މެންބަރުންގެ ޚިޔާލު: ބޭނުންހާ ކަމެއް ކުރަން ދޫކޮއްގެން އެމްޑީޕީއެއް ނޯންނާނެ !!

ފުނަމާ

ކުރިމަތިވަމުން މިއަންނަނީ އަޅުގަނޑުމެންގެ އެތެރޭގެ މުހިންމު އިންތިޚާބު ތަކެކެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަ ކަމަށް ލޮޅުންތަކެއް އަރުވާލުމަށް ސިއްރުގައާއި ފާޅުގައި މަސައްކަތް ކުރުމަށް ބައެއްފަރާތްތަކަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމުގައި ދެކިގެން އެމަސައްކަތް ކުރުމަށް ބަޔަކު އެވަނީ ފޫގަޅާލާ ތައްޔާރު ވެފައެވެ. ހިތާމަޔަކީ އިދިކޮޅު ފަރާތްތަކުގެ މަޅިދަށުވެ އަޅުގަނޑު މެންގެ ތެރެއިން ބައެއް މީހުންވެސް މިކަމުގެ ނުރައްކާ ތެރިކަމާމެދު ވިސްނާލުމެއްނެތި މިކަމުގައި ބައިވެރިވަމުން ދާކަމެވެ.
އެމްޑީޕީ އަކީ މިފަދަ ކިތަންމެ ކަމެއް މީގެކުރީންވެސް ތަޖުރިބާކޮށް އެކަންކަމުން ވިސްނުންތެރި ކަމާއެކު ސަލާމަތްވެ މިއަދާހަމަޔަށްވެސް އައި ޕާޓީއެއްކަން މިޕާޓީއާއި ވާދަވެރި ޕާޓީތަކުންވެސް ގަބޫލު ކުރެއެވެ. އެމްޑީޕީގެ ކުރީގެ ދެރައީސުން ޕާޓީން އިސްތިއުފާ ދެއްވައި ވަޑައިގެންނެވި ހިނދުވެސް ޕާޓީގެ މުހިންމު މެންބަރުންތަކެއް މިޕާޓީ ބޮލާލާ ޖަހާފައި ދިޔަކަން އެއީ ހަޤީގަތެކެވެ. ޕާޓީގެ އެތެރޭގައި ހުޅުފެޅިޔަ ނުދީ އެވަގުތު ފިޔަވަޅުތަކެއް އަޅުއްވައި ޕާޓީ ހަމަމަގަށް އެޅުވުމުގައި ޕާޓީގެ ލީޑަރޝިޕާއެކު އެންމެހާ މެންބަރުން ކުރެއްވި އިޚްލާސްތެރި އެތަކެއް މަސައްކަތް ތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިޕާޓީ މިވަނީ އެތަކެއް ކުރިއެރުންތަކެއް ހޯދައިފައެވެ. ނަމަވެސް މިއަދު މިލިބިފައިވާ ކާމިޔާބުތަކާއި ގުޅިގެން ނަމަވެސް ޕާޓީގެ ބައެއް މެންބަރުން ޕާޓީގެ މަސްލަހަތަށްވުރެ ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކޮށް އެކަންކަން ހާސިލް ވުމުގައި ކިތަންމެ ކުޑަނަމަވެސް ހިންހަމަނުޖެހުމެެއް ކުރިމަތި ވެއްޖެނަމަ އިދިކޮޅަށް އަޑުއުފުލައި ތިމާގެ އަޑަށްވުރެ ބާރުއަޑެއް ނެތްކަމުގައި ހައްދަވަން އެބަމަސައްކަތް ކުރައްވައެވެ. އެންމެ ފަހަރަކުވެސް މިޕާޓީއަކީ ތިމާގެ އެކަނި މަސްލަހަތު ރައްކާތެރި ކޮއްދިނުމަށް އުފެދިފައިވާ އެއްޗެއް ނޫންކަމާއި ތިމާއަކީވެސް ހަމައެކަނި މިޕާޓީގެ ހިއްސާއެއްކަން ގަބޫލުކޮށް އޮންނަ އުސޫލުތަކެއްގެ ތެރެއިން މަސައްކަތްކޮށް ކުރިއަށް ދިއުމުގެ ބަދަލުގައި މިނޫން ގޮތްގޮތަށް ތިމާއެދޭ ކަންކަން ހާސިލް ކުރަން މަސައްކަތް ކުރާކަމީ ހިތާމަހުރި ކަމެކެވެ.
ބަޔަކު އެންމެން އެކުވެ ހިއްސާވެގެން ނުހަނު ބުރައިގައި އުފެއްދި މިޕާޓީ އެންމެ މެންބަރެއްގެ ނުވަތަ މަދުމެންބަރުން ތަކެއްގެ ސަބަބުން ހަލާކުކޮއްލުމަކީ މިޕާޓީގެ ދެންތިބި މެންބަރުން އެކަމަށް ޖާގަދޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ނޭއްގާނި އަމަލުތައް އެކުރާ މެންބަރުންނަށް އެއަރައި ގަނެވެނީ މިޕާޓީގެ ދެންތިބި އެތަކެއްހާސް މެންބަރުންގެ ހައްގައްކަން ދަންނާން ޖެހޭނެއެވެ. އެމްޑީޕީގެ އެތެރޭގައި ޑިމޮކްރަސީއެއް ނެތޭ ފާޅުގައި ބުނެ އަޑުއުފުލާ މެންބަރަކީ އެމްޑީޕީގެ ލިބާހެއް ލައިގެން އިނަސް މިޕާޓީގެ މެންބަރުން އެމީހަކާމެދު ވިސްނާނެ ކަމެކެވެ. ދެމެންބަރެއްގެ މެދުގައި ނުވަތަ، މެންބަރަކާއި ޕާޓީގެ ގުނަނަކާއި ދެމެދު މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރެވޭނެ މަގު މިޕާޓީން ދައްކައި ދީފައިވާނެއެވެ. އަދި އަމުދުން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން އޮންނަ އުސޫލަކުން މެނުވީ ބަދަލު ކުރުމުގެ ބާރެއް މިޕާޓީގެ އެއްވެސް މެންބަރަކަށް ނޯންނާނެއެވެ. ސަބަބަކީ މިޕާޓީގެ ނަން އޮތަސް ސަރުކާރަކީ މިގައުމުގެ އެންމެހާ ރައްޔިތުންނަށް އެއްއުސޫލަކުން ކަންކުރާން އުފައްދާފައިވާ އެއްޗެއްކަމެވެ.
މިސާލަކަށް އެންސްޕާއިން ދެއްވާ ޚިދުމަތެއް މިޕާޓީގެ މެންބަރަކަށް ވިޔަސް ލިބޭނީ ސަރުކާރުން އެކަން ހިންގަވާ އުސޫލު ތަކެއްގެ ތެރެއިންނެވެ. މިނޫން ގޮތަކަށް އެކަން ހާސިލްކުރަން އުޅުމުން އެކަން ނުވިޔޭ ކިޔާފައި ޕާޓީގޯސްކޮށް މަގުމެދުގައި ހުރެގެން ހަޅޭއްލަވާ ތިމަންނާއަކީ މިޕާޓީއަށް އެވެނި މިވެނި ކަމެއް ކޮއްދިން މީހެކޭ އެހެންވީމައި ތިމަންނާ އެދޭހާކަމެއް އެދޭހާ ގޮތަކަށް ވާންޖެހޭނެ ކަމުގައި ބުނެހެދިޔަކަސް އެކަމުން ތިމާގެ އަގުވެއްޓުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. އެންމެ ކުޑަމިނުން މިޕާޓީ ވެރިކަމަށް ގެނައީވެސް ހަމައެކަނި މިޕާޓީގައި އެވަގުތު ރަޖިސްޓްރީގައި އޮތް ނަވާރަހާހެއްހާ މީހުންގެ އެކަނި ވޯޓުން ނޫންކަން ގަބޫލުކުރާން ޖެހޭނެއެވެ. ޕާޓީގެ އެންމެހާ މެންބަރުންގެ މަސައްކަތާއި އެކު ހެޔޮއެދޭ ފަރާތްތަކުގެ މަދަދާއި އެހީތެރިކަންނެތި އެހުރިހާ ވޯޓެއް ހޯދާނީ ކިހިނެއްތޯ އެންމެ ކުޑަމިނުން ވިސްނާލަބަލާށެވެ. މިސަރުކާރު ވެރިކަމަށް ގެނައުމަށް ތިމަންނާއާއި ތިމަންނާގެ އާއިލާއިން އެކަނި ފަސްހާސް ވޯޓު ދިނީމޭ ބުނާން ކެރޭނެ ހަމައެކަކުވެސް އެބަހުރި ބާވައެވެ. ވީއިރު މިޕާޓީގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި މިއެންމެހާ މެންބަރުން އެމެންބަރެއްގެ މިންވަަރުން ހިއްސާ ކޮއްފައިވާކަން ހެޔޮހިތުން ގަބޫލު ކުރެއްވުމީ މުހިންމު ކަމެކެވެ. ތިމަންނާ އަތުން މިވެނިވަރެއް ޚަރަދު ކުރީމޭ ތިމަންނާ މިވެނި ކަމެއްގައި ހަރަކާތްތެރިވީމޭ ބުނެ މެޑެލިޖަހާލަން މަސައްކަތް ކުރުމަކީ ބުއްދިއެއްނުވާ ޅަކުދީން ކުޅޭން އުޅޭއިރު ކުރާކަހަލަ ކަމެއް ނުވަތަ އެނގިހުރެ މިޕާޓީގެ އެންމެހާ މެންބަރުންނަށް ހަރާންކޯރުވުމަށް ކުރާ މަސައްކަތެއް ނޫންކަމުގައި ދެންނެވޭކަށް ނެތެވެ. އަދި މިފަދަ ދެއުޅިއެއްނުވާ އެހާމެ އަމިއްލަ އެދުން ބޮޑު ފަރާތްތަކުން އެކުރަމުންގެންދާ ކަންކަމުގެ ޒިންމާ އެންމެފުރިހަމަ ގޮތުގައި އެފަދަ ފަރާތްތަކުން އުފުލާން ޖެހޭނެކަން ދަންނާން ޖެހޭނެއެވެ. އަދި މިޕާޓީއަކީ ވަކިމީހަކު އަޑުބާރު ކުރުމުން ރުއް އިތުރުވާނެ ކަމުގައި ބަލައިގެން އެމީހެއްގެ ވަށައިގެން އެނބުރޭވަރަށްވުރެ ޕާޓީއާއި މެންބަރުންނަށް މާއިޚްލާސްތެރި ގިނަމެންބަރުން ތިބި ޕާޓީއެއްކަން ކޮންމެ މެންބަރަކުވެސް ދަންނާން ޖެހޭނެއެވެ. އަދި ޕާޓީގެ އެތެރޭގައި ހުރެގެން ހައިޖާނު ހެދުމަށް މަސައްކަތް ކުރިނަމަވެސް މިޕާޓީގެ ކޮންމެ މެންބަރަކުވެސް ތިބޭނީ މިފަދަ މެންބަރުންގެ އަމަލުތަކަށް ފިސާރި ފާރަވެރިވެ ސަމާލުވެގެންނެވެ. ހަށިގަނޑުގެ ގުނަވަނަކަށް ނަމަވެސް ކެންސަރޖެހި ސަލާމަތް ނުވާހިސާބައް ދިއުމުން އެގުނަވަނެއް ކަނޑާ އެއްލާލަން ޖެހިއްޖެނަމަ އެކަން ކުރާން ޖެހޭނެކަން އަޅުގަނޑުމެން ދަންނަފަދައިން އެގުނަވަނެއް ކަނޑާއެއްލާ ލުމުން އިތުރު މައްސަލަތައްވެސް ޖެހޭނެކަން އެނގި ދޭންޖެހޭ އެހެނިހެން ފަރުވާ ހުންނާނެކަންވެސް އަޅުގަނޑުމެން ދަންނަމުއެވެ. ފަހަރެއްގައިވެސް ލޯމަރާލައިގެން ޣާފިލުކަންމަތީގައި އަޅުގަނޑުމެން ތިބޭނެ ކަމުގައި ހީނުކުރާށެވެ. ހަމަހިލާ ބޭނުންހާ ކަމެއް ކުރަން ދޫކޮއްގެން މިޕާޓީއެއް ނޯންނާނެއެވެ.