އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ ދަރިންނަށް ހަމަލާ ދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށްފި

ހ. ޒީނިޔާ އަށް ރޭ ވަދެ އެގެއަށް ގެއްލުން ދީފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ ދަރީންނަށް ހަމަލާ ދިނުމަށް މާލެތެރޭގައި ހަމަނުޖެހުން ހިންގަމުން ގެންދާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފި އެވެ.
ރޭ އިރާކޮޅު، މޫސަގެ ދަރީންގެ ތެރެއިން ދޮށީ 3 ދަރީންގެ ގެ ކަމަށްވާ ހ.ޒީނިޔާ އަށް ޑީއާރުޕީ އާއި އެޕާޓީއާއި ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން ހިންގަމުންދާ އިދިކޮޅު ފަރާތްތަކުން ވަދެ އެ ކުދިންގެ މާމައަށް ބިރު ދައްކައި، އެގޭގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
އެގޮތުން އެގޭ ތެރެއަށް ވަދެ، އެ ކުދިންގެ މާމައާއި ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، އެކުދިން މަރާލާނޭ ކަމުގެ އިންޒާރުދީ ، އެގޭގެ ތެލި ތަށި ފަދަ ތަކެތި އުކައި، ގޭގައި ދިރިއުޅޭ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށް އިދިކޮޅު ފަރާތްތަކުން އަމަލު ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
” ޑީއާރުޕީން ވަކިކޮށްފައިވާ އުމަރު ނަސީރުގެ އިރުޝާދުގެ ދަށުން ބަޔަކު އަޅުގަނޑުގެ ދަރީންގެ ގެ، ހ. ޒީނިޔާ އަށް ވަދެ އެގެއަށް ގެއްލުންދީ، އެ ކުދިންގެ މާމައާ ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، ތެލިތަށި ފަދަ ތަކެތި އުކާ ހަދާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ. ނަސީބަކުން އަޅުގަނޑުގެ ދަރިން މިހާރު އެގެއަކު ނޫޅޭ. އޭގެ ތެރެއިން އެއް ކުއްޖަކު ހުންނަނީ ބޭރުގަ. އަނެއް ދެކުދިން އެހެން ގެ އެއްގަ އުޅެނީ. ޑީއާރުޕީ އޮފީސް ކައިރިން ވަތަނިއްޔާ އިމާރާތުގެ ކުރިމަތިން ކަހަލަ ގޮތަކަށް އެ ގެ ހުންނާނީ. އެގޭ ތެރެއަށް ބޮޑު ގްރޫޕަކުން ވަދެ މިގޭގަ އުޅޭ ރީކޯގެ ނަހަލާލު ދަރިން ކޮބާހޭ ކިޔާ ގޮވާ، އަޑުގަދަ ކޮށް، އެގޭގައި ދިރިއުޅޭ މީހުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފަ މާލެތެރޭގަ ހަމަނުޖެހުން ހިންގަން އެއުޅޭ ގްރޫޕުން ނިކުތީ.” މޫސަ ވިދާޅުވިއެވެ.
ރޭ ހ. ޒީނިޔާ އަށް ބަޔަކު ވަދެ ގެއްލުންދީފައިވާ އިރު، ހަމަނުޖެހުމުގެ 2 ވަނަ ރޭ މޫސަ އަށް ބވެސް ވަނީ ހަމަލަ ދީފައެވެ. އެރޭ މޫސަގެ އިސްތަށިފުޅުގައި ގާ ބުރިއަކުން ޖަހައި ދުޅަކޮށްލުމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިފައިވެއެވެ.