MDP/2011-DN-008
ޚާއްސަ ދަންނަވާލުމެއް
ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ މަތިން މިނިވަން އަދި އިންސާފްވެރި އިންތިޚާބުތައް ބޭއްވުމަކީ އަބަދުވެސް އެމްޑީޕީން އިސްކަން ދެމުން ގެންދާ ކަމަކެވެ. އެހެން ކަމުން މި އެޕްރީލް މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އިންތިޚާބު 2011 އަކީ ވެސް މިނިވަން އަދި އިންސާފްވެރި އިންތިޚާބަކަށް ހެދުމަށް އެމްޑީޕީން މިދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
އެ ގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ދެމިހުންނެވި ސ.މަރަދޫ ބަގީޗާގޭ ޙަސަން ޝާހް، އެމްޑީޕީ އިންތިޚާބު 2011 ގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ފާޅުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާ މި ޕާޓީއަށް ލިބެމުން ދިއުމާއި ގުޅިގެން، މި އިންތިޚާބަކީ ދެފުށްފެންނަ މިނިވަން، އަދި އިންސާފުވެރި އިންތިޚާބަކަށް ހަދައި، މި އިންތިޚާބަކީ ނުފޫޒުން އެއްކިބާ ވެފައިވާ އިންތިޚާބެއް ކަމުގެ ޔަޤީންކަމާއި، އިތުބާރު އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް އެރުވުމުގެ ގޮތުން މި ހިނދުން މި ހިނދަށް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަކިފަރާތަކަށް ތާއީދު ނުކުރައްވާ ބޭފުޅަކާ ހަވާލުކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ އެންމެހާ މަސްއޫލިއްޔަތުތައް، މިޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ކެޔޮދޫ ދާއިރާގެ އެމްޑީޕީ ރައީސް އިސްމާޢީލް ޝަފީޢު އާއި، މިއަދުން ފެށިގެން ހަވާލުކުރެވިފައިވާ ވާހަކަ މިޕާޓީގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
28 އެޕްރީލް 2011
– ސެކްރެޓޭރިއަޓް –