ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކަކީ ޕާޓީ ބިނާކުރުމުގެ އެންމެ މުހިއްމު އެންމެ އިސް މަރުހަލާ – އަސްލަމް

އިބްރާހީމް ރާމިޒް

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކަކީ ޕާޓީ ބިނާކުރުމުގެ އެކި މަރުހަލާތަކުގައި އަންނަ އެންމެ މުހިއްމު އަދި އެންމެ އިސް މަރުހަލާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ފެންބިލްޑިންގ ކައިރީގައި ހުންނަ މއ. މަނަސްގައި ރޭ، އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ އެ ޕާޓީތައް މެދުވެރިކޮށް ވެރިކަން ހިންގާ ނިޒާމުގެ ތެރޭގައި ރައްޔިތުންނާއި، ސަރުކާރު ގުޅުވައިދޭ ފަރާތް ކަމަށާއި، އެހެންކަމުން ޕާޓީގެ އިސް މަގާމްތަކަށް އިންތިޚާބުކުރާ ބޭފުޅުންނަކީ ޕާޓީގެ އާންމު މެންބަރުންގެ ޝުއޫރުތައް ދަންނަ، މެންބަރުން ބޭނުންވާ ގޮތްތައް އަޑުއަހާ، ވިސްނުންތެރިކަމާއެކު ސަރުކާރު ހިންގުމުގެ ތެރޭގައި އެކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރަށް ބާރުއަޅާ ބަޔަކަށް ވާންޖެހޭނޭ ކަމަށެވެ.
އަސްލަމް އަދި ވިދާޅުވީ އިންތިހާބުގެ ވޯޓުލާ ހިސާބަށްދާއިރު އެންމެ ދެކެންބޭނުންވަނީ ޕާޓީގެ 45،000 މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާން ނިކުމެ ވޯޓުލުން ކަމަށާއި، ޕާޓީގެ ޙަރަކާތްތަކުގައި އާންމު މެންބަރުން ބައިވެރިވެ ޕާޓީގައި އުޅުމުގެ ޝައުގުވެރިކަން ހާމަވާނީ ވީހާވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެހެން ނުވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކަށް ލިބިގެންދާނީ މުޅިން ގޯސް މެސެޖެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޒާހިރު އާދަމް ވެސް އަސްލަމްއަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ޒާހިރު އާދަމް ދެއްކެވި ވާހަކަފުޅުގައި އަސްލަމް އަކީ ޕާޓީ އުފެދުނީއްސުރެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ ދެން ވެސް އެމްޑީޕީ ހިންގުމުގެ މަސްއޫލިއްޔަތު އެންމެ ރަގަޅަށް އަދާކުރެވޭނީ އަސްލަމް އަށް ކަމަށް ވިދާޅުވިއެވެ.