އަމާން ދިވެހިރާއްޖެ އަކަށް މިނަމުގައި މާދަމާ އެމްޑީޕީން ހިނގާލުމެއް ބާއްވަނީ

އިބްރާހީމް ރާމިޒް

އެމްޑީޕީ ން ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން. މާދަމާ އެމްޑީޕީގެ މުޒާހަރާ ފަށާނީ ސުނާމީ ބިނާ ކައިރިން - ފޮޓޯ:އަނދާ
އެމްޑީޕީ ން ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން.މާދަމާ އެމްޑީޕީގެ މުޒާހަރާ ފަށާނީ ސުނާމީ ބިނާ ކައިރިން- ފޮޓޯ:އަނދާ

އަމާން ދިވެހި ރާއްޖެއަކަށް މި ނަމުގައި އެމްޑީޕީން ބާއްވާ ހިނގާލުމެއް މާދަމާ ހަވީރު އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މާދަމާ ހަވީރު 4 ޖަހާއިރު ސުނާމީ ބިނާ ކައިރިން ފަށާ މިހިނގާލުން، ސޯޝަލް ސެންޓަރު ކައިރިއަށް މަޑުކުރުމަށްފަހު ނިންމާނީ އާރޓިފިޝަލް ބީޗަށް ކަމަށާއި، މި ހިނގާލުމަކީ ރާއްޖޭގައި ގޭންގުކުށްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އަދި ސަރުކާރާ އިދިކޮޅު މުއްސަނދި މަހުޖަނުންގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާ މި ދަނޑިވަޅު، އެކަންތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގެ ސަމާލުކަން އެހެން ދިމާލަކަށް ދީލާލައި، ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ ނަމުގައި ފަށާފައިވާ މުޒާހަރާތަކާ ދެކޮޅަށް ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މި ހިނގާލުމުގައި ކައިރި ބައެއް ރަށްރަށުން ވެސް މީހުން ބައިވެރިވާނެ ކަމަށެވެ. އަދި މިހާރު އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މުޒާހަރާތަކުގައި ވިޔަފާރިވެރިންނާއި، ފުލުހުންނާއި، ގައުމުގެ އިޤްތިޞާދަށާއި، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ މި މުޒާހަރާތައް މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ސަރުކާރާއި ދައުލަތް ހިމާޔަތް ކުރުމަށް ނަގާފައިވާ 11 މެންބަރުންގެ ކޮމިޓީގެ ވެސް މެންބަރު، މޫސަ ވިދާޅުވިއެވެ.
މާލޭގައި މި ދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިޔަށް ގެންދާ ހަމަނުޖެހުންތަކުގައި މާލޭގެ މަގުތަކުގައި ހުޅުރޯކޮށް، ވިޔަފާރި ވެރިންނާއި، ދައުލަތާއި އާންމުގެ މުދަލަށް އިދިކޮޅު ފަރާތްތަކުންދަނީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. މި ހަމަނުޖެހުންތައް ރޭ ވެސް ކުރިޔަށް ގެންދިޔައެވެ. އެހެން ނަމަވެސް ޒުވާނުންގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަމަނުޖެހުންތައް ރޭ ކޮންޓްރޯލްކޮށްފައިވަނީ ޒުވާނުން ނިކުމެކަން ފާހަގަ ކޮށްލެވެއެވެ.