މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

president_nasheed

ޑޮލަރުގެ އަގުތައް ކަނޑައެޅިފައިވާ މިންގަނޑުގެ މެދަށްވުރެ ދަށަށް، ދާދި އަވަހަށް ޖެހި، މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ދިވެހި ރުފިޔާ، ހަމައަގުގައި ހިފެހެއްޓެވުމަށް މި ސަރުކާރުން ފެށުނީއްސުރެ ތަފާތު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާފައިވާނޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިރުޝާދާއި ލަފާގެ މަތިން، ދައުލަތާއި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޑޮލަރުގެ އަގަށް މިއައި ބަދަލާ ގުޅިގެން، ރައްޔިތުންނާއި ވިޔަފާރިވެރިން މިކަމުގައި ބަހައްޓަވަމުން ގެންދަވާ ކެތްތެރިކަމާއި އަދި ސަރުކާރަށް ކުރައްވަމުން ގެންދަވާ އިތުބާރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ތަކެއްޗާއި ޚިދުމަތުގެ އަގުތައް ބޮޑުވާކަމަށް ވާހަކަ ދެކެވުނަސް، މައިގަނޑު، އަދި ކަންބޮޑުވާވަރުގެ ލޮޅުންތަކެއް ބާޒާރަށް އަންނަމުންދާކަމަށް ނުބެލެވޭ ކަމުގައި ތަފާތު ވިޔަފާރިވެރިން ބުނަމުން ގެންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަބަބަކީ، މީގެ މަސްތަކެއް ކުރީއްސުރެ ޑޮލަރުގެ އަގު ވިޔަފާރިވެރިން ހިސާބު ކުރައްވަމުން ގެންދަވާފައި ހުރީ، މިހާރު ހުއްދަ ކުރެވިފައި އެވާ މިންގަނޑުގެ މެދަށްވުރެ މަތީގައި ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ކަނޑައަޅާގޮތާއި، ޑޮލަރު އަދި ދިވެހި ރުފިޔާ ހަމައަގަށް ގެނައުމުގެ މަސައްކަތް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މެދުވެރިވާ ހުރަސްތައް ކަޑައްތު ކުރުމުގެ ދާއިމީ ޙައްލުތަކެއް ހޯދުމާ ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދު މުއްސަނދި ކުރުމާއި، ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ނިސްބަތުން އެކަށޭނަ މަންފާއާއި ލާބަ ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަބަދުގެވެސް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި އިޤްތިޞާދީ އަދި މާލީ ބައެއް ކަންކަމަށް ކޮންމެހެން ގެންނަވަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަވަމުން ގެންދަވާކަންވެސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚީޠާބުގައި، ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމާއި، އަދި ހަމައެއާއެކުގައި އެކްސްޗޭންޖް ރޭޓް ބަންދުން ވީއްލުމާއި، ހަމައެހެންމެ، ބިން ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގުމާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް އިތުރުކޮށް، ސަރުކާރުން ވިޔަފާރިކުރުން މަދުކުރުމާއި، މި އެންމެ ކަންކަން އެކުލެވޭ މާލީ އަދި އިޤްތިޞާދީ ނިޒާމެއް ޤާއިމު ކުރުމަކީ، ރާއްޖެއަށް މިވަގުތު ނުހަނު ބޭނުންތެރިކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި މަޑުމަޑުން ނަމަވެސް މި ބޮޑެތި ބަދަލުތައް މިހާރު މިގެނެވި ފުރިހަމަ ކުރެވުނީ ކަމަށާއި، މި ނިޒާމުގެ ތެރޭގައި ފައްކާވުމަށް ކުޑަހިނދުކޮޅެއް ނެގުމަށްފަހުގައި، އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖެ، ކުރިއަރައި ތަރައްޤީވެ ދިޔުމަކީ، ވަރަށް ގާތުގައި އޮތް ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.