އެމްޑީޕީގެ ނައިބު ރައީސްކަން ލިބިއްޖެ ނަމަ ޒުވާނުންނަށް އެންޓަރޓެއިންމަންޓް ސެންޓަރެއް ގާއިމްކުރުމަށް މަސައްކަތްކުރާނަން – އަލްހާން

އިބްރާހީމް ރާމިޒް

alhaan-youth-night-450-x-300

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފިނަމަ ޒުވާނުންނަށް އެންޓަރޓައިންމަންޓް ސެންޓަރެއް ގާއިމްކޮށްދެއްވާނޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
“އަލްހާންސް ޔޫތު ނައިޓް” ގެ ނަމުގައި ރޭ ވެސްޓް ޕާރކް ރެސްޓޯރަންޓްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖޭގެ ކޮންމެވެސް އެއް ސަރަހައްދެއްގައި ޒުވާނުންނަށް ޚާއްސަކޮށްގެން އެންޓަރޓެއިންމަންޓް ސެންޓަރެއް (މުނފޫހިފިލުވާ މަރުކަޒެއް) ގާއިމްކޮށްދެއްވުމަށް އޭނާގެ ސިޔާސަތުތަކުގެތެރޭގައި ކަނޑައަޅުއްވައިގެން މަސައްކަތްކޮށްދެއްވާނޭ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީއަށް ތަފާތުއެކި ހަފްލާތަކުގައި ތައުރީފްކުރައްވާ، އަލްހާން އިތުރަށް ވިދާޅުވީ އެމްޑީޕީއާ އޭނާ ގުޅުނު ފަހުން ސަރުކާރަށް ވެސް އަދި ޕާޓީއަށް އޭނާ ލަފާއަރުއްވާފައިވާ ކަމަށާއި، އަދި އެލަފާ ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީ ނިކުންނައިރު، ޒުވާނުންނަށްޓަކައި ވަރަށް ޚާއްސަ ކަންތައްތަކެއް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނުއްވާނޭ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި ޙަފްލާގައި ޒުވާނުންގެ ޙާލަތަށް ބައްލަވާލައްވަމުން އަލްހާން ވިދާޅުވީ ވޭތުވެދިޔާ 30 އަހަރުގެ ނުސިޔާނު ސިޔާސަތުގެ ސަބަބުން، އޭނާއާ އެއް އުމުރެއްގެ ޒުވާނުންނަށް މަސްތުވާތަކެއްޗާއި، މާރާމާރީތަކުގެ ސަބަބުން ލިބެމުންދާ ގެއްލުމާއި، ގެދޮރުގެ ދަތިކަމާއި، ވަސީލަތްތަކުގެ މަދުކަމުން ޒުވާނުން އުޅެންޖެހިފައިވާ ދަތި ހާލުން ޒުވާން ޖީލު ސަލާމަތްކުރުމަށް ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ޒުވާނުންނަށް ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ.