ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެއަށް ޒިޔާރަތް ކުރައްވައިފި

14 އޭޕްރިލް 2011

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިއްޔެ މެންދުރުފަހު ހުޅުމާލެއަށް ޒިޔާރަތް ކުރައްވައި، ހުޅުމާލޭގައި ހިނގަމުންދާ މަޝްރޫޢުތައް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހައުސިންގ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، ރާއްޖޭގައި 10000 ހައުސިން ޔުނިޓް ޢިމާރާތް ކުރެއްވުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުގެ ދަށުން، ސަރުކާރުން 1700 ހައުސިން ޔުނިޓް ބިނާކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވެއެވެ.

މިގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ތައިލެންޑްގެ ޕްރުކްސާ ގުޅިގެން، ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ކޮރަލް ވިލްގެ 1120 ހައުސިން ޔުނިޓްގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައިމަހު ފެށި، މުޅި މަޝްރޫޢުގެ 45 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. މީގެއިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި، ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވެއެވެ. މިދިޔަ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވި މި މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން، މި މަޝްރޫޢު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބިން ސާފުކޮށް، މިހާރު ކުރަމުންދަނީ އެކޮމޮޑޭޝަން ބްލޮކްތަކުގެ މަސައްކަތެވެ. އަދި ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ 12 ރޯހައުސްގެ މަސައްކަތުގެ 80 އިންސައްތަ މިހާރުވަނީ ނިމިފައެވެ. މީގެއިތުރުން، އަމިއްލަ ދެ ކުންފުންޏަކުން، ހުޅުމާލޭގައި ޖުމްލަ 232 ކޮންޑޮމިނިއަމް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށް އެބަ ގެންދެއެވެ. އަދި ޖުމްލަ 30 އެޕާޓްމަންޓްގެ ތިން އެޕާޓްމަންޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ މަސައްކަތްވެސް، އަމިއްލަ ތިން ކުންފުންޏަކުން ހުޅުމާލޭގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި، ހުޅުމާލޭ ޣާޒީ ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސްކޫލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ. އަދި ހުޅުމާލޭ ޕްރީ ސްކޫލަށް ޒިޔާރަތް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިހާރުވަނީ ފަށްޓަވާފައެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވަޑައިގަތީ ދިއްފުށްޓަށެވެ. ރައީސުލްޖުމްހޫރިއްޔާ، ދިއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.