މެންބަރުންގެ ޚިޔާލު: ހަޤީގަތް ވަންހަނާ ކުރަން ނޫޅޭށެވެ!

ފުނަމާ

muzaahara-ammaday

ޑޮލަރުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން ބާޒާރަށް މިއައި ބަދަލަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމުގައި ދެބަހެއް ނުވަމެވެ. ނުމޫސުމެއްގައި ވާރޭ ވެހުމަކީވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. ނަމަވެސް ކޮންމެ ކަމަކުންވެސް އަސަރުކުރަނީ އެކިމީހުންނަށް އެކިގޮތްގޮތަށެވެ. ބަދަލަކުން އެއްބަޔަކަށް ހެޔޮއަސަރު ކުރާއިރު ހަމަ އަނެއްބަޔަކަށް އެބަދަލަކުން ނޭދެވޭ އަސަރު ކުރުމަކީ ފިތުރަތުގެ ތަބައީ އުސޫލެވެ. މިކަން ގަބޫލުކުރާން ޖެހެއެވެ. މިސާލަކަށް މަސްއަވީލައިގެން ހުރިމީހަކަށް ވާރޭވެހުމުން މަސްކޮޅު ނުހިކޭތީ ކަންބޮޑުވާއިރު ، ދަނޑުހައްދާމީހާއަށް މިކަމުން އުފާވެރިކަން ލިބެއެވެ. މިއީދުނިޔޭގެ އާދައެވެ. މިކަން ބަދަލެއް ނުކުރެވޭނެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ބޮޑުއަގުގައި މުއާމަލާތް ކުރަމުން އެބާޒާރު ބޮޑުވެ ގައުމުގެ އިޤްތިސާދަށް އޭގެއަސަރު ކުރަމުން ގެންދާތާ މިވީކީ އެންމެ ހަފްތާއެއް ނޫނެވެ. އެމްއެމްއޭގެ ގަވަރނިންގް ބޯޑު ދިރިދެމިއޮވެ ސޯޅަސަތާރަ ރުފިޔާއަށް ޑޮލަރުގެ އަގު އަރައި ކަޅުބާޒާރު އުފެދި ފުޅާވެދިޔައީ ކީއްވެބާވައެވެ؟ މިސުވާލުގެ ޖަވާބު މިއަދު ހޯދުމަށްވުރެ މައްސަލައިގެ ހައްލު ހޯދުމަށް ސަރުކާރާ އެމްއެމްއޭއިން މިކުރައްވާ މަސައްކަތަށް އެންމެން އެއްބާރުލައި މައްސަލަ ހައްލުކުރާން މަސައްކަތްކުރުން މިވަގުތައް މުހިންމުކަމުގައި ދެކެމެވެ.
މިކަން ހައްލުކުރުމަށް ކަމުގައި ބުނެ ޒުވާނުންގެ ނަމުގައި ސިޔާސީ ފަރާތްތަކަކާއި ބައެއް ވިޔަފާރިވެރީން ފަހަތުގައާއި ކުރީގައިތިބެގެން މާލޭގައި ފެށިމުޒާހަރާގެ ސަބަބުން މުޒަހަރާ ކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ނިދިގެއްލި ދަރިވަރުންގެ ފިލާވަޅުތައް އޮޅި ، ވިޔަފާރިވެރީންނަށް ދުވާލަކު އެތަކެއްހާސް ރުފިޔާގެ ގެއްލުންވެ ރާއްޖޭގެ އިގްތިސާދަށް މިކަމުގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވުމަކީ ހައްލު ކަމުގައި ދެކޭނަމަ އެކުރެވެނީ ފޫނެއްފަޔައް ފެންފުރުންފަދަ ކަމެއްނޫންބާވައެވެ؟ އަދި މިކުރެވޭ ކަމަކީ ގައުމުގެ ރިހޭފައިގެ މައްޗަށް ފޮއެވެއްޓުން ނޫންބާވައެވެ؟
ސަރުކާރުން މިކަން ހައްލުކުރުމާ ގުޅޭގޮތުން ރެޔާދުވާލު އެމްއެމްއޭގެ ގަވަރުނަރާ މާލީވަޒީރުގެ އިތުރުން ސީދާރައީސުލްޖުމްހޫރިއްޔާ އެވިދާޅުވަމުން ގެންދަވާ ބަސްފުޅުތައް އަޑުނާހައި މަގުތަކަށް ނުކުމެ ފާޑުފާޑުގެ ޑިމާންޑުތައް ކުރުމަކީ މިކަމަށް އޮތް ހައްލުކަމުގައި ވާނަމަ މިކަން ކުރިޔައް ގެންދާންވީއެވެ. ނަމަވެސް މިގައުމުގައި ދިރިއުޅެވޭން އަންނަނީ މީހުން މެރުމާއި މާރާމާރީއާއި ފޭރުންފަދަ ބިރުވެރި ކަންކަން ހުއްޓުވައިގެން ކަމުގައި ވާއިރު ސަލާމަތީ ބާރުތަކުން ކުރައްވާން ޖެހިފައިވާ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެ ފުރުސަތު ދެއްވާށެވެ. ދުވާލުގެ ގިނަވަގުތު ސަލާމަތީ ބާރުތަކުން މުޒާހަރާތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާން އަވަދިނެތި އުޅޭންޖެހި ބޮޑެތި މުޖުރިމުން ހިންގަމުން ގެންދާ ޖަރީމާތަކުން މޫނުއަނބުރާލަން މަޖުބޫރު ނުކުރުވާށެވެ. ސަރުކާރާއެކު ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ ދޮރު ހުޅުވިފައި ވާއިރު އެމަގު ޚިޔާރުނުކޮށް މަގުމައްޗަށް ނުކުމެ މުސްކުޅީންނާއި ޅަކުދީންނާއި އެނޫންވެސް ފަރާތްތަކަށް ޖިސްމާނީ ، ނަފްސާނީ ދުއްތުރާތައް ނުކުރާށެވެ.
މިކުރާ މުޒާހަރާތަކުގެ ފަހަތުގައި ފޮރުވިފައި އޮތީ ކުށްކުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް ހުއްޓުވައި ، އެހެންދިމާލަކަށް އާންމުންގެ މިސްރާބު ބަދަލު ކޮއްލުން ކަމުގައި ބަޔަކު އެބުނަނީވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގައިއޮތް އެންމެބޮޑު އިދިކޮޅު ޕާޓީ ރޫޅެމުން ދިއުމާ ވެރިކަންކުރާ ޕާޓީގެ މައިގަނޑު އިންތިޚާބަކާ ، ސިޔާސީމީހުން ބިރުގަންނަ ” ސަންސެޓު ” ގާނޫނު ފާސްކުރާން އުޅުމާ މިމުޒާހަރާތަކާ އޮތީ ކިހާވަރެއްގެ ގުޅުމެއް ކަން ވިސްނާލުމުން މަންޒަރު އެހެންއެއްޗެެއް ސިފަކޮށްދެއޭ ބުނެވިދާނެއެވެ. އަދި ޒުޒާހަރާގެ ބައިވެރީންގެ ޑިމާންޑުތަކަކީ ޑޮލަރުގެ އަގާ ކާބޯތަކެތީގެ އަގާ އަޅުވާ ކިޔޭވަރުގެ ޑިމާންޑުތަކަކަށް ނުވެ ބަދަލުވަމުންދާ އެއްޗަކަށް ވަމުންދާތީވެ މިކަމަކީ މުޅީން އެހެން މަގްސަދުތަކެއް އެކުލެވިގެންވާ ކަމެއްކަމުގައި ބުނާނެ ޖާގައެބައޮތެވެ. ފާޅުގައި ފަތުރުވެރީން ރާއްޖެނައުމަށް ސިޔާސީ ފަރާތްތަކުން އިލްތިމާސްކުރަމުން ދިއުމާ މުޒާހަރާތަކުގައި މީހުންގެ ޖާނާމާލަށް އަމާޒުކޮށް އަލިފާން އުކުމާ ހުޅުޖެހުން ، މުޅިރާއްޖެއަށް މިކަން ފުޅާކޮށް އިތުރުކުރާން އުޅުމާއި ސަރުކާރު ވައްޓާލަން ފާޅުގައި ގޮވައި ހަދަމުން ގެންދިއުމުގެ ބަދަލުގައި މުޒާހަރާގެ ޒިންމާ އުފުލާ ބަޔަކީ ތިމަންނާ މެންނޭ ބުނެ ކޮންމެސް ބަޔަކު ސަރުކާރާއެކު ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ހޯދައިދެވޭތޯ އުޅުން މާބުއްދިވެރި ވާނެ ކަމުގައި ފެނެއެވެ. އެހެން ނޫންނަމަ ތިމަންނާމެން މިއުޅެނީ ސަރުކާރު ވައްޓާނުލެވިގެން އިންނާން އޮންނާން ނުލިބިގެންނޭ ބުނެ ފާޅުގައި ނުކުތުން މާމުހިންމެވެ. އޭރުން ބައިވެސް ފަހަރެއްގައި ގިނަވެދާނެއެވެ. ގައިމުވެސް ސަރުކާރު ބަދަލު ކޮއްލާން ކެއްމަދުވެފައި ތިބިބަޔަކުވެސް ތިބޭނެއެވެ. އެމީހުންވެސް ކޮންމެ އަގެއް ދޭންޖެހުނަސް އޭރުން ނުކުންނާނެތާއެވެ. އެކަމަކު ކާބޯތަކެއްޗޭ ، ކަރަންޓޭ ، ޑޮލަރޭ ކިޔައިގެން މިކަންކުރާން އުޅުނަކަސް އެންމެންނަކަށް ތިއުޅޭކަމެއް ސާފެއްނުވާނެއެވެ. އަދި ގެންގުޅެންޖެހޭ ބޯޑުތަކާ ބެނަރތައްވެސް ލިޔަން ފަސޭހަވާނެއެވެ. އަދި މުޒާހަރާގެ އަސްލު މަގްސަދު ހުރިހާއެންމެންނަށްވެސް އެނގޭނެއެވެ. ހަގީގަތް ނޯޅި މިކުރެވެނީ ކޮންކަމެއްކަން އެތެރެއާ ބޭރަށްވެސް އެނގި އޮޅުންފިލައިގެން ދާނެއެވެ.