11 އޭޕްރިލް 2010
މިއަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން ލ.އިސްދޫ ކަލައިދޫގައި އެމްޑީޕީގެ 2 ގޮފި އިފްތިތާޙް ކުރުމުގެ ތައްޔާރީތައް އެރަށުގައި ކުރިއަށް އެބަދެއެވެ.
މިގޮފިތައް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އެމްޑީޕީ މީޑިއާ ޔުނިޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިން އެއްގޮފީގެ ގޮތުގައި އޮތް މިގޮފި 2 ގޮތްޕަށް ބަދަލުކުރަނީ އެރަށުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާތީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރި ވުމުގެ ފުރުޞަތު ވީހާވެސް ގިނަބަޔަކަށް ފަހިކޮށް ދިނުމުގެ މަގުސަދުގައި ކަމުގައެވެ.
އިސްދޫ ކަލައިދޫ އެކުވެރިންގެ ގޮފި 1، އަދި އިސްދޫ ކަލައިދޫ އެކުވެރިންގެ ގޮފި 2 ގެ ނަމުގައި އިފްތިތާހް ކުރުމަށް މަސައްކަތް ކުރަމުންދާ މިގޮފިތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހަފްތާގެ ތެރޭގައި އާންމުކޮށް ހުޅުވާލާނޭ ކަމަށާއި، މި 2 ގޮފީގެ މަސައްކަތުގެ އިތުރުން ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމުގައި އެރަށުން މައުލޫމާތު ދެއްވިއެވެ.
ލ.އިސްދޫ ކަލައިދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 360 އެވެ. މީގެ ތެރެއިން 104 މީހަކު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި އިރު، އިތުރު 100 އެއްހާ ފޯމު މިމަހުގެ ނިޔަލަށް އިލެކްޝަނަށް ފޮނުވުމަށްޓަކައި ޕާޓީ އޮފީހަށް ފޮނުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިސްދޫ ކަލައިދޫ އިން މައުލޫމާތު ދެއެވެ.