އެމްޑީޕީގެ ނޫސް ބަޔާން

ވަގުތުން ނެރުމަށް
MDP-2011-PR-0004ނަންބަރު:
ތާރީޚް: 3 މެއި 2011 (ހޯމަ)

މާލެތެރޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުން ގެންދާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރުން

ދިވެހި ރައްޔިތުން އެތަކެއް ޤުރުބާނީތަކެއް ވެގެން ރާއްޖޭގައި ގާއިމްކޮށްފައިމިވާ ޒަމާނީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް، ވެރިކަމުގެ ދަހިވެތި ކަމުގައި، 30 އެޕްރީލް 2011 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރާއްޖޭގެ ވިޔަފާރީގެ އެންމެ ކާރުބާރޫ ބޮޑު ސަރަހައްދުތަކަށާއި، އަދި މާލޭގެ އެހެން ސަރަހައްދު ތަކަށް ޒުވާނުންގެ ނަމުގައި، އިދިކޮޅު ޑީއާރުޕީ އާއި އެހެން ސިޔާސީ އިދިކޮޅު ފަރާތްތަކުން އެއްވެ ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި، ހަމަނުޖެހުން އުފައްދައި، ސަރުކާރުގެ މުދަލަށާއި،، އާންމު ރައްޔިތުންގެ މުދަލާއި، ތަކެއްޗަށް ގެއްލުންދީ، ތަންތަނުގައި ހުޅުޖަހަމުންދާ ދިއުމަކީ ތަކެތީގެ އަގުއުފުލުމުގެ ނަމުގައި، ޒުވާނުން ނަހަމަ ގޮތުގައި ބޭނުންކޮށް، ދިވެހި ސަރުކާރު ވައްޓާލުމަށް ޑީއާރުޕީ އިސްވެ އޮވެ، ހިންގަމުންދާ ފިނޑި އަމަލަކަށް ވާތީ، މި އަމަލު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކަށް ދިން ހަމާލާ ވެސް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މާލެތެރޭގައި މިހާރު ހިންގަމުން ގެންދާ، ލާއިންސާނީ އަމަލުތަކަކީ ތަކެތީގެ އަގު އުފުލުމުގެ ނަމުގައި، ދިވެހި ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، ދިވެހި ފުލުހުންގެ އިތުބާރު ނަގާލުމަށް މަސައްކަތްކުރުމުގެ އިތުރުން ކުށްކުރުން ހުއްޓުވުމާ ބެހޭ ބިލު ފެއިލްކޮށްލައި، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުވައްޓާލުމަށް ދުރާލާރާވައިގެން ހިންގި ޣައިރު ގާނޫނީ އަމަލެކެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާޢީދާއެކު އުފެދިފައިވާ ޤާނޫނީ ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ގަސްދުގައި ހިންގާފައިވާ ފިނޑި ޢަމަލެއް ކަމުގައެވެ.
ޤާނޫނީ އިމުގެ ތެރެއިން މުޒާހަރާކުރުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ފުރިހަމައަށް ތާޢީދުކުރާ ކަމެއްކަން މި ފުރުސަތުގައި ވެސް ހަނދުމަފުޅުކޮށް އަރުވާ ހިނދު، ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ތާ އަބަދުމެ ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދިވެހި ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އެބޭފުޅުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާތީ، މިފަދަ ލާއިންސާނީ ޢަމަލުތައް ތަކުރާރު ނުކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް ރައްޔިތުން ބަލައިގަންނަފަދަ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައިހަރަކާތްތެރިވެ، ސަރުކާރު ޖަވާބުދާރީ ކުރުމަށް ޒިންމާދާރު ގޮތެއްގައި، މަސައްކަތްކުރުމަށް ޑީއާރުޕީއާއި އެޕާޓީއަށް ވާގިވެރިވާ އިދިކޮޅު ފަރާތްތަކަށް، ތަކުރާރުކޮށް ހަނދާންކޮށްދެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް