ކަރަންޓްގެ އަގު ބޮޑުކުރުމާއި ދެކޮޅަށް ބ.ތުޅާދޫގައި އިއްޔެ އިހުތިޖާޖު ކޮށްފިއެވެ. އިއްޔެ ހަވީރު ބޭއްވި މިއިހުތިޖާޖުގެ ބައިވެރިން މައިގަނޑުގޮތެއްގައި ގޮވާލާފައިވަނީ ކަރަންޓް ޔުނިޓެއްގެ އަގު ބޮޑުކުރުމުގެ ބަދަލުގައި ކަރަންޓް ޔުނިޓް ބޭންޑްތަކަކަށް ބަހާލައިގެން އަގު ނަގާ އުޞޫލަކުން ތުޅާދޫ ރައްޔިތުންގެ އިންޖީނުގެ ނޯދަރން ޔުޓިލިޓީޒް ކުންފުންޏާއި ހަވާލުކުރުމަށެވެ.
ތުޅާދޫ ބޮޑުމަގުގެ ހުޅަނގުކޮޅުން ފެށުނު މި އިހުތިޖާޖްގެ ބައިވެރިން އެމީހުންގެ ޝުޢޫރުތައް ފާޅުކުރުމުގައި ވަރަށް ގިނައިރު ވަންދެން ތުޅާދޫ ކައުންސިލްގެ އިދާރާގެ ކުރިމަތީގައި ތިބިކަން ފާހަގަކުރެވުނެވެ. އަދި ބަންދު ދުވަހެއް ނަމަވެސް ރައްޔިތުންގެ ބައިބޯ ޖަމާޢަތެއްގެ ޝުޢޫރުތައް އަޑުއެއްސެވުމުގެ ގޮތުން ކައުންސިލްގެ އިދާރާގެ ކުރިމަތީގައި ކައުންސިލްގެ ރައީސްވެސް ހުންނެވިއެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނަމުން ގެންދިޔައީ މިޙަރަކާތަކީ މުޅި ރައްޔިތުންގެ ޙައްޤުގައި އެމް.ޑީ.ޕީ.ގެ ތުޅާދޫ ގޮފިން އިންތިޒާމް ކުރިކަމަކަށްވިޔަސް މިކަމަށް ތަރުޙީބުދެއްވާ ހުރިހާ ބޭފުޅުންވެސް އެބޭފުޅުންނާއި ގުޅިވަޑައިގަތުމަށް އެދޭކަމަށާއި އެބޭފުޅުންނާއި ބައިވެރިވެ ވަޑައިނުގަންނަވާ ރައްޔިތުންނަކީ އެބޭފުޅުން ޤަބޫލުކުރާގޮތުގައި ކަރަންޓް ޔުނިޓަކަށް ނަގާ އަގު ބޮޑުކުރުމަށް އިޢުތިރާޟް ނުކުރައްވާބޭފުޅުން ކަމުގައެވެ. އަދި ކަރަންޓް ޔުނިޓަކަށްނަގާ އަގުބޮޑުކުރުމުގެ ބަދަލުގައި ޔުޓިލިޓީޒް ކުންފުންޏާއި އިންޖީނުގެ ހަވާލުކުރުމަކީ އެންމެރަނގަޅުގޮތްކަމަށް އިހުތިޖާޖުގެ ބައިވެރިންދެކޭކަމަށްވެސް ހާމަކުރަމުން ގެންދިޔައެވެ. އަދި އިހުތިޖާޖު ކުރިއަށްދިޔަޥަޤުތު ކުޅިބަލަން ވަރަށްގިނަޢަދަދެއްގެ ބަޔަކު ތިބިކަންފާހަގަކޮށް ކުޅިބަލަންތިބުމުގެ ބަދަލުގައި ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލަމުންދިޔަކަމަށް ބުނާ އެބައިވެރިންނާ ގުޅުމަށްވެސް އެދެމުން ދިޔައެވެ.
ތުޅާދޫ ރައްޔިތުންގެ އިންޖީނުގެއަށް ހަދާނެގޮތަކާއި ދޭތެރޭ މިފަހަކަށް އައިސް ވަރަށްބޮޑަށް ރައްޔިތުން ޚިޔާލުތަފާތުވެފައިވާ މި ދަނޑިވަޅުގައި އިންޖީނުގެއާއިމެދު ރައްޔިތުން ނިންމަން ބޭނުންވާ ގޮތެއް ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓެއްނެގުމަށްވެސް ވޭތުވެދިޔަ ހަފުތާގައި ތުޅާދޫ ކައުންސިލްގެ އިދާރާއިން ވަރަށްބޮޑަށް ތައްޔާރުވިތަން ފެނުނެވެ. އެހެންނަމަވެސް މި މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވި ކައުންސިލް މެންބަރުންގެ ކުއްލި ބައްދަލުވުމަކުން މިވޯޓު ނެގުން ފަސްކުރުމަށްވަނީ ފާސްކޮށްފައެވެ.
ތުޅާދޫ އަކީ އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށެކެވެ. އަދި ތުޅާދޫ ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި އަނެއް 4 ގޮނޑި ކޮންޓްރޯލް ކުރަނީ ވެސް އެމްޑީޕީން ނެވެ.