– ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސް މާދަމާރޭ އޮންނާނެ
އިބްރާހީމް ރާމިޒް
30 އެޕްރީލް 2011 ވާ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ މެދުގައި ބާއްވާ ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވުމަށް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ނިންމެވުމާ ގުޅިގެން ނައިބު ރައީސުންގެ މެދުގައި މިރޭ ބާއްވަން ހަމަޖެއްސި ބަހުސް ކެންސަލްކޮށްފިއެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް އަލްހާން ފަހުމީގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އަދި ގ. ކަކާގެ، ހުސެއިން އާދަމް (އާދަމްބެ) ކުރިމަތިލައްވާފައިވާ ނަމަވެސް މި ބަހުސް ކުރިޔަށް ގެންދެވޭ ގޮތް ނުވީ އާދަމްބެގެ ފަރާތުން އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރުމުގެ އެއްވެސް ރޫހެއް މިހާތަނަށް ފެނިފައި ނުވުމާއި، ބަހުސްގައި ބައިވެރިވުމާ މެދު ވެސް އާދަމްބެ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވިއެވެ.
މި ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވަނީ ބަހުސާ ގުޅިގެން މިހާރު ހިނގަމުންދާ ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އަށް އަލްހާން އިއްޔެ ފޮނުއްވި ސިޓީގައި ވެއެވެ.
މި ރޭގެ ބަހުސް ކެންސަލްވި ނަމަވެސް މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރައީސް ކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގައި ބާއްވާ ބަހުސް ރޭވިފައިވާ ގޮތަށް ކުރިޔަށްދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ރާއްޖެ ޓީވީ އާއި، އެމްއެންބީސީވަން އަދި ސަންއެފްއެމް އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ މި ބަހުސް އޮންނާނީ މާދަމާ ރޭ 9.00 ގައި ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައެވެ.