އިޢުލާން

MDP/2011-017

އެމްޑީޕީ އިންތިޚާބު 2011 އާއި ބެހޭ

އެމްޑީޕީ އިންތިޚާބު 2011 މި އެޕްރީލް މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަ ޖެހިފައިވާ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ 30 އެޕްރީލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9.00 އިން ފެށިގެން އިރު އޮއްސި 6.00 ގެ ނިޔަލަށެވެ. އަދި ވޯޓުލާ ނިމުމުން ވޯޓުލާ މަރުކަޒުގައި ވޯޓުގުނާ ވަގުތީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މި އިންތިޚާބުގައި ވޯޓުލެވޭނީ އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ރަށެއްގައެވެ. އެމްޑީޕީގެ މެމްބަރެއްތޯ އާއި، އަދި MEM ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި އައިޑީކާރޑް ނަންބަރު ޖެއްސެވުމަށްފަހު 637 އަށް އެސްއެމްއެސް ކުރައްވައިގެން މި އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ރަށް، ބެލޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މި މައުލޫމާތު އެމްޑީޕީ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.
އިންތިޚާބާއި ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާނީ އެމްޑީޕީގެ މައި އޮފީހުގެ ދެ ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިންތިޚާބާއި ގުޅޭ މައްސަލަތައް ގިނަވެގެން 3 ދުވަހުގެތެރޭގައި މައްސަލަ ބަލާ ކޮމިޓީއަށް އެޑްރެސްކޮށް އެމްޑީޕީ ސެކްރެޓޭރިއަޓް އަށް ހުށަހަޅަންވާނެއެވެ.
މި އިންތިޚާބުގެ ވޯޓުލުން މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނެއެވެ. އެގޮތުން މާލޭގެ ރަށްވެހިން ވޯޓުލުމަށް ހަމަޖެހިފައިވަނީ އަމީނީ މަގުގައި ހުންނަ މި ޕާޓީގެ މައި ހަރުގޭގައެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ބޭފުޅުން ވޯޓުލުމަށް ކަލާފާނު ސްކޫލުގައި 14 ވޯޓުފޮށި ބެހެއްޓިފައި ހުންނާނެއެވެ. އެއީ ޅ، ކ، އއ، އަދި އދ. މި އަތޮޅުތަކުގެ ބޭފުޅުންނަށް އެއްފޮށި، ވ، މ، ފ، އަދި ދ، މި އަތޮޅުތަކުގެ ބޭފުޅުންނަށް އެއް ފޮށި އަދި އެހެން ކޮންމެ އަތޮޅަކަށް އެއް ވޯޓު ފޮއްޓެވެ.
މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކާއި އެމަގާމުތަކަށް ވޯޓުލެވޭނޭ ގޮތް ތިރީގައި މިދަންނަވަނީއެވެ.

1. ރައީސް، ވޯޓްލެވޭނީ ޕާޓީގެ ހުރިހާ މެމްބަރުންނަށެވެ.
2. ނާއިބް ރައީސް، ވޯޓްލެވޭނީ ޕާޓީގެ ހުރިހާ މެމްބަރުންނަށެވެ.
3. ޗެއަރޕާސަންގެ ނާއިބް (އިދާރީ)، ވޯޓްލެވޭނީ 2 ވަނަ ކޮންގްރެސްގައި ބައިވެރިވުމަށް ތައްޔާރުކުރި ލިސްޓްގައި ހިމެނޭ މެމްބަރުންނަށް އެކަންޏެވެ.
4. ޗެއަރޕާސަންގެ ނާއިބް (މާލީ) ، ވޯޓްލެވޭނީ 2 ވަނަ ކޮންގްރެސްގައި ބައިވެރިވުމަށް ތައްޔާރުކުރި ލިސްޓްގައި ހިމެނޭ މެމްބަރުންނަށް އެކަންޏެވެ.
5. އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ 5 މެމްބަރުން، ވޯޓްލެވޭނީ ގައުމީމަޖިލީހުގެ މެމްބަރުންނަށް އެކަންޏެވެ.
6. އިސްތިއުނާފް ފަޑިޔާރު މަޖިލީހުގެ 9 މެމްބަރުން، ވޯޓްލެވޭނީ ގައުމީމަޖިލީހުގެ މެމްބަރުންނަށް އެކަންޏެވެ.
7. ޒުވާނުންގެ ހިއްވަރުގެ ރައީސް، ވޯޓްލެވޭނީ ޒުވާނުންގެ ހިތްވަރުގައި ރަޖިސްޓްރީވާ ޒުވާނުން އެކަންޏެވެ.
8. ޒުވާނުންގެ ހިއްވަރުގެ ނާއިބްރައީސް، ވޯޓްލެވޭނީ ޒުވާނުންގެ ހިތްވަރުގައި ރަޖިސްޓްރީވާ ޒުވާނުން އެކަންޏެވެ.
9. އަންހެނުންގެ ރައީސާ، ވޯޓްލެވޭނީ އަންހެނުންގެ ރޫހުގައި ރަޖިސްޓްރީވާ އަންހެން މެމްބަރުން އެކަންޏެވެ.
10. އަންހެނުންގެ ނާއިބްރައީސާ، ވޯޓްލެވޭނީ އަންހެނުންގެ ރޫހުގައި ރަޖިސްޓްރީވާ އަންހެން މަމްބަރުން އެކަންޏެވެ.
11. ދާއިރާ ތަކުގެ ރައީސުން، ވޯޓުލެވޭނީ އެދާއިރާއެއްގައި ހިމެނޭ ހުރިހާ މެމްބަރުންނަށެވެ.
12. ޕްރޮވިންސް ރައީސް، ވޯޓުލެވޭނީ އެޕްރޮވިންސެއްގެ ހުރިހާ މެމްބަރުންނަށެވެ.
13. ޕްރޮވިންސް ނާއިބްރައީސް، ވޯޓުލެވޭނީ އެޕްރޮވިންސެއްގެ ހުރިހާ މެމްބަރުންނަށެވެ.
* ޒުވާނުންގެ ހިތްވަރުގެ ރަޖިސްޓްރީއަކީ އިންތިޚާބުގައި ވޯޓުލާ ދުވަހު ވޯޓުލާ މެމްބަރުންގެ ތެރެއިން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މެމްބަރުންނެވެ.
* އަންހެނުންގެ ރޫހުގެ ރަޖިސްޓްރީއަކީ އިންތިޚާބުގައި ވޯޓުލާ ދުވަހު ވޯޓުލާ އެންމެހައި އަންހެން މެމްބަރުންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
29 އެޕްރީލް 2011

– ސެކްރެޓޭރިއަޓް-