މެންބަރުންގެ ޚިޔާލު: މަދަރީންނޭ ހޭއަރާށެވެ!!!

ފުނަމާ

mdp-kguraidhoo

ތަނަވަސްކަމާ ބާރުވެރި ކަމާ ދަތިކަމާ ނިކަމެތި ކަމަކީވެސް ތަގްދީރުގެ މަތިވެރި މަސްލަހަތު ތަކަކާއި ގުޅިގެން މިބިންމަތީގައި އިންސާނުން އިމްތިޙާން ކުރެއްވުމަށް މިންވަރު ކުރައްވާ ކަންކަމެވެ. ތިމާޔަށް މުދާވެރިކަން ނުވަތަ ބާރުވެރިކަމެއް ލިބުމުން މިނިއުމަތްތަކުގެ ބޭނުން ކުރަނީ ކިހިނެއްކަން އަދި ދަތިކަމާ ނިކަމެތިކަން މިންވަރު ކުރެއްވުމުން ކެއްތެރިވަނީ ކިހާމިންވަރަކަށްކަން އެކަންކަން އަޒަލުގައި ކަނޑައެޅުއްވި މަތިވެރި އިލާހު އެންމެމޮޅަށް ބައްލަވައި ވޮޑިގަތުމުގައި ދެމިވޮޑިގެންވެއެވެ. އެނގުނަސް ނޭނގުނަސް މިއީ ހަޤީގަތެވެ.
މީހަކު އޭނާ ހަލާލު ގޮތުގައި ހޯދި އެތަކެއް މިލިޔަން ރުފިޔާ ޚަރަދުކޮށް ވިޔަފާރިއެއް ފެށުމަށް މުދާގަނެ ބޭރުން އެތެރެ ކުރަން އެރުވި އުޅަނދު އަޑިއަށްގޮސް މުދާކޮޅު ގެއްލި ނިކަމެތިވުމަކީ އޭނާގެ ކިބައިން ކުށަކާ ނުލައި ނުވަތަ ބާރެއް ނެތި ހިނގައިދިޔަ ކަމެއް ކަމުގައި ވާނަމަ އޭނާއަށް އެކުރިމަތި ވެގެންދަނީ އަޒަލިއްޔަ ގާނޫނަކުން އޭނާ އިމްތިހާނު ކުރެއްވުމަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނަކާއެވެ. މިންވަރު ފުޅައް އީމާންވެ ކެއްތެރި ކަމާއެކު އެއިމްތިހާނާއި އޭނާ ކުރިމަތިލައި ފާސްވާހިނދު ކުރީން އެނެތިގެންދިޔަ ނިއުމަތްތަކުގެ އެތައްގުން އިތުރައްވެސް އޭނާއަށް ދެއްވުމަށް ﷲ ކުޅަދުން ވަންތައެވެ. ދުނިޔޭގެ ތަޖުރިބާއިން މިފަދަ ކިތަންމެ ކަމެއް ފެނި ހާމަވާން އެބަހުއްޓެވެ. ވެރިކަމާ މުދަލާ އާރާ ބާރު ދެއްވުމުން ނިއުމަތްދެއްވި ފަރާތެއް ވާކަން ހަނދާން ނައްތާލައި ނާޖާއިޒު ގޮތުގައި ބޭނުން ހިފުމުން ހީވެސް ނުކުރާ ގޮތުގައި އެނިއުމަތްތައް އެފަރާތަކުން ނިގުޅައި ގަންނަވާ ނިކަމެތި ކުރައްވާފައިވާތަން އަޅުގަނޑުމެން ނުދެކެނީހެއްޔެވެ؟ ނޫނެކެވެ. ސަލާމަތް ބުއްދިއެއްވާ ކޮންމެ މީހަކު މިކަން ދަނެއެވެ.
އިންސާނާއީ މުސްލިމެއް ކަމުގައިބުނެ އީމާންވެ އީމާންކަމުގެ ރުކުންތައް ގަބޫލު ކުރެއެވެ. ﷲއާއި ރަސޫލުންނަށް ، މަލާއިކަތުންނާއި، ފޮތްތަކަށް އީމާންވެއެވެ. އާޚިރަތް ދުވަހަށް އީމާންވެއެވެ. ނަމަވެސް ހިތަމަޔަކީ ގިނަ އިންސާނުންނަށް ހެޔޮމިންވަރާއި ނުބައި މިންވަރަށް ފުރިހަމަ ގޮތުގައި އީމާން ނުވެވޭ ކަމެވެ. މަތިވެރި ކަމެއް ނިއުމަތެއް ލިބޭހިނދު އެނިއުމަތް ދެއްވި ފަރާތް ހަނދުމަ ނެތޭކަމެވެ. ނިކަމެތިކަން ލިބޭހިނދު ކުރީން ނިއުމަތުގައި ގެންގުޅުއްވި އިލާހުއަށް އޮތް އިތުބާރު ދޫކޮށް މޫނުއަނބުރާލާ ކަމެވެ.
ލޮބުވެތި މެންބަރުންނޭވެ. ހުރިހާ ކަމަކުން މިސާލު ދައްކާ މިފަދަ ލިއުމެއްގައި އަލިއަޅުވާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމުން ދަންނަވަމެވެ. އަޅުގަނޑުމެން އަބަދުވެސް ކަންކަމުގައި މިސާލުނަގައި ތަޖުރިބާ ހާސިލް ކުރަން ފަސޭހަވާނީ އަޅުގަނޑުމެންގެ ތެރެއިންނެވެ. ދެކޭށެވެ. އިއްޔެ އަޅުގަނޑުމެން ތިބީ ހާދަހާ ނިކަމެތި ހާލެއްގައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ އިއްޔެ ހުރަގޭގެ އަހުލުވެރީންނެވެ. ބިންމަތީގައި ގަޔައްމީދަލާއި ކަނޑާ އަރާގޮތުގައި ނިދައި، ވެލިއެޅި ކާނާއާއި ރާޅުކޮއް މުގުރާފައި ހުރި ފުޅިތޮށި ކެއުމަށް މަޖުބޫރު ކުރެވުނު މީހުންނެވެ. އަޅުގަނޑުމެންގެ ކުށަކީ އަނިޔާވެރި ހުކޫމަތަކާ އިދިކޮޅައް އަޑުއުފުލުމެވެ. ހައްގާ އެއްކޮޅަށް ބަސްބުނުމެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މިތިބީ ކޮންތާކު ހެއްޔެވެ؟ އަޅުގަނޑުމެންނަށް ބޮޑާކަމާއެކު އަނިޔާވެރިވި އަނިޔާވެރީން ކޮބައި ހެއްޔެވެ؟
އާދޭހެވެ. އަޅުގަނޑުމެން ހައްގުގޮތުގައި ކުޅަމަސައްކަތުގެ ފުރިހަމަ މޭވާގެ ރަހަ މިއަދު އަޅުގަނޑުމެން މިދަނީ ދެކެމުން ކަމުގައި ހީކުރެވިދާނެއެވެ. ނަމަވެސް މިކަން ދެމެހެއްޓޭނީ ކިހިނެއްކަން އަޅުގަނޑުމެން ދަނެތިބޭން ޖެހޭނެއެވެ. ލިބުނު ނިއުމަތައް ޝުކުރުވެރި ނުވެ ބޮޑާވެ އަނިޔާވެރި ވެއްޖެނަމަ އަޅުގަނޑުމެން ހަލާކުގެ ތެރެއަށް ފުރޮޅި އެއްލައި ލެވުމަށް ކުޑަހިނދުކޮޅެއްވެސް ނުނަގާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާން ޖެހޭނެއެވެ.
ލޮބުވެތި މެންބަރުންނޭވެ! އިއްޔެއާއި ހަމަޔައް ތިރީސް އަހަރުވަންދެން ބިންގާ ވަރުގަދަކޮށް އެޅި އަނިޔާވެރި ކަމުގެ ކޮއިލު އިރި އެކޮއިލުގައި ރަސްކަމާއި ރަނިކަންކުރި ސާހިބުންނާއި ސާހިބާއިން މިއަދު ކޮބައި ހެއްޔެވެ؟ އެންމެ ދުވަހެއްގެ ކުޑަ ހިނދުކޮޅަކުން ދަޅަ ފިލައި ދިޔުމައް މެދުވެރި ކުރެއްވިގޮތް ދެކިބަލާށެވެ. ތަޚުތުން މަގުމައްޗަށް ހުރަގެއިން ތަޚުތައް އިންސާނުން ބަދަލުކުރައްވާ އިލާހުގެ ކުޅަދުން ވަންތަކަން ނިކަން ދެކިބަލާށެވެ. ބޮޑާވެ ކިބުރުވެރިވެ އިންސާނީ ހުރުމަތް ކަނޑައިގަތުމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ.
ވެރިކަމުގެ އާރާބާރު އަޅުގަނޑު މެންނަށް ދެއްވިހިނދު ކޮންމެ ސަބަބަކާ ހުރެނަމަވެސް މިވެރިކަމަށް ބަސްކިއުމުގެ ބާރު ﷲގެ މިންވަރު ފުޅުން އަނިޔާވެރި ފަރާތްތަކުގެ ދޫތަކަށް ދެއްވިއެވެ. ރައްޔިތުންގެ ބާރުކަމުގައިވާ މަޖްލީހުގައި އެވެރީން ކުރީން އެއުޅުނު ގޮތް ދެކި އަޅުގަނޑުމެން މާޔޫސްވީމުއެވެ. އަޅުގަނޑުމެންގެ އިންސާނީ ހުރުމަތެއް ކަރާމަތެއް ނުބަލައި ހިތުހުރި ގޮވެއްޔެެއް ގޮވަމުން އެގެންދިޔައިރު އަޅުގަނޑުމެންގެ ގައިންވެސް ހީބިހި ނެގިއެވެ. އެދުވަހުވެސް އަޅުގަނޑުމެން ކެއްކުރީމެވެ. މިއަދު ދެކިބަލާށެވެ. އެމީހުންގެ ތެރެއިން އެމީހުންނަށް އެރައްދުވާ ބަސްތަކާއި ކަންވަމުންދާގޮތް ނިކަން ދެކިބަލާށެވެ.
މިކަންކަމުން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނާން ޖެހޭނެއެވެ. ނިއުމަތްތަކަށް ޝުކުރުވެރިވެ އަޅުގަނޑުމެންގެ މޮޓޯއާއި އެއްގޮތައް ” ކާމިޔާބުގެ ވަގުތު ތަކުގައި ހިތް ތިރިކޮށް” ނިއުމަތް ދެއްވި ފަރާތް ހަނދުމަކޮށް ބަހާ ، އަމަލުން ޝުކުރުވެރި ވާން ޖެހޭނެއެވެ. އިހްސާން ތެރިކަން ކުރިއައްނެރެ ހިއްތައް އެކުވެރިކޮށް އެއްގޮތެއްގައި ދެމިތިބޭން އާއަޒުމެއް ކަނޑައަޅާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ މެދުގައި އޮތް މަސްލަހަތު ގެއްލިގެން ދިޔަނުދީ ސާބިތުކަމާއެކު ދެމިތިބޭން ޖެހޭނެއެވެ. ދުނިޔޭގެ ބަދަލުވަމުންދާ ހަޤީގަތައް ލޯހުޅުވައި ތިބެ، އިސްލާހުވެ ދިއްކޮއްލާ ކޮންމެ އަތެއްގައި ހިތްހެޔޮ ކަމާއެކު ހިފާން ޖެހޭނެއެއެވެ. ހެޔޮމަގައް މަގުދެއްކުމުގައި ދާއިމްވެ ތިބޭން ޖެހޭނެއެވެ. މަދަރީންނެވެ. ހޭއަރައި މިކަންކަމުން ޢިބުރަތް ލިބިގަންނާށެވެ.