އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާނޭ ކަމަށް މޫސަ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

moosa

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާނޭ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
” އެމްޑީޕީ އަށް ލޮޅުމެއް ނައިސް ޕާޓީގެ އާ ލީޑަރޝިޕާއެކު އަޅުގަނޑަށްޕާޓީ އަމާން ބަނދަރަކަށް ގެންދެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާތީ އަޅުގަނޑުކުރިމަތިލާން މި ގަސްދުކުރީ. ރޭ ޕާޓީގެ ޗެއަރޕާސަން އިންތިޚާބު އިއުލާން ކުރި ހިސާބުން ފެށިގެން ވެސް ޕާޓީގެ ވަރަށް ގިނަ މެންބަރުން އަޅުގަނޑު ކައިރީ އެދެމުން އެބަދޭ ޗެއަރޕާސަން ކަމަށް ކުރިމަތިލާން. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން ޕާޓީގެ ވީހާވެސް ގިނަ މެންބަރުން އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދެއްވާނެ ކަމަށް.” މިއަދު އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވަނީ ރޭ އާޓިފިޝަލް ގައި ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު އިއުލާން ކުރައްވައި ދެން އަލުން އާ ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށް ވިދާޅުވެފައެވެ.