އެމްޑީޕީގެ އާ ރައީސް ހިންމަފުއްޓަށް ވަޑައިގެން އެރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ހިންމަފުށީގައި ހަދާފައިހުރި ފެންއިސްކުރު ބަރިއެއް ބައްލަވާލައްވަނީ - ފޮޓޯ:އެމްޑީޕީ
އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ހިންމަފުށީގައި ހަދާފައިހުރި ފެންއިސްކުރު ބަރިއެއް ބައްލަވާލައްވަނީ - ފޮޓޯ:އެމްޑީޕީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) މިއަދު މާލެ އަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ހިންމަފުއްޓަށް ވަޑައިގެން އެރަށު އެމްޑީޕީ މެންބަރުންނާއި، ބައްދަލުކުރައްވައި ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ނަޝީދަށް ކާމިޔާބުކޮށްދެއްވުން ކަމަށާއި، އެކަމަށްޓކައި ކުރަންޖެހޭ ލައްކަ ގިނަ މަސައްކަތް އެބަހުރި ކަމަށެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތަކުގައި އެމްޑީޕީން ރަގަޅުކުރަންޖެހޭ ވަރަށް ގިނަކަންތައްތަކެއް ފާހަގަކުރެއްވުނު ކަމަށާއި، އެކަންތައްތައް ރަގަޅުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ލައްކަ ގިނަ މަސައްކަތްކުރަން ޖެހިފައި އެބަހުރި ކަމަށާއި، ލައްކަ ގިނަ މަސައްކަތްކުރެވޭނީ ލައްކަ ގިނަ ވަގުތު ދެވޭނެ މީހަކަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި، ޕާޓީގެ އާ ލީޑަރޝިޕުން އިރާދަކުރެއްވިއްޔާ ޕާޓީއަށް އެކިގޮތްގޮތުން ލިބޭ ފައިސާގެ ވަކި އަދަދެއް ރަށްރަށުގެ ގޮފިތަކަށް ފޯރުކޮށްދީ، ރަށްރަށުގައި ޕާޓީ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމަށް އިންތިޚާބުވުމަށްފަހު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މިހާތަނަށް ވަރަށް ގިނަ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މުހުތާދުތައް ފުއްދުމުގައި ހުރި ދަތިތަކުގެ ވާހަކަ ކަމާބެހޭ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދެއްވާފައިވާނޭ ކަމަށާއި، ސަރުކާރާއި ރައްޔިތުންނާއި ގުޅުވުމަށް އެމަނިކުފާނު އުފައްދަވާނޭ ކަމަށް ވިދާޅުވި ކޮމިޓީތައް އުފެއްދެވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތަށް އެޅިފައިވާ ހުރަހަކީ އިދިކޮޅު ފަރާތްތަކުން މާލެތެރޭގައި ފަށައިގެން އުޅެ ހަމަނުޖެހުންތައް ކަމަށާއި، އެ ހަމަނުޖެހުންތައް އުފައްދަނީ ކީއްވެކަން ދިވެހިރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރައްވަމުން ގެންދަވާ ކަމަށް ޕާޓީގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ހަގީގީ ސައިޒަކީ ކޮބާކަން ހުކުރު ދުވަހުގެ އެއްވުމުން އިދިކޮޅު ފަރާތްތަކަށް ފެންނާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
އާބާދީގެ ނިސްބަތުން އެމްޑީޕީގެ މެންބަރުން މަދު މި ރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި އެޕާޓީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ހިންމަފުށީގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމަށް ޕާޓީގެ ފަރާތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި 2011 ވަނަ އަހަރަށް ސަރުކާރުން އެކަށައެޅުއްވި ޕްރޮގްރާމް ބަޖެޓްގައި ހިންމަފުއްޓަށް ކަނޑައެޅިފައިވާ ކަންކަމަކީ ކޮންކަންތައްތަކެއްތޯ އާއި، އެކަންތައްތައް ހިނގާނުހިނގާ ގޮތް ބައްލަވައި، އެރަށުގެ ރައްޔިތުންނަށް އެމައުލޫމާތު އަރުއްވާނޭ ކަމަށް ވިދާޅުވިއެވެ.
ހިންމަފުށީގައި އެމްޑީޕީގެ ޖަގަހައެއް ހެދުމުގެ މަސައްކަތް ކުރައްވާނޭ ކަމަށާއި، އެ ފަދަ ޖަގަހައެއްގެ ބޭނުމަކީ ހަމައެކަނި ލަވަޖެހުން ނޫން ކަމަށް ޕާޓީގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ކަމަށާއި، އެފަދަ މީހުން ތިބީ އެންމެ ރަގަޅު ޕާޓީއަކީ ކޮބާތޯ ދުރުމިއަޅާ ބަލަން ކަމަށް ވިދާޅުވެ، އެފަރާތްތަކުގެ ތާޢީދު ހޯދުމަށް އެފަދަ ފަރާތްތަކަށް ޖަގަހަ މެދުވެރިކޮށް، ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށް ދިނުމަށް ޑރ.ޑީޑީ ގޮވާލެއްވިއެވެ.
ނިސްބަތުން އިދިކޮޅު ޑީއާރުޕީގެ ސަޕޯޓަރުން ގިނަ ހިންފުއްޓަށް ޑރ.ޑީޑީ ކުރެއްވި މި ދަތުރުފުޅަކީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އަތޮޅުތެރޭގެ ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.