އެމްޑީޕީ އިންތިޚާބު 2011: ޒަކީ ބަލި ގަބޫލުކުރައްވައި ޑރ.ޑީޑީ އަށް މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

އެމްޑީޕީ އިންތިޚާބުގެ މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަލާއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) އަށް މިއިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވި އިބްރާހީމް ޙުސައިން ޒަކީ މަރުހަބާ ވިދާޅުވެއްޖެއެވެ .
އެމްޑީޕީ މީޑިއާ އަށް ދާދި ދެންމެއަކު މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވީ ” އަޅުގަނޑު ބަލި ގަބޫލުކޮށް. ޑރ.ޑީޑީއަށް މަރުހަބާ ދަންނަވައިފިން. ޑީޑީ މިގަޑީގަ ފޯނު ނުނަންގަވާތީ، އަޅުގަނޑު އެސްއެމްއެސް އަކުން މިހާރުވާނީ މަރުހަބާ ދަންނަވާފަ.”
ޒަކީ އިތުރަށް ވިދާޅުވީ މި އިންތިޚާބުގައި ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި ކަމުގައި ވިޔަސް ޑރ.ޑީޑީގެ ރިޔާސަތުގެ ދަށުން އެމްޑީޕީއަށް ޚިދުމަތްކުރުންމަތީ އަބަދުވެސް ދެމިހުންނަވާނޭ ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވެސް ދާދި ދެންމެއަކު ޑރ.ޑީޑީ އަށް މަރުހަބާ ވިދާޅުވެފައެވެ.