ފުނަމާ
އެކި ނަންނަމުގައި އިދިކޮޅު ފަރާތްތަކުން މިސަރުކާރު އައީހީއްސުރެ ތަފާތު މުޒާހަރާތައް ގެންދަނީ ކުރަމުންނެވެ. މިއިން ކޮންމެ މުޒާހަރާއެއް ގައިވެސް ތަފާތު ހަމަނުޖެހުންތައް ހިންގައި އެތަކެއް ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ލިބި އިދިކޮޅު ފަރާތްތަކުގެ ނުބައި ނިޔަތް ފަޅާއެރުމުން އެކަމެއް ހުއްޓާލައި އެހެން ގޮތަކަށް މިސްރާބު ބަދަލު ކޮއްލަމުން ގެންގޮސްފައި ވެއެވެ.
މިއަދު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި މުދަލުގެ އަގުތައް އުފުލި ދާކަން ނޭނގޭ މީހަކު މިތާކު ނޫޅެއެވެ. އިންޑިޔާގެ ސެންޓްރަލް ބޭންކުގެ އިންޓަރެސްޓް ރޭޓު މިއަދު ބޮޑުކުރިއިރު އެއީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު އިޤްތިސާދެވެ. ކާބޯތަކެތީގެ އަގުތައް އަވައްޓެރި ގައުމުތަކުގައިވެސް އެދަނީ އިންތިހާއަށް މައްޗަށެވެ. ރާއްޖެއަކީ ބޭނުންވާ ގިނަތަކެތި އިންޕޯޓުކުރާ ގައުމެއްކަމުން ބޭރު ދުނިޔޭގައި ކަންހިނގަމުންދާ ކޮންމެ ކަމަކުން ރާއްޖޭގެ ބާޒާރަށް އެކަމުގެ އަސަރު ކުރެއެވެ. ތެލުން ފެށިގެން ، ދަތްކޮއްޓާ އިލޮށި ކޮޅައްވެސް މިކަމުގެ އަސަރު ކުރެއެވެ.
އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ގައުމަކުން ރާއްޖެ މިއަދު މެދުފަންތިއަށް އައިއިރު ރާއްޖޭގައި މިހާތަނަށް މިވީހާތަނުގައި އިގްތިސާދީ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން މިހުރިހާ ކަމަކާއި މިއަދު ކުރިމަތި ލާން ޖެހިފައި މިވަނީ އެތަކެއްހާސް އަހަރު ވެފައިވާ މިގައުމުގެ އުމުރުން ތިންއަހަރު ނުފުރޭ މިސަރުކާރާކަން މިއަކީ އޮޅޭނެ ކަމެއް ނޫނެވެ. ނަމަވެސް ވެރިކަމާހެދި ހޭބުއްދި ފިލައި ދުނިޔޭގެ އެހެން އެއްވެސް ކަމަކާމެދު ވިސްނާލަން ބޭނުންނުވާ ބަޔަކަށް މިކަން ވިސްނުމަކީ ވާނެ ކަމެއް ނޫންކަމުން ގަހަކުން ފަތެއް ހިރިލިޔަސް ނުކުމެ އެކަމާ އަޅުވާ ސަރުކާރު ވައްޓާލަން އުޅުމަކީ އަޖާބުވާނެ ކަމެއްނޫނެވެ. ވަކި ޓީވީއަކުން އިންތިޒާމު ކޮއްގެން މަންޒަރުތައް އޮޅުވައި ވާހަކަތައް ބަދަލުކޮށް ޑްރާމާ ދެއްކުމާއި ” ޒައިނިސްޓު ޕީ” އުފައްދައިގެން އިފްތިތާހީ ޖަލްސާ ބާއްވަން މަގުތަކަށް ، މީހުންގެ ޅަދަރީން ގޮވައިގެން ނުކުމެ ތަންތާ ހުޅުޖެހުމަކުން ގައުމަށް އަމާންކަން ގެނެސްދެވުނީ ކަމަކަށްވެސް ނުވާނެއެވެ. ފުލުހުންނާއި އާންމު ރައްޔިތުންނަށް ގޯނާކޮއްފައި މިކަން ކަމާނުބެހި ތިބި ބައެއްގެ ބޮލުގައި އަޅުވަން އުޅުނަކަސް އެކަމެއް ނުކުރެވޭނެއެވެ. ޖާހިލިއްޔަ ޒަމާނުގައި ” ކަސްބީން ” ލައްވައި ނެއްޓުވި މަންޒަރުތައް ސިފަކޮއްދޭ ނެށުންތައް ނަށުވައި މިސްކިތްތަކަކީ ޕެޓްރޯލުބޮން އުފައްދާ ހާލިތަކަކަށް ހެދުމުން އެކަންކަމަށް” ތުނބުޅި” އެދުރުން ތާއީދު ކުރިޔަސް މިއަކީ އިސްލާމީ ސަގާފަތަކަށް ނުވާނެއެވެ. އަދި ކުރީގެ އަނިޔާވެރި ސަރުކާރުން ހަމަނުޖެހުން ހިންގާން މަގުތަކަށް ނެރުނު ” ސުލްހަވެރި ޒުވާނުން ” މިއަދު ސުލްހަވެރި މުޒާހަރާތަކުގެ ނަމުގައި މަގުމައްޗަށް ނެރެގެން ވެރިކަން ވައްޓާލުމަށް ، “އަމީންޑީޑީ އަށް ހެދިގޮތް” ރައީސް ނަޝީދަށް ހަދާލަން އުޅުމަކުން މިގައުމަށް ތިގެންނާން އުޅޭ ބަޣާވާތް ނޭނގިއެއްވެސް ނޯންނާނެއެވެ. އަދި އަޑީގައި ތިބެގެން ފައިސާ ދީގެން ހިންގަމުން ގެންދާ މާފިޔާ ގުރޫޕުތައް ހުއްޓުމަކަށް ގެނައުމަށް ފުލުހުން ފެއްޓެވި މަސައްކަތް ހުއްޓުވާލެވޭނެއޭ ހީކުރުމަކީ މޮޔަކަމެކެވެ. ” ސަންސެޓް ” ގާނޫނު ވަށިގަނޑަށް ލުމަކީ އިދިކޮޅު ފަރާތްތަކުގެ ދެފުށް ދެގޮތްކަން އެނގި ސާބިތުވެ އަދި މިވަގުތު ސިލްސިލާކޮށް މިހިންގާ ހަމަނުޖެހުން ތަކުގެ އަސްލު މަޤްސަދު ފިސާރި ރަނގަޅަށް އެނގި ހާމަވެގެން ދިޔަކަމެކެވެ.
ވެރިކަން ކުރާ ޕާޓީގެ އިންތިޚާބާ ދިމާކޮށް ފަޅިފަޅި ވެފައިވާ އިދިކޮޅު ބައިގަނޑު ތަކުން ނަގާންއުޅުނު ނާޖާއިޒު ފައިދާއާއި ހީކުރި ގޮތްތައް ދިމާނުވެ ދިއުމުން ދެން ރޭރުވެ މަގުމަތީ ” ފަންހެލުމަކުން” ތިނުބައި ނިޔަތް ފާޅުނުވެއެއް ނޯންނާނެއެވެ. މިޕާޓީގެ ދެގޮތެއްނުވާ އުސޫލުތައް ބަދަލުކޮއް ނުލެވުމުން ސަރުކާރަށާއި މިޕާޓީއަށް އޮތް ތާއީދު އަދި އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޑިމޮކްރެސީ އިތުރައް ހަރުދަނާ ވެއްޖެކަން އެނގުމުން މިވާގޮތަކީ ، ވެރިކަމަށް ބޫތުކައިގެން ހަސަދަވެރިވެ ތިމާގެ އަމިއްލަ އަތުގައިވެސް ދަތްއަޅަމުން ގެންދާ އިދިކޮޅު ފަރާތްތަކުގެ ތަލީން ކުޅުހިކި ލަނގޮނޑި ތާށިވަނީއެވެ.