ނޫސް ބަޔާން: ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އެމްޑީޕީ މެންބަރު މުޙަންމަދު ނަޝީދުގެ ނޫސް ބަޔާން

ނޫސްބަޔާން

24 އޭޕްރީލް 2011 ވަނަ ދުވަހު އެމް.ޑީ.ޕީގެ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލްޙާން ފަހުމީގެ “އަނެއް ދިވެހިރާއްޖެ މެކުހަށް” ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން “ޤާނޫނުއަސާސީއަށް ބަދަލުގެނެސްގެންވެސް އަޅުގަނޑުމެންގެ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ރިޔާސީ 3 ދައުރަކަށް ހޮވާނެކަމަށް” އަޅުގަނޑާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ޚަބަރާ ބެހޭގޮތުން ދަންނަވަމެވެ.
މިވާހަކައަކީ ވާހަކައިގެ ޖޯޝުގައި ރައީސް ނަޝީދަށް އަޅުގަނޑުގެ ޕާޓީގެ މެންބަރުންގެ ލޯބިއޮތް މިންވަރު ހާމަކުރުމުގެގޮތުން މަޖާޒީ ގޮތެއްގައި އަޅުގަނޑު ދެންނެވި ދެންނެވުމެކެވެ. މިވާހަކައިގެ ރޫހާއި މަޤުޞަދު ގެއްލޭނެ އަދި މާނަ އޮޅިދާނެފަދަ ގޮތަކަށް މިކަން މާނަ ނުކުރެއްވުމަށް ވެސް ދަންނަވަމެވެ.
އެމް.ޑީ.ޕީ އަކީ އަދި ރައީސް ނަޝީދަކީ ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރައްވާ އެ އަސާސްތައް ނެގެހެއްޓުމަށް މަސައްކަތްކުރައްވާ ފަރާތްޕުޅުތަކެކެވެ.
އަޅުގަނޑުގެ ވާހަކައިގެ ރޫހާއި ލަފްޒީމާނަތަކުގެ އަރާރުންވުމެއްގެ ސަބަބުން ހިތްޕުޅުހަމަޖެހިވަޑައިނުގަތުމެއް ލިބިވަޑަގެންނެވި އެންމެ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެމެވެ.
އަދި ދަންނަވަމެވެ. އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ނިންމުންތަކަކީ މަޝްވަރާގެ މަތިން، އިސްލާމީ އުސޫލުތަކާއި ޤާނޫނުއަސާސީގެ ރޫހާއި ޤާނޫންތަކުގެ ތަރަހައިގެ ތެރޭ، ހެޔޮވެރިކަމަށް މަގުފަހިވާނެ ގޮތަށް ޑިމޮކްރެޓިކް ހަމައިން ނިންމާ ނިންމުންތަކެއް ކަމުގެ ޔަޤީންކަން ވެސް އަރުވަމެވެ.
ދިވެހި ޤައުމާއި، އެމް.ޑީ.ޕީއަށް އެދެނީ ފަލާހާއި ކާމިޔާބީއެވެ.

_______________________
25 އޭޕްރީލް 2011
މުޙަންމަދު ނަޝީދު (ކާނަލް)