އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަސްލަމްގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދަރުބާރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.
މި ޖަލްސާ އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށާއި، މިރޭ 9.00 ގައި ފަށާ މި ޖަލްސާ އެމްއެންބީސީ ވަން އިން ވަގުތުން ދުރަށް ދައްކާނޭ ކަމަށް އަސްލައިމް ކެމްޕެއިން އޮފީހުން މައުލޫމާތު ދެއެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް މިނިސްޓަރ އަސްލަމްގެ އިތުރުން ދެން ކުރިމަތިލެއްވީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ގ.ކަކާގެ އާގޭ ޙުސައިން އާދަމް (އާދަމްބެ) އާއި، މިނިސްޓަރ އޮފް ސާޓޭޓް ފޯ ފައިނޭންސް އަސްލަމް މުޙައްމަދު ޝާކިރުއެވެ. އެހެން ނަމަވެސް އަސްލަމް ޝާކިރުވަނީ އެބޭފުޅާގެ ނަން އަނބުރާ ގެންދެވުމަށްފަހު އަލްހާން ފަހުމީއަށް ތާޢީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
މިނސްޓަރ އަސްލަމްގެ ކެމްޕެއިން ޖަލްސާ އެއް މިރޭ ބާއްވާއިރު އަލްހާން ފަހުމީ ވެސް ވަނީ ރޭ “އަލްހާންސް ޔޫތު ނައިޓް” ގެ ނަމުގައި ރޭ ވެސްޓް ޕާކްގައި ކެމްޕެއިން ޙަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.