ތަހުނިޔާ ދެންނެވުން

” ނަލަގޮފި “.
މުލަކަތޮޅު/ ނާލާފުށި.

ލީޑަރޝިޕަށް މަރުހަބާ !

އެމް.ޑީ.ޕީގެ ރައީސްކަމުގެ މަޤާމަށް ހޮވިވަޑައި ގެންނެވި ޑރ އިބްރާހީމް ދީދީ އާއި ނައިބު ރައީސްގެ މަޤާމަށް ހޮވިވަޑައި ގެންނެވި އަލްއުސްތާޛު އަލްހާން ފަހުމީއަށް މިގޮފީގެ ހުރިހާ މެންބަރުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އާލީޑަރ ޝިޕުގެ ވިސްނުންތެރި ކަމާއެކު މިޕާޓީއަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނޭކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. އަދި އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ޕާޓީގެ ލީޑަރޝިޕާއި ފުރިހަމަޔަށް އެއްބާރުލައިގެން ކުރިއަށް ދިއުމުގެ ހެޔޮވިސްނުމުގައި ކަމުގެ ޔަޤީންކަން އަރުވަމެވެ. ހަމަމިނޭވާގައި ޕާޓީގެ އެހެނިހެން މަޤާމްތަކަށް ހޮވިވަޑައިގެންނެވި އެންމެހާ ފަރާތްތަކަށްވެސް މަރުޙަބާ ދަންނަވަމުއެވެ.
މިފުރުސަތުގައި މިއިންތިޚާބާއި ގުޅިގެން ލީޑަރޝިޕާއި ވަކިވެ ވަޑައިގެންނެވި ފަރާތްތަކުން ޚާއްސަކޮށް އިބްރާހީމް ހުސައިން ޒަކީ މިޕާޓީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭނެ ޚިދުމަތްތައް ފާހަގަކޮށް އެމަނިކުފާނަށާ އެނޫންވެސް އެންމެހާ ފަރާތްޕުޅުތަކަށް ޝުކުރު ދަންނަވަމެވެ.
ޕާޓީގެ އިސްސަފުގައި ތިއްބެވި އެންމެހާ ފަރާތްޕުޅުތަކުން ދެއްކެވި ޑިމޮކްރަސީގެ ރީތިމިސާލާއި އެކުވެރިކަމާ އެއްބާރުލުން އަޅުގަނޑުމެން ބަލައިގަނެ އެގޮތުގައި އަޅުގަނޑުމެންގެ އެންމެހާ މެންބަރުންވެސް ދެމިތިބޭނޭ ކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މިޕާޓީގެ އެންމެހާ ލަނޑުދަނޑިތަކެއް ހާސިލް ކުރުމުގައި ޕާޓީގެ ލީޑަރޝިޕަށް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް އޮންނާނޭ ކަމުގެ ޔަޤީންކަން އަރުވަމެވެ.
ކީރިތި ﷲމިޕާޓީގެ ކުރިމަގު އުޖާލާ ކުރައްވައި އަޅުގަނޑުމެން މިޤައުމުގެ ޙައްޤުގައި ކުރަމުން މިގެންދާ ހެޔޮވެރިކަން ދަމަހައްޓަވައި ކާމިޔާބީތަކުގެ ހުރިހާ ހަރުފަތަކަށް ވާސިލްވުމުގެ ހެޔޮތައުފީޤު އަޅުގަނޑުމެންގެ ލީޑަރޝިޕަށް އަބަދުވެސް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ.
ޝުކުރިއްޔާ!
07 މެއި 2011 މ
އާދަމް މުހައްމަދު މަނިކު
ގޮފީގެ ރައީސް.