްލައިގެން އުޅޭ ކަމަށް ޚަބަރު ލިބިފައިވާ ކަމަށާއި، ސަރުކާރާއި ދޭތެރެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޭނާ ފާޑުވިދާޅުވީ ” ހުރިހާ މުވައްސަސާ އަކުން ވެސް މައުމޫނުގެ އަނިޔާވެރި ވެރިކަމުގައި ހިންގި ޖަރީމާތައް ބެލުމަށް ނުކުޅެދިފައިވާތީ” ކަމަށް މޫސަ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށްފަހު މޫސަ ވަނީ ޗައިނާ އަށް ފުރާވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެންނެވުމަށްޓަކައި ޖަލްސާ ދުކުރައްވައި ވަޑައިގެންފައެވެ.