ޝައިޚް ގުބާދު އެމްޑީޕީއާ ގުޅިވަޑައިގެންފި

އިބްރާހީމް ރާމިޒް

gubaad

ޑީއާރުޕީގައި ކުރިން ވަރަށް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި އަދި ކުރީގެ ސަރުކާރުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީ އާއި ގުޅިވަޑައިގެންނެވުމަށްފަހު މެންބަރުނާއި މުޙާތަބުކުރައްވާ ޤުބާދު ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީއަކީ އެންމެ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމްވެފައިވާ ޕާޓީއަށް ވާތީ ކަމަށާއި، ހަރުދަނާ ޑިމޮކުރަސީ އޮންނަ ޕާޓީއެއްގައި، ޕާޓީގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެޕާޓީއެއް ބައިބައި ވެގެން ނުދާނޭ ކަމަށާއި، އެމްޑީޕީއަކީ އެފަދަ ގޮތަކަށް ބައިބައިވެގެން ދާނެ ޕާޓީއެއް ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

ޝައިޚް ގުބާދު ވަނީ ވޭތުވެދިޔަ ސަރުކާރުގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި ކުރިން ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޑިރެކްޓަރ ކަން ވެސް ގުބާދު ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ދާދިފަހަކާ ޖެހެންދެން ވެސް ގުބާދުވަނީ މައުމޫން ފައުންޑޭޝަނުގެ ނަމުގައި ކުރީގެ ރައީސް މައުމޫނުގެ ނަމުގައި އުފައްދައިގެން އުޅޭ ފައުންޑޭޝަނުން ބާއްވާ ދަރުސްތަކުގައި ތަޤްރީރު ކުރައްވާފައެވެ.
ރޭގެ ޖަލްސާ ނިއްމުމުމަށްފަހު އިސްވެ ދުޢާކޮށްދެއްވީ ވެސް ޝައިޚް ޤުބާދު އެވެ.