މެންބަރުންގެ ޚިޔާލު: އަމިއްލަ ނަފުސަށް އަނިޔާވެރި ނުވާށެވެ!!!

ފުނަމާ

އެންމެ ފުރަތަމަ ސާޅީސް އެއް ފަރާތަކުން ސިޔާސީ ޕާޓީއެއް ނޫގާނޫނު އަސާސީގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށައެޅުމުން އެމީހުންނަކީ ބާޣީން ކަމުގައި ސިއްކަ ޖަހައި ހުށައެޅި ލިސްޓު ކުނިވަށިގަނޑަށް އެއްލާލުމަށްފަހު ރާއްޖޭގެ ގާނޫނު އަސާސީއިން ސިޔާސީ ޕާޓީ ހިންގުމުގެ ފުރުސަތެއް ނެތްކަމުގައި ބަންޑާރަ ނާއިބަކަށް ހުންނެވި މުނައްވަރު ވިދާޅުވިއިރު ބޭރުގެ މީޑިޔާތަކުގައި ކުރީގެ ރައީސް ވިދާޅުވަމުން ގެންދެވީ ދިވެހީން ސިޔާސީ ޕާޓީ ހަދަން ބޭނުންނުވާ ކަމަށާއި އެކަން ކުރާން ބޭނުންނަމަ އެފުރުސަތު އެއިރުވެސް އޮތްކަމުގައެވެ. ޖައްވާ ފަޒާއަށް ބަޑިޖެހުމަކީ ދިރިތިބި އިންސާނުންގެ ގަޔަށް ބަޑިޖެހުން ކަމުގައި މާނަކުރާ ބަޔަކު އެފަދަ ވާހަކަ ދައްކާފައި އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންތާއެވެ.
ރާއްޖޭގެ ދުނީގެ އެތެރޭގައި ސިޔާސީ ޕާޓީއެއް ހެދޭނެ ވެއްޓެއް ނެތުމާއެކު މަދުބަޔަކު ގުޅިގެން ރާއްޖެއިން ބޭރުގައި ޑިމޮކްރެޓިކް މޫވްމެންޓެއް އުފައްދައި ރާއްޖޭގައި ސަރުކާރުން ހިންގަމުން ގެންދިޔަ ލާއިންސާނީ ޖަރީމާތަކާ އިދިކޮޅަށް އަޑުއުފުލާން ފެށުމުން އެކުވެރި ސަރުކާރުތަކަށް ދޮގުމައުލޫމާތު ދީގެން އެމޫވްމެންޓު މުޅީން ނައްތާލުމަށް ކުރީގެ ސަރުކާރުން ކުރިމަސައްކަތް ވެގެން ދިޔައީ އެކަމުގައި އުޅުނު މީސްކޮޅު މުޅީން ނައްތާލުމަށް ހިންގުނު ހަރަކާތަކަށެވެ. ނަމަވެސް ޚާރުޖީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ތިއްބެވި މަދު ބައެއްގެ ނިހާއީ އެހީތެރިކަމާއެކު ދުނިޔޭގެ ސަމާލުކަމަށް މިކަންގެނެސް އެވަރުންވެސް އޭރުގެ އަނިޔާވެރި ސަރުކާރުން ދޫނުދީ އިސްލާހީ ބައިވެރީންނަށް ކުރަމުން ގެންދިޔަ ދުއްތުރާތަކުގެ ސަބަބުން އެހަރަކާތުގެ ބައިވެރީންނަށް ޖެހުނީ ސިޔާސީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް މާދުރުގައި ތިބެގެން އެހަރަކާތްތައް ކުރިއަށް ގެންދާށެވެ. އެގޮތުން ކުރި މަސައްކަތް ތަކުގައި ބައެއް މީހުން ލިބުނު ފުރުސަތުގެ ބޭނުން ކޮއްގެން ރާއްޖޭން ބޭރުގައި މިހާރުވެސް އޮޔެއް ، ވަޔެއް ނާޅާގޮތެއްގައި ދިރިއުޅެމުން އެބަގެންދެއެވެ. މިދެންނެވި ބީދައިން ނުހަނު ދަތިހާލިގައި ފެށުނު މަސައްކަތް ކަމުފޮޅާގޮތްވެ ރާއްޖޭގައި ސިޔާސީ ޕާޓީހެދުމުގެ ހުއްދަ ކޮންމެވެސް ގޮތަކުން ލިބުމާއެކު އެމްޑީޕީ އުފެދިގެން ދިޔައީ ކުރީން މިދެންނެވި ހަރަކާތުގެ މޭސްތިރީންގެ އާރުކާޓީ ކަމުގެ ދަށުގައެވެ. މިއަދު ރާއްޖޭގައި ސާދަ ސިޔާސީ ޕާޓީ އުފެދިފައި ވާއިރު އެފުރުސަތު ދިވެހީންނަށް ހޯދައިދިނުމުގައި މަދުބަޔަކުވީ ގުރުބާނީ މިއަދު ހީވަނީ އަޅުގަނޑުމެންގެ ތެރެއިންވެސް ބަޔަކު ހަނދާން ނެތިއްޖެހެންނެވެ. ނޫންނަމަ އެކަން ހަނދާން ނައްތާލަން ބޭނުންވާހެންވެސް ހީވެއެވެ. އެހެނަސް އެކަންކަން ފިސާރި ރަނގަޅަށް ދެނެތިބި މީހުން މިއަދުވެސް މިގައުމުގައި ޚާއްސަކޮށް އެމްޑީޕީގައި އެބަތިއްބެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި ފެންނާން އެތިބަ މޫނުތަކަކީ ” ބަޅުރުއްދަށުގައި ގެދޮރު އަޅައިގެން ވެއްޓޭކާށި އުނގަށްލައިގެން ” ކާލަކާލަ ތިބިމީހުން ނޫންކަމާ އެފަރާތްތަކަކީ އެމްޑީޕީއާއި މުޅިރާއްޖެއަށް މިމިނިވަން ޑިމޮކްރަސީ ގެނެސްދިނުމުގައި ދުނިޔޭގެ ނިސްބަތުން ނެލްސަން މަންޑޭލާއާއި މަހާތުމާ ގާނދީވެސް ކުރެއްވިފަދަ މިންނެތް މަސައްކަތް ކޮއްދެއްވި ބަތޮލުންކަން ދިވެހީންގެ ގިނަބަޔަކާއި ބޭރުގެ ދުނިޔެވެސް ދަނެއެވެ. 2006 ނޮވެންބަރު މަހު ކުރީގެ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަށް ނަމޫނާ ދޯނީގައި ހިއްވަރު ގަދަ އެތަކެއް ދިވެހީން އެކުރި ދަތުރު ހުއްޓުވާލުމަށް އޭރުގެ ސަރުކާރުގެ ރަހުމެއްނެތް ދިފާއީބާރުން ރޭގަނޑުގެ ކަނުއަނދިރީގައި މާސިންގާ ހުވަދޫ ކަނޑުގައި އެއުޅަނދު ވަށާލައި ދިންއިންޒާރު ތަކާއި އެވަގުތު އެއުޅަނދުގައި ތިބި އަންހެނުންނާއި ކުޑަކުދީންނާއި އެކްޓިވިސްޓުން އެވަގުތުކޮޅު އެކަނި ހިއްސާކުރި ބިރުވެރި ހާލަތު އެކަނި ހިތަށް ގެނެވުނަސް އެމްޑީޕީ އުފެއްދި މީސްކޮޅު އިހްސާސްކުރި ހިތްދަތިކަމާއި ވޭނާ ކެކުޅުމާ ދެއްކި ހިއްވަރާ ، ފަންވަރު ސަލާމަތުން ހުރި ކޮންމެ ސިކުނޑިއަކަށް ވަޒަން ކުރެވޭނެއެވެ. އެހެނަސް މިއަދު ރާއްޖެ އެފަދަ އަނިޔާވެރި ހުކޫމަތުން ބޭރުވުމުން ކުރީގައި ބާރުވެރި ކަމުގައި ތިބި މީހުން އަޑީގައިތިބެ ރިޕޯޓު ހަދާލައިގެން ބޭރުގެ ދުނިޔެއަށް ހުށައެޅުމަށް މުޅި ރާއްޖޭގައި ހިންގަމުން މިގެންދާ ބޮޑެތި ޖަރީމާތަކާ ހަމަނުޖެހުން ތަކުގެ ސަބަބުން ރާއްޖޭގައި އެތަކެއް ގުރުބާނީ ތަކެއް ވެގެން ދިވެހީން މިއުފެއްދި ނިޒާމު އޭގެ ޅަފަތުގައި ފުނޑުފުނޑު ކޮއްލުމަށް އެގެންދަނީ މަސައްކަތް ކުރަމުންކަމީ އެނގި ފާޅުވާން އޮތް ހަގީގަތެކެވެ. ތިމާމެންގެ އަމިއްލަ އެދުންތަކުގެ ސަބަބުން ތިމަތިމާމެންގެ މެދުގައިވެސް އިންތިހާއީ ހަމަނުޖެހުންތައް އުފެދި ބޭޒާރުވެ ހަފުސްވަމުން ދާއިރު އިރެމުންދާ ފޮށާގަނޑުގެ އެތިއެތިކޮޅު މޫނުމަތީ އަޅައިގެން އެ ވިސްނުމާ ފިކުރު މިޕާޓީގެ ތެރޭގައިވެސް އިންދައި ރޯކުރެވޭތޯ އެގެންދަނީ މަސައްކަތް ކުރަމުންނެވެ. މިދަނޑިވަޅު އަޅުގަނޑުމެން ބަލާންވީ މިފަދަ ކަންކަން އަޅުގަނޑުމެންގެ ތެރެއަށް ނުގެނެސް މިހާރުވެސް މިތިބިފަދައިން އެކުވެރި ކަމާއި ބަދަހި ކަމާއެކު ސަފުތައް ބަދަހިކުރުމެވެ. ހަމައެހެންމެ އަޅުގަނޑު މެންގެ ތެރޭގައިވެސް މިއަދު ޚިޔާލު ތަފާތުވެ އަޅުގަނޑުމެންގެ ފިކުރާ އިދިކީލި ޚިޔާލުތަކަށް ގެންގުޅެން ބޭނުންވާ ފަރާތްތައް ތިބިނަމަ ބުއްދިވެރި ގޮތަކީ އެބޭފުޅުންގެ އެފިކުރާ ޚިޔާލާ އެއްގޮތައް ދީލައިލާ ފެޔައް ޖެހިވަޑައި ގަތުމެވެ. އަމިއްލަ ނަފްސުގެ އެދުންތަކުގެ ކުރިމަތީގައި އަނެކުންގެ ފަލްސަފާ ގަބޫލު ކުރާން އުނދަގޫވެ ތާއަބަދު ޝަކުވާ ކުރުމުގެ ސަބަބުން ހިތުގެ ރިހުން އިތުރުވެ އެކަމުން ތިމާގެ ޒަމީރު ތާއަބަދު ހާސްކަމުގައި ގެންގުޅުމަކީ އަމިއްލަ ނަފަސައް ދެވޭ ބޮޑުގެއްލުމެކެވެ. އަމިއްލަ ނަފްސަށް އަނިޔާވެރި ނުވާށެވެ. އަޅުގަނޑުމެންގެ ފިކުރާ ޚިޔާލާ ފަލްސަފާ އަކީ އެންމެ މީހެއްގެ ފިކުރާ އެއްގޮތައް ބަދަލުކުރެވޭ ވަރަށްވުރެ މާހަރުދަނާ އެއްޗެއްކަން ގަބޫލުކުރައްވައިގެން މެނުވީ އަޅުގަނޑުމެންގެ ތެރޭގައު ފުރުސަތު ނޯންނާނެކަން ގަބޫލު ކުރައްވާށެވެ.