ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ މާމެންދޫއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމައްޗަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު މާމެންދުއަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މާމެންދޫ ސްކޫލްގައި، މާމެންދޫ ރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ރޭ ބައްދަލުކުރައްވައި، މާމެންދޫ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާއި، ކައުންސިލުން، ރަށާ ގުޅޭ ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ ޕްރޮގްރާމްތަކާއި ޚިދްމަތްތައް ހިންގުމަށް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް ކުރެއްވި ދަތުރުފުޅުގައި، މާމެންދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި، ސްކޫލް ބޯޑުގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ސްކޫލްގެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މާމެންދޫ ޞިއްޙީ މަރުކަޒަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީ މާމެންދޫއަށް ރޭ ކުރެއްވި ދަތުރުފުޅަކީ، ވޭތުވެދިޔަ 29 އަހަރު ތެރޭގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އެ ރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.