މެންބަރުންގެ ޚިޔާލު: ޝަރުތުތައް ހަމަވާން ޖެހެއެވެ!

ފުނަމާ

މިހާރަކަށް އައިސް ފޯވަހި ފޯވައްސައް ރައްޔިތުންގެ މަޖްލިސްއަށް ވައްދައި އެންމެ އަޑުބާރުކޮށް ބަހުސްކުރެވޭ އެއް ބިލަކީ މަރަށް މަރުހިފުމާ ގުޅޭގޮތުން ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށައެޅި ބަހުސްކުރެވޭ މައްސަލައެވެ. މަރަށް މަރުހިފުމަކީ އިލާހިއްޔަ ޙުކުމް ފުޅެއް ކަމުގައި ވާހިނދު އެކަމާ އިންކާރު ކުރެވޭނެ އެއްވެސް މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް މިމައްސަލައަކީ އިލްމުވެރީންގެ މެދުގައިވެސް ބަހުސް ކުރެވޭ މައްސަލައެއް ކަމުގައި ވާކަމީ ސުވާލު އުފެދޭ ކަމެކެވެ.
އާދޭހެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އެކުލެވިގެން ވާންނާނީ އިސްލާމީ ޝަރީއަތުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ކަމުގައި އިގްރާރު ވާހިނދު ރާއްޖޭގައި އެއްވެސް ގާނޫނެއް އިސްލާމީ ޝަރީއަތާ ޚިލާފަށް ހެދިފައި ނުވާނެކަމަށް ގަބޫލުކުރާން ޖެހޭނެއެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާއިން އިސްލާމްދީނުގެ ހުކުމަކާ އިދިކޮޅަށް ހުކުމް ކުރެވޭނޭ ގާނޫނެއް އަދި ހުކުމަކާ އެއްގޮތައް ހުކުމެއް ނުކުރެވޭނޭ ގާނޫނެއް ނޯންނާނެއެވެ. މާފުދިނުމުގައި ހާކިމާއަށް ނުވަތަ ތަންފީޒީ ބާރުތަކަށް ލިބިދީފައިވާ ބާރުތަކެއް ހަނިކުރުމާ ފުޅާކުރުމަކީ ގާނޫނީ ގޮތުން އެކަން ބަދަލު ކުރެވިދާނެ ކަމަކަށް ވާތީވެ މިބަހުސް އެގޮތައް ކުރިއަށް ދަނީކަމުގައި ވެދާނެއެވެ.
އިސްލާމް ދީނަކީ އެންމެހާ އިންސާނިއްޔަތައް ބާވައި ލެއްވިގެންވާ ދީނެކެވެ. އެންމެ ފުރިހަމަ ދީނެވެ. އާލަމްތަކަށް ރަހުމަތެއްގެ ގޮތުގައި ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު ސ އ ވ މެދުވެރި ކުރައްވައި އިސްލާމްދީން މިވަނީ މީގެ އެތަކެއް އަހަރު ކުރީން ފުރިހަމަ ކުރައްވަވާފައެވެ. އަޅުގަނޑުމެން ދިވެހީންނަކީ މީގެ އަށްސަތޭކަ އެތަކެއް އަހަރު ކުރީން އިސްލާމްދީން ޚިޔާރުކޮށް ބަލައިގަނެގެން އުޅޭ ބައެކެވެ. އިސްލާމްދީނާ އިސްލާމީ ޝަރީއަތަކީ ދިވެހީންނަށް އާ އެއްޗެއް ކަމުގައި ބުނާނެ ޖާގައެއް ނެތެވެ. މިއަކީ އިއްޔެއަކު މިއަދަކު ދިވެހީން ނާއި ހަމަޔަށް އައި ނިޒާމެއް ނޫނެވެ. ނޭނގިގެން އޮޮޅުން ނުފިލައިގެން އުޅެން ޖެހޭނެ ކަމެއްވެސް ނުމެނޫންމެއެވެ. މިހާތަނަށްވެސް ދިވެހިރާއްޖޭގައި މިދަނީ އިސްލާމީ ޝަރީއާ ގާއިމް ކުރެވެމުންނެވެ. މިވޭތުވެދިޔަ އެތައް ގަރުނެއްގައި ރާއްޖެއިންނާއި ރާއްޖޭން ބޭރުގެ ދީނީ އިލްމުވެރީން ވަނީ ދިވެހި ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް މިންނަތް މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް މިއަދު ރާއްޖޭގެ ހާލަތަށް ބަލާލާއިރު މިއީ އިސްލާމީ މުޖުތަމައެކޭ ބުނުމަށް ލަދުގަންނަން ޖެހޭފަދަ އެތައް ކަންތައް ތަކެއް މިދަނީ ހިނގަމުންނެވެ. ދުވަހުން ދުވަހަށް އިތުރުވެ ފުޅާވަމުން މިދާ ކުށުގެވެށި މިގައުމު މިވަނީ ނާމާން ކޮށްފައެވެ. ކޮންމެ ރައްޔިތަކު ބިރުން ފިއްކަނޑައިގެން ދާފަދަ އެތަކެއް އަޑުތައް މިދަނީ އިވެމުންނެވެ. މާރާމާރީ ހިންގުމާ މީހުން މެރުމަށް އުފެދިފައިވާ ތިރީސް ގޭންގު ފުރަމާލޭގައި އެބައޮތޭ ބަޔަކު ބުނާކަމީ އަޖާބުވާންޖެހޭ ކަމެކެވެ. އަދި މިއައްވުރެ ކަންބޮޑުވަނީ މިކަމަކީ ސިޔާސީ ކޯޅުން ތަކުގައި އެކިގޮތްގޮތައް ދެކެވޭ ކަމަކަށް ވާކަމެވެ.
މީގެ އަހަރު ތަކެއްގެ ކުރީންވެސް ރާއްޖޭގައި ގަސްތުގައި މީހުން މެރުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ގާމާދޫ ޖަލުގައި ހުރި ގައިދީއަކު ހައްވައްތަ މަރާލުން އަޒްލީނާގެ މަރުފަދަ ކިތަންމެ ޖަރީމާއެއް މިރާއްޖޭގައި ހިންގާފައި ވެއެވެ. ފޭރުމާއި ވައްކަމުގެ ކިތަންމެ ކިތަންމެ ހާދިސާއެއް މިގައުމުގައި މީގެ ކުރީން ހިންގާފައިވާއިރު އެއިރު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާމީހާގެ ކުށް ސާބިތު ކުރުމަށް ފުލުހުންނަށް ހައްދެއްނެތި ބާރުތައް ލިބިދީފައިވެއެވެ. މަގުމަތީން މީހަކު ހިނގާލާފައި ދާގޮތަކުން ހައްޔަރު ކުރާން ބޭނުންވިޔަސް ކޯޓެއްގެ އަމުރު ހޯދާކަށް ނުޖެހެއެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައިސް މިއަދު އަމަލު ކުރެވެމުން މިދާ ގާނޫނަށް ބަލާލާއިރު މީހަކު ހައްޔަރު ކުރުމަކީ މިއަދު ކޮންމެ ކޮންމެ ގޮތަކަށް ކުރެވޭން އޮތްކަމެއް ނޫނެވެ. ކުރިމަތީގައި މީހަކު މެރިޔަސް ޖަރީމާ ހިންގިމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓެނީ ކޯޓުތަކުން ހުއްދަދިނިއްޔާއެވެ. އަދި ތަހުގީގު ނިމުނަސް ނުނިމުނަސް މީހާ ދޫކޮށްލާންވެސް އެބަޖެހެއެވެ. ސިޔާސީ ގޮތުން ނާއި އެހެނިހެން ގޮތްގޮތުންވެސް ސަރުކާރަށް މިކަންކަން ހުއްޓުވުމަށް ލިބިފައިވާ ފުރުސަތުތައް ވަނީ ހަނިކުރެވިފައެވެ. މިކަން ހެޔޮހިތުން ގަބޫލު ކުރިޔަސް ނުކުރިޔަސް މިކަމުގެ ނާޖާއިޒު ފައިދާ ކުއްކުރާ މީހުން ނަގަމުން ނަގަމުން ގޮސް މުޅިގައުމު މިއަދު މިވަނީ ނާމާން ޖައްގައްޔަކަށް ބަދަލުވެފައެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި ސިޔާސީ ލީޑަރުންގެ ނަމުގައި ކުއްވެރީންނަށް ކުއްކުރުމަށް ބާރުދެވޭ ކަންކަން ނޭނގިނަމަވެސް ކުރެވެމުން ދާކަމީ ހިތާމަ ހުރިކަމެކެވެ.
މަރަށް މަރުހިފުމަކީ އިސްލާމް ދީނުގައި ބާވައި ލައްވާފައިވާ ހުކުމެކެވެ. އެކަމާ އިންކާރެއް ނުކުރަމެވެ. އެހެނަސް ވިސްނާލައްވާށެވެ. މަހުޝަރުގެ މައިދާނުގައި އިންސާނުންގެ އަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަމަލަކީ ނަމާދެވެ. ނަމާދަކީ އިސްލާމް ދީނުގެ ތަނބު ކަމުގައި ލައްވައި ނަމާދު ނުކުރުމަށް އެއްވެސް އުޒުރެއް ނެއްއިރު އިންސާނާ ކުރާ ނަމާދު ސައްޙަ ވުމަށް އެތައް ޝަރުތުތަކެއް މިވަނީ ލައްވަވާފައެވެ. ނަމާދު ގަބޫލު ވެވިގެންވަނީ މުސްލިމުންގެއެވެ. އެމީހާއަކީ މުސްލިމަކަށް ވުމުގެ އިތުރުން ދެހަދަސުން ކުރެ ހަދަސްވެރި އަކަށް ވެގެން ނުވެއެވެ. ނިޔަތަކާއެކު ވުޟޫ ކުރާން އެބަޖެހެއެވެ. ނަމާދުގެ ވަގުތު ބަލާން ޖެހެއެވެ. އައުރަ ނިވާކުރާން ޖެހެއެވެ. ނިޔަތާއިއެކު ނަމާދުގެ ހުރިހާ ރުކުނެއް ފުރިހަމަ ކުރުމުން މެނުވީ ނަމާދު ފުރިހަމައެއް ނުވެއެވެ. ބައެއް ހާލަތްތަކުގައި މީގެ ބައެއް ކަންކަމުގައި ލުއިތައް ދެއްވާފައިވާ ކަންވެސް ގަބޫލު ކުރަމެވެ. ނަމަވެސް އިސްލާމަކަށް ވުމަށްފަހު އެންމެ އިސްކަން ދޭންޖެހޭ ނަމާދު ފުރިހަމަ ވުމުގައިވެސް ޝަރުތުތަކެއް ލައްވާފައި ވާއިރު މަރަށް މަރުހިފުމަށް އެންމެ ފުރިހަމަ ގޮތުގައި އެކަން ކުރެވޭފަދަ ގާބިލްކަން ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރިތޯ ޝައްކެއްނެތި ޔަގީން ކުރަން ޖެހެއެވެ. މިކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވި އެކުރެވޭ ހުކުމް ތަކަކީ ސައްޙަ ހުކުމް ތައްކަމުގައި ޝައްކަކާނުލައި ގަބޫލުކުރެވޭނަމަ މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ އެއްވެސް ހުއްޖަތެއް އޮވެގެން ނުވާނެއެވެ. ނަމަވެސް ކަންއޮތީ މިހެންތޯ ވިސްނާލުމަކީ މުހިންމު ކަމެކެވެ. ސިޔާސީ ބޭނުމެއްގައި ނުވަތަ ތިމާއަކީ މާބޮޑު ދީންވެރިއެއް ކަމުގައި ދެއްކުމަށް މިވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ކުރެވިގެން ވާނެ ކަމެއް ނޫނެވެ.