އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބާއްވައި ސަރުކާރާއި ދައުލަތް ހިމާޔަތްކުރުމަށް ޚާއްސަ ގަރާރެއް ފާސްކޮށްފި

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބާއްވައި، ސަރުކާރާއި ދައުލަތް ހިމާޔަތްކުރާ ކޮމިޓީގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ނަގައިފިއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 90 ވަނަ ޖަލްސާ އަށް ވަޑައިގެންނެވި 40 މެންބަރުންގެ ތެރެއިން 38 މެންބަރުންގެ އަޣްލަބިއްޔަތުން ނެގި 11 މެންބަރުންގެ ކޮމިޓީގައި އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ހުށަހެޅުއްވި ގަރާރަށް އަސްލަމް ޝާކިރު ހުށަހެޅުއްވި އިސްލާހްތަކާއެކު ޤަރާރު ފާސްވި ގޮތް ތިރީގައި މިވަނީ އެވެ.
” ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީސް އިގްރާރުވަނީ: މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށް ވެފައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލޮލުފިޔަ ޖަހާ ނުލެވި، ދަރިންނަށް ސްކޫލް މަދަރުސާތަކަށް ނުދެވި، ބޮޑެތި އަގުގައި ފިހާރަތައް ކުއްޔަށް ނަގައިގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިއަށް ގެއްލުންވެ، މާލޭގެ މަގުތަކުގައި ހުޅުރޯކޮށް، އެމްޑީޕީގެ މެންބަރުންނަށް އަނިޔާކޮށް، ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނާށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި، ޙައްޤުތަކަށް އަރައިގަނެ، ޒުވާނުންގެ ނަމުގައި ކުރީގައި ސަރުކާރުގެ ވަޒީރުކަން ކުރައްވައި ދިވެހި ދައުލަތުގެ އެތައް ކަމެއް ޚަރާބު ކުރައްވައި ރައްޔިތުން ނިކަމެތިކުރި، އަދި މިހާރު ފުޅާ ދާއިރާއެއްގައި ޑޮލަރުން އާމްދަނީ ލިބޭ އަދި ޑޮލަރުގެ ސަޕްލައި ކޮންޓްރޯލްކުރެވޭ، އެތައް ރިސޯޓެއް މެދުވެރިކޮށް ޓުއަރިޒަމްގެ ވިޔަފާރިކުރައްވާ ބައެއް ފަރާތްތަކާއި، އެފަރާތްތަކުގެ އައުވާނުން އިސްކޮށް ތިއްބަވައިގެން އާންމު މަސްލަހަތަށް ބުރޫއަރާ ގޮތަށް ޢަމަލުތަކެއް ހިންގައި، ޙަޤީޤަތާ ޚިލާފަށް އެ ވިޔާނުދާ ހުތުރު އަމަލުތަކުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ފަރާތްތަކަށްދީ، ބައެއް މީޑިޔާތަކުން ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދޮގު ޚަބަރުތައް ފަތުރައި، ވޭތުވެދިޔަ 3 ރޭ މަތިން ހިންގާފައިވާ ހަމަނުޖެހުންތަކަށް ފަހު، ގުޅިފައިވާ މި ޕާޓީތަކުން ރޭގައި ބުނެފައިވަނީ އެމީހުންގެ އަސްލު މަޤްސަދަކަށްވަނީ ސަރުކާރުގެ ދޯދިޔާ ކަމާއި، އެފަރާތްތަކަށް ޤަބޫލު ނުކުރެވޭ ވެރިޔަކު ހުރުމުން، މުޅިރާއްޖޭގެ ކަންކޮޅުތަކުން ވެރިރަށް މާލެ އަށް މީހުން ޖަމާކޮށް، 6 މެއި 2011 ވާ ހުކުރު ދުވަހު، ރައީސުލް ޖުމްހޫރިއްޔާ، ޖުމްހޫރީ މައިދާނަށް ނެރެ، ސިފައިންނާއި ފުލުހުންގެ ހާޒިރުގައި، އެމަނިކުފާނު ވެރިކަމުން ބޭލުމަށްފަހު، އެމަނިކުފާނާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އިސްވެރިންނާއި، ދައުލަތުގެ ވަޒީރުން ތަޅާ އަނިޔާކޮށް މެރުމަށް ނިންމައި، ރޭ 2.30 ގައި ވީޓީވީ އާއި ދި ޓީވީ މެދުވެރިކޮށް، މި އަނިޔާވެރި އަމަލު ހިންގުމަށް ފާޅުގައި އިއުލާން ކޮށްފައިވާތީ، އެމްޑީޕީގެ ގައުމީ މަޖިލީހުން މި ސަރުކާރާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި، ދައުލަތުގެ ވެރިން ހިމާޔަތް ކުރުމަށް އަޅަން ފެންނަ ފިޔަވަޅުތަކާ މެދު ނިންމާ ގޮތެއްގެ މަތިން އަމަލުކުރުމަށްޓަކައި ގައުމީ މަޖިލީހުގެ ކޮމިޓީއެއް ނަގައި، އެ ނިންމުންތައް ގައުމީ މަޖިލީހުން ތަންފީޒްކޮށް އެއާއި އެއްގޮތަށް އަމަލުކުރުމަށް.”