މެންބަރުންގެ ޚިޔާލު: މޮޑުނު ތައްޓަށް ވެލިނާޅާށެވެ!

ފުނަމާ

އެމްޑީޕީ އަކީ ވަކިމީހެއްގެ އަމިއްލަ މިލްކެއް ނޫނެވެ. މިއީ ހަރުދަނާ ފިކުރެކެވެ. ރާއްޖޭގެ ކެލަޔާއި ގަމާދެމެދު މިދިރިއުޅޭ މިފިކުރަށް ތަބާވާ އެންމެންގެ ޙައްގެކެވެ. އެމްޑީޕީއަކީ މާރީތި އުސް އިމާރާތެއްގެ ވަކިފަންގިފިލާއެއްގައި ޖަހާފައިހުރި ނަންބޯޑެއް ނޫނެވެ. އެފަދަ ނަންބޯޑުތަކާ ނިޝާންތަކުން އެރަމްޒު ކޮއްދެނީ މިޕާޓީގެ ލޮބުވެތި އެންމެހާ މެންބަރުންނެވެ. މެންބަރުން ނެއްނަމަ ޕާޓީގެ ރައީސްއެއް ޗެއަރޕާސަންްއެއް ކީއްތަ ޕާޓީގެ ވެރިކަމެއްވެސް ނޯންނާނެއެވެ. މިޕާޓީ ދެމިމިއޮންނަނީ ޕާޓީގެ މެންބަރުންގެ ޚިޔާލާތާ ފިކުރާ ނަޒަރިއްޔާތުގެ މައްޗަށް ބިނާވެ ދިވެހި ގައުމަށް ތެދުވެރިކަމާއިއެކު ޚިދުމަތް ދިނުމަށެވެ. ޕާޓީގެ އުސޫލުތަކުންނާއި ޕާޓީގެ ވެރިކަމުންވެސް ފެނިގެންދާނީ މިޕާޓީގެ މިދެންނެވި މެންބަރުންގެ ބަވައްޗެވެ. އެހެންނަމަވެސް އެންމެހާ މެންބަރުން އެކުވެ ކަނޑައަޅާ ސިޔާސަތެއް އެއީ ކޮންމެ މެންބަރަކުވެސް އިހްތިރާމްކުރާން ޖެހޭނެ ފަލްސަފާއެއް ކަމުގައި ހެތޮހިތުން ގަބޫލު ކުރާން ޖެހޭނެއެވެ. ކޮންމެ މެންބަރަކަށް ވަކި ސިޔާސަތެއް ހިންގުމަކީ އެއްވެސް ޖަމާއަތެއްގެ މެދުގައި ހިންގޭނެ ކަމެއް ނޫނެވެ.
މިޕާޓީގެ މެންބަރުންގެ އެކުލެވިގެން މިވަނީ ތަފާތު ގިންތީގެ މީހުން ހިމެނިގެންނެވެ. މުއްސަނދީންނާއި މެދުފަންތީގެ މީހުން އަދި އަތްމަތިދަތި ކިތަންމެ ބަޔަކު މިޕާޓީގައި ހިމެނެއެވެ. މުޖުތަމައުގައި ނަންހިނގާ އިއްޒަތްތެރީންނާއި ބޮޑެތި ޢިލްމުވެރީން ، އާދައިގެ ފަންތީގެ ކިތަންމެ ބަޔަކު މިޕާޓީގައި އެބަތިއްބެވެ. އަކިކިިއެއްތަ މިގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާއި އެތަކެއް ވަޒީރުންވެސް މިއަދު މިޕާޓީގެ ދަފްތަރުގައި ހިމެނެއެވެ. މިޕާޓީގެ މެންބަރަކު ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީތީވެ މިޕާޓީގެ މެންބަރުން ފަޚުރުވެރިވާނަމަ ލަދުހުތުރު ކުށެއްގައި ބެދިގެން މިޕާޓީގެ މެންބަރަކު ޖަލުގައި އޮތްނަމަ ލަދުވެތިވާންވެސް ޖެހޭނެއެވެ. މިޕާޓީގެ މެންބަރަކު ކުރާ ކޮންމެ ކަމަކީ އެންމެހާ މެންބަރުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން އެކަމުގެ އަސަރު ކުރާނެ ކަމެއްކަން ދަންނާން ޖެހޭނެއެވެ. ކުޑަމިނުން ޕާޓީގެ މެންބަރަކު މިޕާޓީގެ މެންބަރެއް ނޫންމީހަކާ އިނަސް މިޕާޓީއަށް އޭގެ އަސަރު ކޮންމެވެސް ސިފައެއްގައި ކުރާނެއެވެ. އެއީ އެކައިވެނި ކުޅަ މީހަކު މިޕާޓީއަށް ސަޕޯޓު ކުރުން ނުވަތަ ޕާޓީއަށް ވަނުން ނުވަތަ އެފަރާތެއްގެ ޚިޔާލާ އެއްގޮތައް ޚިޔާލު ބަދަލުވެ މިޕާޓީއިން ވަކިވުން ކަމުގައިވިޔަސް މިފަދަ ކަމަކުންވެސް މެންބަރުންގެ ފަރާތުން ޕާޓީއަށް ކޮންމެވެސް އަސަރެއް ކުރާނެއެވެ. އެހެންކަމާއެކު ޕާޓީއެއްގެ ގޮތުގައި މިފިކުރު އެއްކޮއްގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ކިހާވަރެއްގެ ކަމެއްކަން ކޮންމެ މެންބަރަކުވެސް ދަންނާން ޖެހޭނެއެވެ. މިކަންކަމާމެދު ނުވިސްނައި ތިމާގެ ވަކި ބޭނުން ތަކަކައްޓަކައި ބޯގިނަކުރާން އުޅުމަކީ ދެންތިބި އެންމެހާ މެންބަރުންނަށް ވެވޭ ޚިޔާނާތެކެވެ.
ތިމާގެ އަމިއްލަ މަސްލަހަތު ކުރިއަށްނެރެ ޕާޓީގެ މަސްލަހަތު ފުނޑާލާން ގަސްދުގައި މަސައްކަތް ކުރާ ކޮންމެ މެންބަރަކީ މިޕާޓީގެ ދެންތިބި އެންމެހާ މެންބަރުންނަށް ޚިޔާނާތްތެރިވާ މެންބަރެކެވެ. އެމެންބަރަކީ މިޕާޓީގެ ޕީޖީގެ މެންބަރަކަށް ނުވަތަ އެހެން މަޤާމެއްގައި ހުންނެވި މެންބަރަކަސް ހަމަހަމައެވެ. އާންމު މެންބަރެކޭ މިނޫން ގުނަނެއްގެ ވެރިއެކޭ ނުވަތަ ޕާޓީގެ މަގާމަކަށް ކުރިމަތި ލައްވައިގެން އުޅުއްވާ ކެންޑިޑޭޓެކޭ ތަފާތެއް ނެތެވެ. ކޮންމެ ބޭފުޅަކުވެސް ކަންކުރައްވާންވާނީ ޕާޓީގެ މަސްލަހަތައް ވިސްނަވައިގެންނެވެ. އަދި ތިމާމިތަމްސީލު ކުރަނީ ނުވަތަ ބުނާބަހެއް އެރައްދުވަނީ މިޕާޓީގެ އެންމެހާ މެންބަރުންނަށްކަން އެނގިހުރެގެންނެވެ.
މިޕާޓީއަކީ އަޅުގަނޑުވެސް ތިޔައެންމެހާ މެންބަރުންވެސް އެއްވިސްނުމަކަށް އެއްއަމާޒަކަށް ދަތުރު ކުރުމަށް އެއްބަސްވެފައިވާ ރަމްޒެއް ކަމުގައި ވާހިނދު ޕާޓީގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމަކީ އެހެން މެންބަރަކާ ބެހޭ ކަމެއް ނޫންކަމުގައި ހީކުރުމަކީ ކުށެކެވެ. އެއްވެސް ކަމެއް ދެމިއޮންނާނީ އެކަމެއްގެ މަގްސަދު ހާސިލް ކުރުންމަތީ ދެމިތިބިހާ ހިނދަކުއެވެ. ނޫންނަމަ އެކަމެއް ދާދިއަވަހަށް ނެތިހިނގައި ދާނެއެވެ.
ހިތާމަޔާއެކު ދަންނަވަން ޖެހެނީ ކޮންމެވެސް ސަބަބު ތަކަކާހުރެ ނަމަވެސް މިއަދު ފެންނަ މަންޒަރުތަކާއި އަޑުތަކަށް ބަލާލާއިރު އަޅުގަނޑު މެންގެ މެދުގައިވެސް މިދެންނެވި ބީދައިން ޕާޓީއަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރެވެމުންދާތަން ފެންނަމުން ދާކަމުގައެވެ. އަދި މިކަން މިގޮތުގައި ކުރިއަށް ދާނަމަ އެކަމަކީ ބިރުހުރި ކަމެއް ނޫންކަމުގައި ދެންނެވޭނެ ޖާގައެއް ނެތެވެ. އަދި މިއީ ކަމެއް ނޫންކަމުގައި ހީކޮއްލައި ދޫކޮއްލުމަކީ ޕާޓީގެ މަސްލަހަތު ކަމުގައި ނުވާނެކަން ކަށަވަރެވެ. ނަމަވެސް މިކަންކަން ހުއްޓުވުމުގެ ބާރުއޮތީވެސް އަޅުގަނޑުމެންގެ އަތްމަތީގައެވެ. ޕާޓީގެ ވަކި ގުނަނަކުން މިކަންހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޕާޓީއަށް ހެޔޮއެދި ކޮންމެ މެންބަރަކުވެސް މިފަދަ ކަންކަން އަމިއްލައަށް އިސްލާހު ކޮއްލެއްވުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތުތައް އެކިކަންކަމުގައި އިސްކޮށް ޕާޓީގެ މަސްލަހަތު އެކަންކަމުގައި ފުށުއަރަމުންދާނަމަ އެކުރެވޭ ކަމަކީ އަޅުގަނޑުމެން އަމިއްލައަށް ކާންވެގެން މޮޑުނު ތައްޓައް އަމިއްލައަށް ވެލިއެޅުން ފަދަ ކަމެކެވެ.