އެމްޑީޕީން އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ދިމޮކްރެޓިކް ޕާޓީގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ އިސް ވެރިންނާ މިއަދު ބައްދަލުކޮށްފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ ޑރ.އަބްދުލް މަޖީދު ޢަބްދުލް ބާރީއެވެ. އަދި އެމްޑީޕީން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ އެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަންތައްތަކާއި ބެހޭ މައުލޫމާތު މިނިސްޓަރ އެމްޑީޕީއާ އެކު ހިއްސާކޮށްލެއްވިއެވެ. އަދި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމުގެ މައްސަލަ މިހާރު ރަގަޅު ވަމުންދާ ކަމަށާއި، ޤުރުއާނާއި އިސްލާމް ކިޔަވައިދެއްވާ ޓީޗަރުން ލިބުމުގެ ދަތިކަން ފާހަގަކުރެވިފައިވާތީ އެކަން ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕާޓީގެ ރައީސް ޑރ.ޑީޑީގެ ވާހަކަފުޅުގައި އިސްލާމް އަދި ގުރުއާން މުދައްރިސުން ބިނާ ކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯ އިން ވަރަށް ބޮޑަށް އިސްކަން ދީފައިވާ ކަމަކަށް ވުމާއެކުވީހާވެސް ފުޅާ ދާއިރާއެއްގައި ލުއި ފަސޭހަގޮތެއްގައި މީހުން ބިނާ ކުރުމުގެ މަސައްކަތް ޕްރޮވިންސްތަކުގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ރާވައި ހަމަޖެއްސުމަށްކަމާއި ބެހޭ 3 މުޥައްސަސާ އެއްގެ މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް ގެންދެވުމަށް އިލްތިމާސް ކުރެއްވިއެވެ. އެގޮތުން ގައުމީ ޔުނިވަރސިޓީ އާއި، ތައުލީމާއި ބެހޭ ވުޒާރާއާއި، އިސްލާމިކް މިނިސްޓްރީ ބައިވެރިވާ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ބާއްވައިދިނުމަށް ޕާޓީގެ ރައީސް ހުށަހެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މުޙައްމަދު އިމްތިޔާޒާއި، ހޯމްއެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ފާރޫޤް މުޙައްމަދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ނައިބު އައްޝައިޚް މުޙައްމަދު ފާރޫޤް އާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޙުސައިން ރަޝީދު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.