އެމްޑީޕީގެ ސިޔާސަތަކީ އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސުމަށްފަހު، ކުރިއަށް އޮތް 500 އަހަރު ވަންދެން ވެރިކަން ހިފެހެއްޓުން– މޫސަ

އިބްރާހީމް ރާމިޒް

moosa-haruge-450-x-305

އެމްޑީޕީގެ ސިޔާސަތަކީ އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސުމަށްފަހު، ކުރިއަށް އޮތް 500 އަހަރު ވަންދެން ވެރިކަން ހިފެހެއްޓުން ކަމަށާއި، 2013 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މިހާރުވެސް އެ ހުންނެވީ ވެރިކަމުގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާގައި 2103 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ “2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އެމްޑީޕީގެ މިލްކެއް” ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކީ އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސުމަށްފަހު، ކުރިއަށް އޮތް 500 އަހަރު ވަންދެން ވެރިކަން ހިފެހެއްޓުން ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުން ވެސް ވާހަކަފުޅު ދެއްކެވި ރޭގެ ޖަލްސާގައި މޫސަ ވަނީ ޑީއާރުޕީގެ ތެރޭގައި އޮތް ހަމަނުޖެހުންތަކަށް ވެސް އިޝާރާތްކުރައްވާފައެވެ. އެގޮތުން ޑީއާރުޕީގެ ޒައީމް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް އެޕާޓީގެ ބޭރުންނާއި، އެތެރެއިން ވެސް އެތައް ފާޑުކިޔުމެއް ކުރިމަތިވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދައްކާ އަޑު އިވިގެންނުދާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް “ރައީސުލްޖުމްހޫރިއްޔާގެ އޮފް ކަނޑާލެވޭވަރުގެ” ސިޔާސީ މީހަކު އެމްޑީޕީގައި ވެސް، އެހެން ޕާޓީއެއްގައި ވެސް، މުޅި ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ވެސް ނޫޅޭނެ ކަމަށާއި، އެމްޑީޕީގެ ތެރޭގައި ތިބެ އެޕާޓީގެ ފިކުރާއި އިދިކޮޅަށް ވާހަކަ ދައްކާ މީހުން އިސްލާހްކުރުމަށް ގިނަވެގެން ދެވޭނީ ދެ ފުރުސަތު ކަމަށާއި، 3 ވަނަ ފަހަރަކީ އެމީހަކު ޕާޓީން ވަކިކުރާނޭ ފަހަރު ކަމަށެވެ.
” ޔަގީންކޮށް މިއަރުވަނީ އަޅުގަނޑު މި މަގާމުގައި ހުރިއްޔާ އެކެއް، ދޭއް، ތިންވަނަ އެތި ބުނާއިރު އެމީހަކު ބޭރު ކުރާނަން. ނުބައިތިއްބާނަން. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ފިކުރާއި ޚިޔާލު އަޅުގަނޑުމެންގެ ތެރެއިން ދުއްވާލާ، ހަލާކު ކޮށްލާކަށް މި ޕާޓީން ފުރުސަތެއް ނުދޭނެ.” މޫސަ ވިދާޅުވި އެވެ.