މެންބަރުންގެ ޚިޔާލު: ހަތަރު އަނގޮޅި އެއްގެ މެދުގައި!

ފުނަމާ

mdp-muzaahara

މިއަދު މުޅިރާއްޖޭގެ ގައިމުވެސް ގިނަބައެއްގެ ނަޒަރު ހުއްޓިފައި މިވަނީ މިޕާޓީގެ އެތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ މުހިންމު އިންތިޚާބު ތަކާ ދިމާލަށެވެ. ޕާޓީގެ މުހިންމު ގިނަ މަޤާމުތަކަކަށް މެންބަރުން ކަނޑައެޅުމަށް މިމަހުގެ 30 ވަނަ ދުވަހު އެމްޑީޕީން މިބާއްވާ އިންތިޚާބު ވެގެންދާނީ މިޕާޓީގެ މެންބަރުންގެވެސް ގިނަގުނަ އުންމީދު ތަކެއް އެކަމާ ގުޅިފައިވާނެ އިންތިޚާބެއް ކަމުގައެވެ.
މިފުރުސަތުގައި އެންމެބޮޑަށް މިޕާޓީން ސަމާލުވެ ވިސްނާން ޖެހޭނެ އެއްކަމަކީ ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކުގެ މިފަދަ އިންތިޚާބުތަކުގަައި ކަންވެދަމުންދާ ގޮތައް މިއިންތިޚާބުތަކުގެ ސަބަބުން މިޕާޓީގެ އެތެރޭގައި ހަމަނުޖެހުންތަކެއް އުފެދުމަށް ފުރުސަތު ނުދިނުމަށެވެ. މިޕާޓީއަކީ ޕާޓީގެ އެތެރޭގެ ޑިމޮކޮރަސީ އެންމެ ވަރުގަދަ ޕާޓީއޭ މިބުނާ ބުނުން ނަމޫނާއެއްގެ ގޮތުގައި ފުރިހަމަޔައް ދިވެހި ރައްޔިތުންނަށް ދައްކައި ދިނުމެވެ. އެހެނިހެން ސިޔާސީ ޕާޓީތަކަށް ރިވެތި މަގުން ހިނގުމަށް މަގުދެއްކުމެވެ. މިޕާޓީގެ މެންބަރުންނަށް މިޕާޓީގެ ކުރިމަގުގެ އުންމީދުތައް ފުރިހަމަ ކުރުމަށް ސާބިތުވެ ތިބުމުގެ އުންމީދު މިހާރައްވުރެ ބޮޑަށް އިތުރު ކޮއްދިނުމެވެ.
މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމުގެ ބާރު އޮތީ ހަމަ މިޕާޓީގެ ލޮބުވެތި މެންބަރުންގެ އަތްޕުޅުގެ މަތީގައެވެ. ޕާޓީގެ މަގާމުތަކަށް ކުރިމަތި ލައްވައިގެން އުޅުއްވާ އެންމެހާ ފަރާތްތަކުން ގެންގުޅުއްވާ އުސޫލުތަކަކީ ހަރުދަނާ އުސޫލުތަކަކަށް ވާންޖެހޭ ބީދައިން ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ އެންމެހާ މެންބަރުންވެސް ލާމަސީލު މިސާލުތަކެއް ދައްކުވައި ދީގެންނެވެ. ޕާޓީގެ އެންމެ މުހިންމު އެއް ގުނަން ކަމުގައިވާ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިޚާބު މިހާރުއެވަނީ ނިމިފައެވެ. ވާދަވެރި ގޮތެއްގައި ނިމިދިޔަ މިއިންތިޚާބު ނިމިގެން ދިޔައިރު އެއްވެސް ހަމަނުޖެހުމެއް ފެނިގެން ނުދިޔަކަމީ ރަނގަޅު ފާލެކެވެ. އެންމެ ދެވޯޓުގެ ތަފާތަކުން މިއިންތިޚާބު ނިމިގެން ދިޔައިރު މިއިންތިޚާބަކީވެސް ޕާޓީގެ އެތެރެއަށް ލޮޅުންތަކެއް ގެނުވާނެ އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ” އުފާވެރި ” އިންތިޒާރުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ތިބިކަން އެއީ ހަގީގަތެކެވެ. ޕީޖީގެ ރައީސް ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި ހަމައެކަނި ވޯޓުލީ އެގުރޫޕުގެ މެންބަރުން ކަމުގައި ވާތީވެ އެއިންތިޚާބު އެހާ އޮމާންކޮށް ނިމިގެން ދިޔަނަމަވެސް ޕާޓީގެ ރައީސް ކަމުގެ މަގާމަށާއި ނައިބުރައީސްގެ މަގާމަށް ބޭފުޅަކު ކަނޑައެޅުން މާސަހަލުކޮށް ނިމިގެން ނުދާނެކަމުގައި މިހާރުވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. މިދެ މަގާމަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންގެ މެދުގައި ހިނގަމުންދާ ވާދަވެރި ކެމްޕެއިންގެ ސަބަބުން އިދިކޮޅު ފަރާތްތަކުން އެކުރާ އުންމީދުތައް ހަޤީގަތަކަށް ވެގެން ދާނެކަމުގައި އެފަރާތްތަކުން ޔަޤީންކަމުގައި މިކެމްޕެއިން ހޫނުގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާކަންވެސް ފާހަގަ ކުރެވެއެވެ.
އެމްޑީޕީ މިއަދު މިއޮތް މަޤާމަށް މިއައީ މިފަދަ ކިތަންމެ އިންތިޚާބެއް ހުރަސް ކުރުމަށް ފަހުގައިކަން އެއީ ހަޤީގަތެކެވެ. މީގެކުރީންވެސް މިފަދަ ކިތަންމެ އިންތިޚާބެއް މިޕާޓީގެ މެންބަރުން ވަނީ ހިއްސާ ކޮއްފައެވެ. ރިޔާސީ ކެންޑިޑޭޓަކު ނެރުމައްވެސް ޕްރައިމަރީއެއް ބޭއްވި ހަމައެކަނި ޕާޓީއަކީ މިއީކަމާމެދު ޝައްކެއް ނެތެވެ. އަދި މީގެ ކުރީން ބޭއްވުނު މިފަދަ ކޮންމެ އިންތިޚާބެއްވެސް ބޭއްވިގެން ގޮސްފައިވަނީ ވަރަށް ހޫނުގަދަ ވާދަކުރުން ތަކުގެ ތެރޭގައިކަންވެސް ފާހަގަ ކޮއްލަމެވެ. ނަމަވެސް ޕާޓީގެ މެންބަރުންގެ އަދަދަށް މިއަދު އައިސްފައިވާ ބަދަލާ އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިޕާޓީގެ މަޤާމަކީ ކޮބައިކަމުން މިފަހަރުގެ އިންތިޚާބު ތަކަކީ ޔަގީނުންވެސް ވާދަވެރި އެހާމެ ހޫނު ގަދަވެގެން ދާނެ އިންތިޚާބު ތަކެއް ކަމުގައި ގަބޫލު ކުރާން ޖެހެއެވެ. އެއީ މިޕާޓީން އެދޭ އަދި ތަޢާރަފު ކުރިކަމެކެވެ. މިޕާޓީގެ އިންތިޚާބު ތަކަކީ ވާދަވެރި އިންތިޚާބު ތަކަކަށް ހެދުމަކީވެސް މިޕާޓީގެ އެއްލަނޑު ދަނޑިކަމުން މިކަން މިގޮތުގައި ހިގަމުން ދިއުމަކީ މިޕާޓީގެ ގިނަ މެންބަރުން އެކަމާ ހާސްވެ ކަންބޮޑުވާނެ ކަމެއް ނޫންނަމަވެސް މަދު ބައެއް މެންބަރުން މިކަމުގައި ކަންބޮޑުވުމެއް ގެންގުޅެވެސް ފާނެއެވެ. ވަކިމީހަކު އަންގާގޮތަކަށް ވޯޓުދީ ވަކިމީހެއްގެ ވަށައިގެން އެނބުރުމަށް އާދަވެ ޑިމޮކްރަސީއަކީ ހަމައެކަނި ލޭބަލެއްގެ ގޮތުގައި ބޭނުންކުރާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް މިކަން ހިނގާގޮތް ނޭގި ޅޮސްއުނދޯއްޔެއްގެއި ތިބިނަމަވެސް އެމްޑީޕީގެ މެންބަރުން މިކަމާ ކަންބޮޑެއް ނުވާނެއެވެ.
މިފަހަރުގެ އިންތިޚާބުތައް ނިމިގެންގޮސް ޕާޓީ އަލުން އާރޫހަކާއެކު ހިނގައިގަތުމުގެ އިންތިޒާރުގައި މެންބަރުން ތިބިއިރު މީގެ ކުރީން ބައެއް އިންތިޚާބު ތަކުގައި ކަންވީގޮތައް އަރައިދާނެ ލޮޅުމަކަށްވެސް މެންބަރުން މިތިބީ ފިސާރި ސަމާލުވެއެވެ. މިޕާޓީ މިހާތަނަށް ކޮއްފައިވާ ތަޖުރިބާ ތަކުގެ އަލީގައި މިޕާޓީގެ ބިންގަލަށް އެއްވެސް ގުޑުމެއް އަރައިގެން ދިޔަނުދީ ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިޕާޓީގެ މެންބަރުން ވާނެކަމީ ކޮންމެ މެންބަރަކަށްވެސް އޮންނާނެ ކަށަވަރުކަމެކެވެ. އެހެނަސް ގަބޫލު ކުރާންޖެހޭ ހަޤީގަތަކީ މިވަގުތު ޕާޓީގެ އެންމެހާ މެންބަރުންވެސް މިތިބީ ސިޔާސީގޮތުން ހަތަރު އަންގޮޅި އެއްގެ މެދުގައި ކަމެވެ. ވެރިކަމުގެ ދައުރު ދެބައިވުމާ ގާތްވެފައިވުމާ މެނިފެސްޓޯއާއި ގުޅޭ ކަންކަން ނިންމައިލުމަށް ބާކީއޮތް މުއްދަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ އިތުރުން 2013 ގެ އިންތިޚާބުގައި މިއެދޭ ލަނޑުދަނޑިއަށް އޮމާންކަމާއެކު ވާސިލްވުމަށް ދުވެލި ހަލުއިކޮށް އަލުންއާ ރޫހަކާއެކު މަސައްކަތް ފަށައިގަތުމަށް މިވަގުތައް އެންމެ ބޭނުންތެރިވެފައި އޮތީ ކުރިމަތިވަމުން މިއަންނަ ޕާޓީގެ އިންތިޚާބުތައް ކަމުގައި ވުމާއެކު އިންތިޚާބުތައް ނިމިގެން ދާގޮތެއްގެ އިންތިޒާރުގައި މިޕާޓީގެ މެންބަރުން މިގެންދަނީ ކެއްތެރި ކަމާއެކު ދުވަސްތައް ގުނަމުންނެވެ. މިއިންތިޚާބު ތަކުގެ ސަބަބުން ނުރަނގަޅު އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށް އޮންނާނެއެވެ. އެހެންކަމުން އިންތިޚާބުގެ ނަތީޖާ އައްފަހުގައި އެމްޑީޕީ މިހާރު މިތިބަހިސާބުން ބޭނުންވާ އަމާޒަށް ވާސިލްވުމަށް ބޭނުން މަގަކުން ކުރިއަށް ހަލުއިކަމާއެކު ދަތުރުފަށާނީ މަގުނޯޅި ފައިހަމަކުރަމުންނެވެ. މިކަމުގައި އެންމެހާ މެންބަރުންނާއި ކެންޑިޑޭޓުންގެ ހުރިހާ އެއްބާރުލުމެއް މިޕާޓީއަށް އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ކޮންމެ މެންބަރަކަށްވެސް އޮންނާނެއެވެ.