ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

އެމެރިކާގެ ދެކުނުގެ އެކި ސްޓޭޓްތަކަށް އަރަމުންދާ ބާރުގަދަ ތޫފާންތަކުގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، އަދި މުދަލަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެމެރިކާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް އޮބާމާއަށް އަދި މި ހާދިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައި، އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.