އެމްޑީޕީގެ އިންތިޚާބު 2011 ފެށިގެން ކުރިޔަށް އެބަދޭ

އިބްރާހީމް ރަމިޒް

އެމްޑީޕީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދަނީ - މި އިންތިޚާބުގެ ވޯޓުލުން ފޯރިއާއެކު މާލެއާއި އަތޮޅުތަކުގައި ކުރިޔަށް އެބަދޭ
އެމްޑީޕީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދަނީ - މި އިންތިޚާބުގެ ވޯޓުލުން ފޯރިއާއެކު މާލެއާއި އަތޮޅުތަކުގައި ކުރިޔަށް އެބަދޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލޯކަލް އިންތިޚާބު (އެމްޑީޕީ އިންތިޚާބު 2011 ) ފެށިގެން އަމާންކަމާއެކު ކުރިޔަށް އެބަދެއެވެ.
ވާދަވެރި ކެމްޕޭނަކަށް ފަހު މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި އިންތިޚާބުގެ ވޯޓުލުން މާލެސިޓީ އާއި، އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އަމާންކަމާއެކު ކުރިޔަށްދާ ކަމަށް އެމްޑީޕީން ބުނެއެވެ.
މާލެ ސިޓީގައި ވޯޓުލުން ކުރިޔަށްދަނީ އެމްޑީޕީ ހަރުގޭގެ އިތުރުން ކަލާފާނު ސްކޫލުގައެވެ. މާލެ ސިޓީގެ ރަށްވެހިންނަށް އެމްޑީޕީ ހަރުގޭގައި ވޯޓު ފޮށި ބެހެއްޓިފައިވާ އިރު، ކަލާފާނު ސްކޫލުގައި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 14 ވޯޓު ފޮއްޓެއް ބެހެއްޓިފައިވެއެވެ. އެއީ ޅ، ކ، އއ، އދ މި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1 ފޮށި، އަދި ވ، މ، ފ، ދ މިއަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 1 ފޮށީގެ އިތުރުން އެހެން ކޮންމެ އަތޮޅެއްގެ ރައްޔިތުންނަށް 1 ވޯޓު ފޮއްޓެވެ.
މިއަދު މި ބޭއްވޭ އިންތިޚާބުގައި ތަފާތު 13 މަގާމަކަށް މީހުން އިންތިޚާބު ކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. އެއީ އެމްޑީޕީގެ ރައީސް، ނައިބު ރައީސް، ޗެއަރޕާސަންގެ ނައިބު އިދާރީ އާއި، ޗެއަރޕާސަން ނައިބުގެ މާލީ އާއި، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ 5 މެމްބަރުންނާއި، އިސްތިއުނާފް ފަޑިޔާރު މަޖިލީހުގެ 9 މެމްބަރުންނާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އާއި ނައިބު ރައީސް އާއި، އަންހެނުންގެ ރޫހުގެ ރައީސާ އާއި، ނައިބު ރައީސާ އާއި، ދާއިރާ ތަކުގެ ރައީސުންނާއި، ޕްރޮވިންސް ރައީސުންނާއި ޕްރޮވިންސް ނައިބު ރައީސުންނެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވޯޓުލެވޭނޭ 2 މަގާމަކީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށެވެ. އެހެން މަގާމްތަކަށް ވޯޓުލެވޭނީ އެމަގާމްތަކަށް ވޯޓު ދިނުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.