އިދިކޮޅު ފަރާތްތަކުގެ އަސްލު މަގްސަދަކީ ސަރުކާރު ވައްޓާލުން. އިދކޮޅު ފަރާތްތަކަށް އެފުރުސަތެއް ނުދޭނަން – މޫސަ

އިބްރާހީމް ރާމިޒް

moosa1

ޒުވާނުންގެ ނަން ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މުޒާހަރާތަކުގެ އަސްލު މަގްސަދަކީ ސަރުކާރު ވައްޓާލުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ އަގުތައް އުފުލަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި ވިޔަފާރިކުރާ ތަންތަނަށާއި، ފުލުހުންނާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެކަން މޫސަ ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި އަނިޔާވެރި މުޒާހަރާތައް ހުއްޓުވުމަށް ތައްޔާރަށް ތިބުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފައެވެ.
” އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް މި ގޮވާލަނީ ތިޔަބޭފުޅުން ތައްޔާރަށް ތިއްބަވާށޭ، ސަރުކާރު ވައްޓާލުމަށް ޒުވާނުންނޭ ކިޔައިގެން ޖަހައިގެން އުޅޭ މަޅިއެކޭ އެއީ. ތިޔަ ބޭފުޅުންގެ ސަރުކާރު ދިފާއުކުރުމަށް ތިޔަ ބޭފުޅުން ނިކުންނަވާށޭ. މާލެ އަމާންތަނަކަށް ހަދައި މި މުޒާހަރާގައި އާންމުންނާއި، ފުލުހުންނަށް އަދި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުމުން އެފަރާތްތައް ސަލާމަތްކުރުމަށް ނިކުންނަވާށޭ.” މޫސަ ވިދާޅުވިއެވެ.
މި މުޒާހަރާތަކުގައި މޫސަ އަށް ވެސް ވަނީ އަނިޔާވެފައެވެ. އެގޮތުން އާދީއްތަ ދުވަހުގެރޭ ބޭއްވި މުޒާހަރާއާ ދެކޮޅަށް ޝުއޫރުފާޅުކުރުމަށް މޫސަ އާއި އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އިސްވެ ތިއްބަވައިގެން އެމްޑީޕީގެ މެންބަރުން ނިކުތުމުން މުޒާހަރާކުރި މީހުން ވަނީ ގަލާއި ފުޅިފަދަ ތަކެތިން އެމްޑީޕީގެ މެންބަރުންނަށް ހަމަލާދީފައެވެ.އަދި ގިނަ އަދަދެއްގެ ގޭންގް މެންބަރުން ހިމެނޭ މުޒާހަރާގެ ބައިވެރިން މޫސަގެ އިސްތަށިފުޅުގައި ވެސް ގާ ބުރިއަކުން ޖަހައި، ވަރަށް ބޮޑަށް ދުޅަކޮށްލުމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯއްދަވަން ޖެހިފައިވެއެވެ. މި ހަމަލާގައި މޫސަ އަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބުނު ކަމުގައި ވިޔަސް އެކަމާ ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވާ ކަމަށާއި، އެކަން ކުށްވެރިކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.