މެންބަރުންގެ ޚިޔާލު: ޙައްލަކީ ކޮބާ؟

ފުނަމާ

މިއަދު މުޅިދިވެހި އުންމަތް ކަންބޮޑުވެ ހާސްކަމުގެ ތެރެއަށް ވެއްޓިފައި މިވަނީ ގައުމުގައި ހިނގަމުން މިދާ މީހުންމެރުމާއި މާރާމާރީއާއި މިފަދަ ބޮޑެތި އެތަކެއް ޖަރީމާތައް އިތުރުވެ ނުހުއްޓި ދިގުލައިގެން ގޮސްފައިވުމުގެ ސަބަބުންނެވެ. ކޮންމެ ދުވަހެއް ކޮންމެ ރެއެއް ބިރުން ފިއްކަނޑައިގެން ދާވަރުގެ އާވާހަކައެއް ނުވަތަ ޚަބަރެއް ގެނެސްދޭއިރު މިކަންކަން މިހިސާބަށް މިދިޔައީ ކިހިނެއް ، ކިހާހިސާބަކުން ފެށިގެން ، ކީއްވެގެންތޯ މިއީ މިއަދު އޮޅުންބޮޅުން އަރާކަމަކަށް މިވަނީ ވެފައެވެ.
ދައްކާ ގިނަ ވާހަކަތަކުގެ ތެރެއިން މިކަމަކީ ކުރީގެ ވެރިކަން ބަދަލު ކުރުމަށް ކުރެވުނު މަސައްކަތް ތަކާ ގުޅުން ހުރި ކަމެއްކަމުގައާއި ގާނޫނު އަސާސީއާއި ގުޅިގެން ހަދާންޖެހޭ ގާނޫނުތަކެއް ނުހެދި ހުރުމުން ހިނގާ ކަމެއް ކަމުގައި އެއްބަޔަކު ބުނެއުޅޭއިރު މިކަމަކީ ޑިމޮކްރަސީއާއި ގުޅިފައިވާ ކަމެއް ކަމުގައިވެސް ބުނެއުޅެއެވެ. ވިސްނާލަން ޖެހޭކަމަކީ ގައުމެއްގެ ވެރިކަން ބަދަލުވެގެން މިއުޅެނީ މިރާއްޖޭގައި މުޅީން އަލށް ބާވައެވެ؟ މަގުމައްޗަށްް ނުކުމެ ސަރުކާރެއް ބަދަލު ކުރުމަކީ ރާއްޖެނޫނަސް އެހެން ގައުމު ތަކުގައިވެސް ކޮށްފައިވާ ކަމެކެވެ. ނަމަވެސް ގިނަފަހަރަށް ފެނިގެންދަނީ ވެއްޓޭ ސަރުކާރެއްގެ ވެރީން ހިފައި ހައްޔަރުކޮށް އެކިވަރުގެ އަދަބު ދެވޭތަނެވެ. އެއަށްފަހު ގައުމު ހަމަޖެހިގެން ދެއެވެ. ސަބަބެއް ކަމުގައި ވަނީ ރައްޔިތުން ސަރުކާރަކާ އިދިކޮޅަށް ނުކުންނަނީ އެސަރުކާރެއްގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިއުމުން ކަމުގައި ވާތީއެވެ. އެހެންކަމުން މިފަދަ ވެރިކަމެއް ވެއްޓިގެން ދިއުމުން ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރު ކުރާނީ އަނިޔާވެރީންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުކުރެވި ޙައްޤު އަދަބު ލިބިގެން ދާނެ ވަގުތަކަށެވެ. ތިމާއަށް އަނިޔާއެއް ކުރި މީހަކީ އޭނާގެ މަޤާމުގެ މަތިވެރި ކަމުން ތިމާޔަށް އެކަމުގެ ރައްދުގައި ކަމެއް ކުރެވެން ނެތުމުން ހަނުހުރި ނަމަވެސް އެއަނިޔާދިން މީހާ ނިކަމެތިވެ އަދަބު ލިބޭ ދުވަހެއް ދުށުމަކީ އިންސާނީ ތޮބީއަތުގައި ހިންހަމަޖެހުމެއް ލިއްބައިދޭ ކަމެއްކަމުގައި ގިނަފަހަރަށް ވެގެން ދާކަމީ މިކަމުގެ ސަބަބެއް ކަމުގައި ވެދާނެއެވެ. ބައެއްމީހުން ކަންކަމުގައި މީހުންދެކެ ރުޅިއައިސްގެން މަރާލާނަމޭ ނުވަތަ ، ހޭއަރުވާލާނަމޭ ، ފަދަ ބަސްބަސް ބުނެއުޅެނީއަކީ ކޮންމެހެން އެެކަން ކުރާކަށް ނޫނެވެ. އަންނަރުޅީގައި އާދަވެ މިފަދަ ބަސްތައް ބުނެލައި އުޅެވެނީއެވެ. ނަމަވެސް ބަދަލު ހިފުމުގެ ރޫހެއްގައި ބަސްބުނުމައްވުރެ އަމަލީ ގޮތުން މިފަދަ ޖަރީމާތައް ހިންގުމަކީ ކޮއްގެން ނުވާނެ ކަމެއް ކަމުގައި އަޅުގަނޑުމެން ބުނެއުޅެމުއެވެ. އަދި ދީނީ ގޮތުން ބަލާއިރު ކުށްވެރީންނަށް އަދަބު ދިނުމަށް ޝަރީއަތް ގާއިމު ކުރައްވާފައި މިވަނީވެސް އަމިއްލަ އަމިއްލައަށް ގިސާސް ހިފުމަކީ މުޅި މުޖުތަމަޢު އެކަމުގެ ސަބަބުން ފަސާދަވެ ބިރުވެރި ކަމަށް ހުށައެޅޭނެތީ ކަމުގައި ޔަޤީން ކުރަމެވެ. ނަމަވެސް އަދުލު އިންސާފު ގާއިމު ކުރުމަށް އެއްވެސް މުޖުތަމައެއް ނުކުޅެދިއްޖެ ނަމަ ދެންކަންވާނެ ގޮތެއް ވިސްނާލަން ޖެހެއެވެ. ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ މީސްމީހުންގެ މުދަލާއި ޖާނަށް އެތަކެއް އަނިޔާ ދީފައި ތިބިބަޔަކު މުޖުތަމައުގެ އިއްޒަތްތެރީންގެ ގޮތުގައި ތިބޭތަން ފެނުމަކީ އަނިޔާ ލިބިފައި ތިބިބަޔަކަށް ހަޖަމު ނުކުރެވިދާނެ ކަމަކަށް ފަހަރެއްގައި ވެދާނެއެވެ. އެހެންކަމުން ދައުލަތުގެ އެންމެހާ ބާރުތަކުން މިކަންކަމާމެދު އަބަދުވެސް ވިސްނާން ޖެހޭނެއެވެ. މުޖުތަމައުގެ ހަމަޖެހުން ދެމިއޮންނާނީ އެތަނެއްގައި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަ ކުރެވުން މިންވަރަކުން ކަމުގައި އެއްވެސްމީހަކު ދެބަހެއް ނުވާނެއެވެ. މިކަމުގައި އިސްލާމީ ގައުމެއް އެހެން ގައުމެއް ތަފާތެއްނުވާނެއެވެ.
ކަން މިހެން އޮތްނަމަވެސް މިކަންކަމާމެދު ވިސްނުން ދުރުކޮށް ސިޔާސީ ގޮތުން އެބަޔަކަށް އެންމެ ފައިދާހުރި ކަންކަމާމެދު ވިސްނުމުގައި ގައުމުގެ އެންމެން މިވަނީ ސިޔާސީ ކޯވަރުތައް ބޮއެގެން މަސްތުކަމެއްގެ ތެރޭގައޭ ދަންނަވާން ޖެހެއެވެ. ރާއްޖޭގެ އާބާދީގައި ވޯޓު ހައްގުވެޔޭ މިބުނާ ބަސްކިޔޭވަރުގެ ދެލައްކައެއްހާ މީހުން މިތިބީ ގުރުއަތުލައި ބައިބަހައިގެން ސާދަ ސިޔާސީ ފިކުރަށް ބެހިގެންނެވެ. މިފިކުރުގައި ދެންތިބި ތަސައްރަފު ނުފުދޭ ދަރީންވެސް ޝާމިލު ކޮއްގެންނެވެ. ކަންމިހެންވުމުން މިއަދު މިގައުމުގައި މިހިނގާ ހަމަނުޖެހުންތަކުގެ އަސްލަކީ މިދެންނެވި ސިޔާސީ ގަޑުބަޑު ކަމުގައި ބުނާނެ ފުރުސަތުވެސް އެބައޮތެވެ. ރާއްޖޭގެ ވެރިކަމުގައި އޮތީ ސިޔާސީ ޕާޓީއެކެވެ. ގާނޫނު ހަދަނީ ސިޔާސީ މީހުންނެވެ. އަދުލު އިންސާފު ގާއިމުކުރާން އެތިބީ މިގައުމުގައި މިއޮތް ސިޔާސީ ވެއްޓާ ބީރައްޓެހި ހިލަމެއްނެއް ދެފުށް އެއްގޮތް ބައެއްކަމުގައި ބުނެވޭނެ ޖާގައެއް ކަންހިންގަމުން ގެންދާގޮތުން ދެންނެވޭކަށް ނެތެވެ. އަދި ހަމައެހެންމެ ހެދެމުންދާ ގާނޫނު ތަކާއި އިސްލާހު ކުރެވެމުންދާ ގާނޫނުތަކުގައި ސިޔާސީ ކުލައެއް ނެތެކޭވެސް ދެންނެވޭކަށް ނެތެވެ. ސަބަބަކީ ޕާޓީއެއް ނޫނޭ ސިޔާސީއެއްނޫނޭ ކިތަންމެ ވަރަކަށް އެ މެންބަރުން ވިދާޅުވިޔަސް ރިހާކުރު ގުޅިއަކުން ބޮނޑިއެއް ނެގިއަސް މަސްބުރިއެއް ނެގިއަސް އަދިކިއެއްތަ ގަޑުބަޑު ކުރާން ކިިތަންމެ ގޮދަންފުށެއް އެޅިޔަސް އެގުޅިން ދެންނަގާ ކޮންމެ އެއްޗަކުން ރިހާކުރުވަސް ދުވާބީދައިން ސިޔާސީ މީހުން ހަދާއެއްޗެއްގައި ސިޔާސީކުލަ ނުޖެހި ނުދާނެތީއެވެ.
ސުވާލަކީ މުޖުތަމައުގައި މިހިނގާ ބިރުވެރި ކަންކަން ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ ކޯޅުންތަކުން މިގައުމުގެ ރައްޔިތުންނާއި ދައުލަތުގެ ތިންބާރު ވަކިކުރެވޭނެ ހެއްޔެވެ؟ ހެދިފައިވާ ގާނޫނު ތަކެއްގެ ބޭރުން ރައީސުލް ޖުމްހޫރިއްޔާއަށް މިކަންކަން ހުއްޓުވުމަށް ކިހާވަރެއްގެ ފުރުސަތެއް އިދިކޮޅު ފަރާތްތަކުން ދޭނެހެއްޔެވެ؟ އަރާރުމާ ދުރުވެ ވެރިކަމުގެ ގޮނޑީގެ މަތީން ކުޑަހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައި ރައްޔިތުންގެ ހައްޤުގައި ހަދާންޖެހޭ ގާނޫނުތައް މަޖުލިހުން އަވަސް ކޮށްދޭނެ ހެއްޔެވެ؟ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނިޔަތުގައި ޝަރުއީ ދާއިރާއިން ދެންއޮތް ދެބާރާ ނުތޮޅި އެމީހުންގެ ވާޖިބު އަދާކުރާނެ ހެއްޔެވެ؟ ކުށްކުރާ މީހުން ކުރިމަތީގައި ޖަރީމާ ހިންގާފައި ދުވެދާއިރު ބަލާންހުންނަ ފުލުސްމީހާގެ ވަށައިގެން އެޅުވިފައިވާ ގާނޫނުގެ ތަޅު ހުޅުވޭނެ ދުވަހެއް އަންނާނެ ހެއްޔެވެ؟ ކުށްވެރީންގެ ހިމާޔަތުގައި ނޫންގޮތަކަށް ވަކީލުން ކައިބޮއެ އުޅެން އާދަވެދާނެ ހެއްޔެވެ؟ ހިތާމައަކީ މިކަން ހައްލުކުރާނެ ގޮތެއް ނޭނގި ގައުމުގެ ވެރީންނާއި އެންމެ ރައްޔިތުން އާގަމަވެޖައި ތިބެންޖެހިފައި ވުމެވެ. މިކަން ހައްލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރެވި ޖަވާބެއް ނުލިބޭކަމެވެ.