ރާއްޖެއާ ބެހޭ ޑޮކިއުމެންޓަރީ ފީޗަރ ފިލްމެއް މިއަހަރު އަޅުވަނީ

1

ރާއްޖެއާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ހޮލީވުޑް ސްޓައިލްގެ ދިގު ޑޮކިއުމެންޓަރީ ފިލްމެއް، މިއަހަރު ބޭއްވޭ ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލެއްގައި އެޅުވުމަށް ހަމަޖެހިއްޖެއެވެ. “ދި އައިލެންޑް ޕްރެޒިޑެންޓް”އަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ރާއްޖެއިން އިސްނަގައިގެން ދުނިޔޭގެ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތައް ދައްކައިދޭ 90 މިނިޓްގެ ޑޮކިއުމެންޓަރީ ފީޗަރ ފިލްމެކެވެ. މި ފިލްމު އުފައްދާފައިވަނީ، އެމެރިކާގެ ސެންފްރެންސިސްކޯގައި ޤާއިމްވެފައިވާ، އޮސްކާ އަދި އެމީ އެވޯޑް ހޯދާފައިވާ ޑޮކިއުމެންޓަރީ ފިލްމު އުފައްދާ ކުންފުންޏެއް ކަމުގައިވާ އެކްޗުއަލް ފިލްމްސްއިންނެވެ.

2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ސަމިޓަށް ތައްޔާރުވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއާއިދިވެހި ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތް، މި ފިލްމުގައި ހިމެނުމަށްޓަކައި، ވީޑިއޯ ކުރުމުގެ ހުއްދައަށް އެދި އެކްޗުއަލް ފިލްމްސްގެ ފަރާތުން ދިވެހި ސަރުކާރަށް ހުށަހެޅީ 2009 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމު އުފެއްދުމަށް، އެކްޗުއަލް ފިލްމްސް އިން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، 1.5 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ.

މި ފިލްމުގެ ވާހަކައާއި، ފިލްމުގައި ހިމަނާނެ ބައިތައް ކަނޑައަޅައި، ފިލްމު އުފެއްދުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެކްޗުއަލް ފިލްމްސް އިންނެވެ. ފިލްމު ހެދުމަށް ހިނގި ހުރިހާ ޚަރަދެއް ކޮށްފައިވަނީ، އެކްޗުއަލް ފިލްމްސްއިން، ފޯޑް ފައުންޑޭޝަނާއި، އެމެރިކަން ކޯޕަރޭޝަން ފޯ ޕަބްލިކް ބްރޯޑްކާސްޓިންގއާއި، މެކްއާތަރ ފައުންޑޭޝަނާއި، އެޓްލާންޓިކް ފައުންޑޭޝަނާއި، ސަންޑާންސް އިންސްޓިޓިއުޓް އަދި އެމެރިކާގެ ހެޔޮއެދޭ އެކި ފަރާތްތަކުން ހޯދާފައިވާ ހިލޭ އެހީގެ ދަށުންނެވެ.

މި ފިލްމާބެހޭ އިތުރު މަޢުލޫމާތާއި، މި ފިލްމްގެ ޓްރެއިލާ ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
www.theislandpresident.com