ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އެ އަތޮޅު ދިޔަމިގިއްޔާއި، މަޑިފުށްޓަށާއި ވިލުފުށްޓަށް ޒިޔާރަތް ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތިން ރަށަށް ވަޑައިގެން، މި ތިން ރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށު ކައުންސިލްތަކުން، ރަށްރަށާ ގުޅޭ ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ ޕްރޮގްރާމްތަކާއި، ޚިދްމަތްތައް ހިންގެވުމަށް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި މި ރަށްރަށުގައި ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި، ހިންގެވުމަށް ހަމަޖައްސަވާފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކާ ބެހޭގޮތުންވެސް ކައުންސިލްތަކާ ޚިޔާލު ބަދަލުކުރައްވާނެއެވެ.

މީގެއިތުރުން، މި ރަށްރަށުގައި ޤާއިމްކުރެވިފައި ހުރި، ތަޢުލީމީ، ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތް ފޯރުވައިދިނުމުގެ ވަސީލަތްތައް ހުރި ނެތްގޮތްވެސް ބައްލަވާނެއެވެ.