މެންބަރުންގެ ޚިޔާލު: ހައްލަކީ ކޮބާ؟ 2 ވަނަ ބައި

ފުނަމާ

ދެތިން ފޮޅުވަތުން ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ބައެއް ކަންކަން މެންބަރުންނާއިއެކު ހިއްސާ ކޮއްލުމަށް މެންބަރުންގެޚިޔާލުގެ ޒަރީއާއިން މިވެބްސައިޓް މެދުވެރިކޮށް ގެނެސްދިނުމުގެ ފުރުސަތު އަޅުގަނޑަށް މިހާތަނަށް ވެސް ދެއްވަމުން ގެންދަވާތީވެ އެމްޑީޕީގެ މީޑިއާ އޮފިސަރ އަށް ޚާއްސަ ޝުކުރެއް ދަންނަވާލުމަށް މިފުރުސަތުގެ ބޭނުން ކޮށްލަމެވެ.
މިވެބްސައިޓްއަކީ ޕާޓީގެ ރަސްމީ ކަންކަން މެންބަރުންނާއި އެކު ހިއްސާކުރުމުގެ ބޭނުމަށް ޚާއްސަ ކުރެވިފައިވާ ސައިޓްއެއް ކަމުގައި ވުމުން ކޮންމެ ކޮންމެ ޚިޔާލެއް ބޭނުންހާ ގޮތަކަށް ފާޅުކޮށް ޝާއިއު ކުރުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ނޯންނާނެކަން ހެޔޮހިތުން ގަބޫލު ކުރަމެވެ. ނަމަވެސް ފޮނުވޭ ލިއުންތައް ކުށްފިލުވައި ދެއްވާ އަދި، އެޑިޓްކޮށް ދެއްވައި އަޅުގަނޑަށް ދެއްވާ އެއްބާރުލުމަށް ޓަކައި އަދިވެސް އަޅުގަނޑުމެންގެ މީޑިއާ އޮފިސަރ އަދި އަޅުގަނޑުގެ އަޚަށް ޝުކުރު ދަންނަވަމެވެ. އެމްޑީޕީގެ މެންބަރަކަށް ވުމުން އިދިކޮޅު ފަރާތްތަކުން އެވިދާޅުވާހެން މެންބަރުންގެ ހަށިގަނޑުގައި އެކި ބާވަތުގެ ޕޮސިޓިވްއާއި ، ނެގެޓިވް ލޭ އެހުންނަ ރަތްކުލައިން ރީނދޫ ކުލަޔަށް ބަދަލުވެގެން ނުދިޔަނަމަވެސް ޕާޓީގެ ކަންކަމާމެދު އެންމެ ކުޑަމިނުން ރެއާއި ، ދުވާލުގެ ތެރެއިން ކިތަންމެ ކުޑަ ހިނދުކޮޅެއް ނަމަވެސް ވިސްނާލައި ހެއްދެވުމަކީ ކޮންމެ މެންބަރަކަށްވެސް މިޕާޓީގެ ވިސްނުމާއި ފިކުރުގައި ދެގޮތެއްނުވެ ދެމިހުރުމަށް ކުރެވިދާނެ ކަމެއް ކަމުގައި އަޅުގަނޑު ގައިމުވެސް ދެކޭތީވެ މާފުރިހަމަ ނޫނަސް އަޅުގަނޑުގެ ޚިޔާލާ ފިކުރު މިގޮތުންވެސް ތިއެންމެ މެންބަރުންނާއި އެކު ހިއްސާ ކޮއްލުމުގެ ބޭނުމުގައި މިމަސައްކަތް މިގޮތައް ކުރެވެނީ ކަމުގައި ދަންނަވަމެވެ. މިވަގުތު ހިންގަމުން މިގެންދާ ސަރުކާރު ނިސްބަތްވަނީ މިޕާޓީއަށް ކަމުގައި ވުމުން ގައުމުގައި ކަންކަން ހިނގަމުންދާ ގޮތާމެދު އެންމެ ބޮޑަށް ސަމާލުވެ ވިސްނާންޖެހޭނެ އެއްބަޔަކީވެސް އަޅުގަނޑުމެން ކަމުގައި ގަބޫލު ކުރާން ޖެހެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެތާއެވެ.
ލިބިފައިވާ ހަނި ފުރުސަތުގެ ބޭނުން ކޮއްލައިގެން އަޅުގަނޑު މިގަސްތު ކުރަނީ މިވަގުތު މިގައުމަށާއި އަޅުގަނޑުމެންގެ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލަކީ ކޮބައިތޯ ސުވާލު އުފައްދައިލުމެވެ. އެހެނީ މިކަންކަމުގެ ހައްލަކީ ކޮބައިކަން ޚުދު އަޅުގަނޑަށް ވެސް ދަންނަވަން ނޭނގޭކަމެވެ. އެކަމަކު ގިނަބަޔެއްގެ މެދުގައި މިކަންކަމަށް ޖަވާބެއް ހޯދުމަށް މަސައްކަތް ކުރެވިއްޖެނަމަ ގައިމުވެސް ހައްލެއް ހޯދުން އޮންނާނީ ދާދި ކައިރީގައި ކަމުގައި ވާތީއެވެ. މިއަދު އެންމެ ބޮޑުވެގެން މިގައުމުގެ އަފްރާދުން މިއުޅެނީ ވަކިމިވެނި ކަމަކަށޭ ބުނެވޭ ވަރަށްވުރެ އަޅުގަނޑުމެން ކަންބޮޑުވާ ކަންކަން މާގިނައެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ސިޔާސީ ގޮތުން ކޯޅޭންވިޔަސް މިގައުމުގައި ދިރިދެމިތިބެވޭނެ ކަމުގެވެސް އުންމީދެއް ނެތިދާ ހިސާބަށް ގައުމުގައި ފާޅުގައި މީހުން ކަތިލަމުން ގެންދާން ފެށުމުން ހުރިހާ ކަމަކަށްވުރެ މިކަން ބޮޑުވާން ދޮގެއްތޯއެވެ؟ އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު ކޮންމެ ވަގުތަކުވެސް މިދުނިޔެ ދޫކޮށް އަޅުގަނޑުމެން ދާންޖެހިދާނެކަން ހެޔޮހިތުން ޤަބޫލު ކުރިޔަސް އަދި ، ހަމައެހެންމެ ކުށަކާއިނުލައި ހުއްޓާ އަނިޔާވެރި ގާތިލެއްގެ ހަމަލާއިން ކަތިލާލެވުމުން މާތްވެގެންވާ ސުވަރުގެ ލިބޭނެކަން އެނގޭހިނދުވެސް އެފަދަ މުޖުރިމުންގެ ޝިކާރައަކަށްވެގެން ދިއުމަކަށް އަޅުގަނޑުމެންގެ އެއްވެސް މީހަކު ނޭދޭނެކަން ކަށަވަރެވެ. އަދި މުޖުރިމުންގެ އަތުން މަރުވެގެން ދިއުމަށް އެދި ދައުވަތު ދީގެން އަމިއްލައަށް ކަތިލެވިގެން ދިއުމަކުން ޝަހީދުންގެ ދަރަޖަ ނުލިބޭނެކަންވެސް އަޅުގަނޑުމެން ދަންނަމުއެވެ. ގައުމާއި ދީނުގެ ދިފާއުގައި ދުޝްމަނުންނާއި ހަނގުރާމަކުރާން އޮންނަ ޙުދޫދުގެ ތެރޭގައި ކުރިމަތިލައި ނަފުސު ޤުރުބާން ކުރުމަކީ މިޔާމުޅީން ތަފާތު ކަމެއް ދޮގެއްތޯއެވެ.
މިއަދު މިގައުމުގައި މީހުންމެރުމާއި މާރާމާރީއާއި ފޭރުން އިންތިހާއަށް ގޮސް އާންމުވެ ކޮންމެ މީހަކަށްވެސް ދެން ތިމާވެސް މިކަމުން ސަލާމަތް ނުވެދާނެހެން ހީވުމުން މިކަން ނުހުއްޓުވުމުގެ އިލްޒާމް މިއަޅުވަމުން ގެންދަނީ ގައުމުގެ ޙާކިމުގެ ބޮލުގައެވެ. ނަމަވެސް މީގެކުރީން ގައުމުގެ ކަންކަން ގޯސްވަމުން ދާތީވެ ސަރުކާރުން ސީދާ ރައީސުލް ޖުމްހޫރިއްޔާ ތަފާތު ފިޔަވަޅު އަޅުއްވާނެ ކަމުގައި ވިދާޅުވިޔަސް އެންމެހާ އިދިކޮޅު ފަރާތްތަކުން މިކަމާ އިހްތިޖާޖުކޮށް އަޑުއުފުލައި ޝަރުއީ ކޯޓުތަކުން ސަރުކާރުން ކުރާކަންކަން ހުއްޓުވަމުން ގެންދަނީ ގާނޫނުގެ އަކުރުތަކުގެ ބާރުން ބާރުހޯދަމުން ކަމުގައި ވިދާޅުވަމުންނެވެ. ނަމަވެސް މިއަދު ވިދާޅުވަނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކޮށްގެންނަމަވެސް މިކަންކަން ނުހުއްޓުވުމަކީ ވެރިމީހާ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ. ދައުލަތުގެ ތިންބާރު ފުރިހަމަގޮތުގައި މަސައްކަތް ކުރޭތޯ ބަލައި އެބާރުތަކުގެ ވާޖިބުތައް ފުރިހަމަޔައް އަދާކުރޭތޯބަލައި ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު ގާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރު ކޮއްދީފައި މީގެކުރީންވެސް އޮތެވެ. އެކަމަކު މުޅިގައުމުގެ އެތަކެއް ފަރުދުންގެ އިހްސާސްތަކާ ދިމާއިދިކޮޅަށް ފަނޑިޔާރުން ލައްވައި ހުވާކުރުވާން އުޅޭންފެށުމުން އެކަން ހުއްޓުވުމަށް ސަރުކާރުން އެންގުމުން އެކަމަކީ އުޑުބޮލައް ވެއްޓުން ކަމުގައި ހަދައިގެން އުޅުނު ދުވަހާ އިންތިގާލީ މަރުހަލާ ނިމުމުން މުޅިގައުމު އެފުށް މިފުށަށް ޖެހިގެން ހިނގައިދާފަދަ ނިންމުމެއް ސްޕްރީމް ކޯޓުން ނިންމުމުގެ ފުރުސަތު ނުދީ ސްޕްރީމް ކޯޓުގައި ތަޅުލުމުން އެކަމަކީ ނުދިންނަވާނޭ ބޮޑު ފާފައެއް ކަމުގައި ސިފަކުރިދުވަސް އަދި ހަނދާނަކުން ނުފިލައެވެ. ގައުމު ސަލާމަތް ކުރުމަށް ކުރާންޖެހޭ ކަމެއް ކުރެއްވުމުގައި ޗާޓުން ބޭރަށް ޖެހިލަން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމުގައި ވިދާޅުވުމުން އަރުވާލި ވަރު ހަނދާން އެބަހުރިތޯއެވެ. އެދުވަހު އެކަން އެކުރީ ތިމާމެން ބޭނުންގޮތަކަށް ގާނޫނުތައް ހަދައި ބަދަލުކުރުމުގެ ބާރުއޮތުމުން ކަމުގައިވެސް ވެދާނެއެވެ. އަދި ބޭނުންނަމަ ހުރިހާ ވަޒީރުން މަގާމުން ދުރުކުރުމަށްވެސް ބާރުއޮތީމައި ކަމުގައި ވެދާނެއެވެ. ނަމަވެސް މިއަދު އެއުންމީދު ގެއްލި ދިއުމުން ދެން ތިމާމެންގެ ސަލާމަތްވެސް އޮތީ ސަރުކާރުގެ ހިމާޔަތުގެ ދަށުގައިކަން ޔަގީންވުމުން ވާހަކައާއި ރާގުއެދަނީ ބަދަލުވަމުންނެވެ. ނަމަވެސް ދީނީ އިލްމުވެރީން ކަމުގައި އަޅުގަނޑުމެން ގަބޫލުކުރާ އެހާމެ އިހްތިރާމް ލިބިގެންވާ ބައެއް ބޭފުޅުން ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމް އެއްގައި ހުންނަވައި ގައުމުގެ މިހުރިހާ ކަމެއް މިގޯސްވެފައިވަނީ ސިޔާސީ ޕާޓީތައް އުފެއްދުމުން ކަމުގައި ވިދާޅުވުމަކީ ސުވާލު އުފެދޭ ކަމެކެވެ. ސުވާލަކީ ސިޔާސީ ޕޯޑިއަމްއެއްގައި ހުންނަވައި އެވާހަކަ އެވިދާޅުވަނީ ކީއްވެބާވައެވެ؟ އިސްލާމީ ޝަރީއަތް ރާއްޖޭގައި ހިންގުން މަނާކުރަނީ ކޮން ގާނޫނަކުން ބާވައެވެ؟ ސްކޫލު ސިސްޓަމުން އިސްލާމްދީން ބޭރު ކުރެވިފައި ވާނަމަ އެކަން ކުރީ މިދެއަހަރުގައި ބާވައެވެ؟ މަގުމަތީގައި ބޮޑެތި ޖަރީމާތައް އެހިންގާ މީހުންނަކީ ދެއަހަރުގެ އުމުރުގެ ޅަކުދީން ބާވައެވެ؟ ދީނީ އިލްމުވެރީން ސަރުކާރާ އެއްބާރުލައި އިތުރު މަސައްކަތް ތަކެއް ނުކޮށް މިކަން ނިމެން އެބައޮތްބާވައެވެ؟ ޖަވާބުގައި ވިދާޅުވާނީ ކީކޭބާވައެވެ؟ ކުރީން މިދެންނެވި ކަންކަމާ މިހާރު ނާމާންވެފައިވާ ކުށުގެ ވެއްޓާ ކިހާވަރެއްގެ ގުޅުމެއް އެބަހުރިބާވައެވެ؟ ސަރުކާރުން ޗާޓުން ބޭރުގައިވެސް މިކަންކަން ހުއްޓުވާން ނުޖެހޭބާވައެވެ؟